ބޮލީވުޑް

ވިދްޔާ އަށް ޑެންގީ ޖެހުމުން ޝާހިދު ޖޫރިމަނާކޮށްފި

Sep 18, 2016

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ވިދްޔާ ބާލަން އަށް ޑެންގީ ޖެހި ވަނީ އޭނާ ކުޅެމުން އައި ފިލްމުތަކުގެ މަސައްކަތުން ދެހަފްތާގެ ބްރޭކެއް ނަގާފަ އެވެ.

ވިދްޔާ އަށް ޑެންގީ ޖެހިފައިވަނީ "ކަހާނީ 2" ގެ މަސައްކަތުގައި އެމެރިކާގައި ހުރެފައި އެނބުރި އިންޑިއާއަށް މިދިޔަ ހަފްތާގެ ތެރޭގައި އައިފަހުންނެވެ.

ވިދްޔާ އަށް ޑެންގީ ޖެހި ދިހަ ވަރަކަށް ދުވަހު އަރާމުުރުމަށް ޑޮކްޓަރުން އޭނާ އަށް އަންގާފައިވާ ކަމަށް ގާތްފަރާތަކުން ބުނެފައިވާއިރު، ވިދްޔާ އަށް ޑެންގީ ޖެހުނުކަން އެނގުމުން އެކްޓަރު ޝާހިދު ކަޕޫރަށް ބީއެމްސީ (ބްރިހަން މުމްބައި މުނިސިޕަލް ކޯޕަރޭޝަން) އިން ވަނީ ނޯޓިސްއެއް ފޮނުވައި ޖޫރިމަނާކޮށްފަ އެވެ.

ވިދްޔާ އާއި ޝާހިދު ދިރިއުޅެމުން އަންނަނީ ޖުހޫގައި ހުންނަ ޕްރަނެތާ އެޕާޓްމަންޓްގަ އެވެ. ޝާހިދު އޭނާގެ އަންހެނުން މީރާ ރާޖްޕުތް އާއެކު މިއިމާރާތުގެ ގްރައުންޑް ފްލޯގައި ދިރިއުޅެމުން އަންނައިރު، ވިދްޔާ އާއި ފިރިމީހާ ސިދާތް ރޯއި ކަޕޫރު ދިރިއުޅެމުން އަންނަނީ އެ އިމާރާތުގެ ތިން ވަނަ ފްލޯގަ އެވެ.

މިފަހަކަށް އައިސް އިންޑިއާގެ އެކި ސްޓޭޓްތަކުގެ ޑެންގީ ޖެހިގެން ރިޕޯޓްކުރާ ކޭސްތައް ގިނަވެފައިވާތީ ޑެންގީ ކޮންޓްރޯލް ކުރުމަށް ޑޯ ޓު ޑޯ ކެމްޕޭންތައް ހިންގައިމުން އަންނައިރު، ވިދްޔާ އަށް ޑެންގީ ޖެހުމުން ބީއެމްސީއިން ވަނީ އެއިމާރާތް ބަލައި މަދިރި އާލާވެފައިވޭތޯ ޗެކްކޮށްފަ އެވެ.

މުޅި އިމާރާތް ޗެކްކުރިއިރު ޝާހިދު ދިރިއުޅެމުން އަންނަ ފްލޯގެ ސްވިމިންޕޫލްގައި މަދިރި އާލާވެފައިވާ ކަމަށްވާއިރު، އެސްވިމިންޕޫލް ބޭނުންކުރަމުން ނާންނަތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށްވެ އެވެ.

ޝާހިދުގެ އެޕާޓްމަންޓްގެ އިތުރުން އެއިމާރާތުގެ ހަތަރު ވަނަ ފްލޯއިން ވެސް މަދިރި އާލާވެފައިވާ ކަމުގެ ނިޝާންތައް ފެނި، ހެދި ޓެސްޓްތަކުން އެތަންތުނުގައި ޑެންގީ ފަތުރާ އީޑީސް މަދިރި އާލާވެފައިވާ ކަމަށް ދައްކާފައިވާތީ ވަނީ ޝާހިދު އާއި ހަތަރު ވަނަ ފްލޯގެ އޯނަރުގެ މައްޗަށް އީޑީސް މަދިރި އާލާވާ ތަންތަން ނައްތާލުމަށް މަސައްކަތްކޮށްފައި ނުވާތީ ނޯޓިސްއެއް ނެރެ ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.

ބީއެމްސީއިން ޝާހިދުގެ މައްޗަށް ނެރުނު ނޯޓިސްގައި ވަނީ އީޑިސް މަދިރި އެއިމާރާތުގައި އުފެދި އަދި މަދިރި އުފެދިދާނެ ތަންތަން ނައްތާލާން މައްސައްކަތް ކުރެވިފައިނުވާތީ އޭނާ 10،000 ރުޕީޒްއިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.

ޝާހިދުގެ އިމާރާތް ބީއެމްސީއިން ބަލައި ޗެކްކޮށް، ޖޫރިމަނާކުރި ކަމުގެ ހަބަރު ފެތުރެން ފެށުމުން އޭނާގެ ސްޕޯކްސްޕާސަން ވަނީ އެއިމާރާތް ބީއެމްސީއިން ޗެކްކުރުމުން އެކަމާ ޝާހިދު ކަންބޮޑުވި ކަމަށާއި އޭނާގެ މަހެއްވީ ކުޑަ ކުއްޖަކު އޮތުމާއި ޑެންގީ ވަރަށް ބާރަށް ފެތުރެމުން އަންނަ މިދުވަސްކޮޅުގައި އެއިމާރާތާއި އެސަރަހައްދުގައި މަދިރި އާލާވެދާނެ ތަންތަން ނައްތާލުމަށް ބީއެމްސީއިން މަސައްކަތް ކޮށްފައިވާތީ އެކަމަށް ވަރަށް ޝުކުރު އަދާކުރާ ކަމަށް ބުނެފަ އެވެ.