ބޭރު ކުޅިވަރު

މަޓިޗްގެ ސަސްޕެންޝަން ކުޑަކޮށްފި

އިނގިރޭސި ލީގުގައި ބާންލީއާ ދެކޮޅަސް ކުޅުނު މެޗުގައި ދެއްކި ރަތްކާޑާ ގުޅިގެން ޗެލްސީގެ ސާބިއާ މިޑްފީލްޑަރު ނެމަންޔާ މަޓިޗް އަށް ކުރިން ދިން ތިން މެޗުގެ ސަސްޕެންޝަން، ދެ މެޗަށް ކުޑަކޮށްފި އެވެ.

އިނގިރޭސި ފުޓްބޯލް އެސޯސިއޭޝަންގެ އިންޑެޕެންޑަންޓް ރެގިއުލޭޓަރީ ކޮމިޝަން އިން މަޓިޗްގެ އަދަބު ކުޑަކުރީ ޗެލްސީން އެ މައްސަލަ އިސްތިއުނާފް ކުރުމުންނެވެ.

ބާންލީއާ ދެކޮޅަށް ހޮނިހިރު ދުވަހު ޗެލްސީ ކުޅުނު މެޗުގައި މަޓިޗް އަށް ރަތްކާޑު ދެއްކީ އޭނާ އަށް ބާންލީގެ އޭޝްލީ ބާންސް ކުރި ނުރައްކާތެރި ޓެކަލްއަކާމެދު ހިތްހަމަނުޖެހިގެން، ބާންސް ކޮއްޕާލުމުންނެވެ.

ސަސްޕެންޝަން ދެ މެޗަށް ކުޑަކުރި ނަމަވެސް، ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް އާދިއްތަ ދުވަހު ކުޅޭ އިނގިރޭސި ލީގު ކަޕްގެ ފައިނަލާއި ލީގުގައި އަންން މަހުގެ ހަތަރު ވަނަ ދުވަހު ވެސްޓް ހޭމްއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގައި މަޓިޗް އަކަށް ނުކުޅެވޭނެ އެވެ.

"މަޓިޗް އަދިވެސް ސަސްޕެންޝަންގައި ހުރުމަކީ މި ކްލަބަށް ލިބޭ ނުތަނަވަސްކަމެއް،" ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޗެލްސީން ބުނީ މަޓިޗްގެ ސަސްޕެންޝަނަށް އެންމެ ލުއި ގޮތެއް ކަނޑައަޅައިދޭން ޖެހޭނެ ކަމަށް ގަބޫލްކުރާ ކަމަށެވެ. އިންޑަޕެންޑަންޓް ރެގިއުލޭތަރީ ކޮމިޝަނަށް މަޓިޗް އަށް ދެއްކި ރަތްކާޑު އުވާނުލެވުނު ނަމަވެސް، އެއް މެޗަށް ސަސްޕެންޝަން ކުޑަކުރުމުގެ ބާރު ލިބިގެންވެ އެވެ. -- ބީބީސީ