ދިރާގު

އައިފޯނުގެ ޑިމާންޑް ބޮޑުވެ ދިރާގުން ޕްރިއޯޑާ ހުއްޓާލައިފި

އައިފޯން 7 އަދި އައިފޯން 7 ޕްލަސްގެ ޑިމާންޑް ބޮޑުވެ، ދިރާގުން ޕްރިއޯޑާ ނެގުން ހުއްޓާލައިފި އެވެ. ޕްރިއޯޑާ ނެގުން ދިރާގުން ހުއްޓާލީ އެކަމަށް ހުޅުވާލިތާ 24 ގަޑިއިރު ވެސް ނުވަނީ ހެވެ.

ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލު މިއަދު ވިދާޅުވީ، ޑިމާންޑް ބޮޑުވެގެން ދިރާގުން ޕްރިއޯޑާ ނެގުން ހުއްޓާލާފައިވާ ކަމަށާއި ދިރާގަށް ލިބިފައިވާ ފޯނުގެ އަދަދަށް އޯޑާ ނެގިފައިވާ ކަމަށެވެ.

ދިރާގަކީ ރާއްޖޭގެ ބާޒާރުގައި އެންމެ ގިނައިން އައިފޯނު ވިއްކާ ކުންފުންޏެވެ. އެހެން ނަމަވެސް ދިރާގަށް ވެސް ލިބިފައިވަނީ އައިފޯނު 7 ގެ ލިމިޑެޓް އަދަދެކެވެ.

އައިފޯނަށް ޕްރިއޯޑާކުރުމުގެ ފުރުސަތު ދިރާގުން ބަންދުކޮށްފައިވާއިރު ވަރަށް އަވަހަށް ފޯނަށް ފައިސާ ދެއްކުމުގެ މަރުހަލާ ފަށާނެ ކަމަށް އިމްޖާދު ވިދާޅުވި އެވެ.

އިމްޖާދު ވިދާޅުވީ، އިތުރަށް އައިފޯނެއް ލިބޭނެކަން ވެސް އެނގޭނީ އެ މަރުހަލާ ނިމުމުން ކަމަށެވެ. ފައިސާ ދައްކުމުގެ މަރުހަލާގައި ބައެއް ފޯނުތަކަށް ފައިސާ ނުދެއްކުން ފަދަ ކަންކަން ދިމާވެ ފޯނެއް ބާކީވާ ހާލަތުގައި ކަސްޓަމަރުންނަށް ފޯނު ހޯދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ.

ޕްރިއޯޑާކޮށް، ފައިސާ ދައްކާ ފަރާތްތަކަށް މި މަސް ތެރޭގައި އައިފޯނު ފޯރުކޮށްދޭނެ ކަމަށް އިމްޖާދު ވިދާޅުވި އެވެ. ރާއްޖެއަށް އައިފޯނު 7 ލޯންޗުކުރާނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.