ހަބަރު

ނަޝީދު ހައްޔަރުކުރުމަކީ ރާއްޖޭގެ ދާހިލީ ކަމެއް، އެކަމާ ނުބެހޭނަން: ޗައިނާ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އެ މަނިކުފާނު ހައްޔަރު ކުރުމަކީ ރާއްޖޭގެ ދާހިލީ ކަމެއް ކަމަށާއި އެކަމާ ޗައިނާ އިން ނުބެހޭނެ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ޗައިނާގެ ވާދަވެރި އިންޑިއާގެ އިތުރުން އެހެން ބައެއް ގައުމުތަކުން ނަޝީދުގެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފައި ވިޔަސް އިންޑިއާ ޓުޑޭ އިން ޗައިނާގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ބުނެފައި ވަނީ މިހާރު ކުރިމަތިވެގެން އުޅޭ މައްސަލަތައް ހައްލުކުރުމުގެ ގާބިލްކަން ރާއްޖޭގެ ސަރުކާރަށް ލިބިގެންވާ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ޗައިނާ އިން އެހެން ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަަށް ނުވަންނާނެ،" ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހޮންގް ލެއި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވި ކަމަށް ނޫހުގައި ބުނެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ޖެހިގެން އުޅޭ މައްސަލަ އަކީ "ދިވެހިރާއްޖޭގެ ދާހިލީ މައްސަލައެއް" ކަމަށެވެ.

ޗައިނާ އިން ބުނެފައި ވާއިރު އިންޑިއާ އިން ބުނެފައި ވަނީ ނަޝީދު ހައްޔަރުކޮށްގެން ގެންގުޅޭ މައްސަލާގައި ކަންބޮޑުވާ ކަމަށާއި ގާނޫނީ އިމުގެ ތެރެއިން މައްސަލަތައް ހައްލު ކުރުމަށް ގޮވާލާ ކަމަށެވެ. އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާނު ވިދާޅުވި ކަމަށް ދަ ހިންދޫގައި ބުނެފައި ވަނީ ރާއްޖޭގައި ހަމަޖެހުން ގާއިމުކޮށް ސިޔާސީ ހިލާފްތައް ނައްތާލުމަށް ގާނޫނީ އިމުގެ ތެރެއިން ހުރިހާ ފަރާތްތަކަކުން ވެސް މަސައްކަތް ކުރުމަށް އިންޑިއާ އިން އެދޭ ކަމަށެވެ.

"...ރާއްޖޭގައި ހަމަޖެހުން ގާއިމުކޮށް ތަރައްގީ އާއި ކުރިއެރުމާއި ޑިމޮކްރަސީގައި ދިވެހި ސަރުކާރާއި ރައްޔިތުންނަށް އެހީވުމުގައި އިންޑިއާ ދެމި އޮންނާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެން،" ތަރުޖަމާނު ވިދާޅުވެފައިވެ އެވެ.