އޮފްބީޓް

ލޯބީގެ ނިޝާނަކަށް 60 އަހަރު ކުރިން ދިމާވި ބަސް!

Sep 18, 2016

އެ ދެމީހުން ފުރަތަމަ ދިމާވީ އިނގިރޭސި ވިލާތުގެ ގްލޫސެސްޓާ އިން ކާޑިފް އަށް ދަތުރު ކުރަމުން ދިޔަ ބަހަކުންނެވެ. އެއީ މީގެ 60 އަހަރު ކުރިން 1956 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ދުވަހު ކެން މޯގަން ބަހަށް އެރި އިރު ޝާލީ މޯގަން ހުރީ ބަހުގެ ޓިކެޓް ކޮންޑަކްޓަރަކަށެވެ. ފަސް ދޮޅަސް މޭލުގެ އެ ދަތުރު ކެން ނިންމާލީ ޝާލީ އާއެކު ޑޭޓަކަށް ދާން އެއްބަސްވެފަ އެވެ.

ރަތާއި ހުދުގެ ޑަބަލް ޑެކް ބަހުން އުފެދުނު ލޯބި ތަރައްގީވެ ކެން އާއި ޝާލީވަނީ 1959 ވަނަ އަހަރު ކައިވެނިކޮށްފަ އެވެ. އޭގެ ފަހުން ކެން ވަނީ އޭނާގެ ވަޒީފާއިން ވަކިވެ ޝާލީ އާއެކު އެބަހުގެ ކޮންޑަކްޓަރެއްގެ ވަޒީފާއަށް ބަދަލުވެފަ އެވެ. ދެ މީހުންގެ ލޯބި އިތުރަށް ތަރައްގީ ކުރުމުގެ ބޭނުމުގަ އެވެ.

"ޝާލީ އާއެކު ބަހުގައި މަސައްކަތްކުރި ދުވަސްތަކަކީ އަހަރެންގެ ހަޔާތުގައިވެސް އައި އެންމެ އުފާވެރި ދުވަސްތައް" ކެން ބުނެފައިވެ އެވެ.

ބާރަ ހާސް ޕައުންޑު ހަރަދުކޮށްގެން ކެންވަނީ އެ ބަސް ގަނެ ޝާލީ އަށް ލޯބީގެ ހަނދާނެއްގެ ގޮތުގައި ދީފަ އެވެ. ކެން ބުނީ އެ ބަސް ގަންގަން ނިންމީ ޓްރާންސްޕޯޓް މިއުޒިއަމް އެއް ތެރެއިން އެކަހަލަ ހުދާއި ރަތުގެ ބަސްތަކެއް ފެނި އެމީހުންގެ ލޯބި ފެށިގެން އައި ގޮތް ހަނދާންވުމުން ކަމަށެވެ. އަދި މިއުޒިއަމް އަށް ގޮސް ގަންނަން ބެލިއިރު އޭނަ އަށް ލިބުނީ އެމީހުން ދިމާވި ބަސް ކަމަށެވެ. އެކަން ޔަގީންވީ އޭގެ ނަމްބަރު ފެނުމުން ކަމަށް ކެން ބުނެ އެވެ.

މިހާރު އުމުުރުން 80 އިގެ އަހަރުތައް ގުނާ އެ ދެމަފިރިން އެ ބަހުގައި މިހާރު ދަނީ އެކި ތަންތަނަށް ޒިޔާރަތް ކުރަމުންނެވެ.