ބޭރު ކުޅިވަރު

މެސީ ނަގާފައި ހުރި އެންމެ މޮޅު ކުޅުންތެރިއަކީ ޑެބްރޫނޭ: ގާޑިއޯލާ

މެންޗެސްޓާ ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑެބްރޫނޭ އަށްވުރެ މޮޅު ކުޅުންތެރިއަކަށް ހުރީ ބާސެލޯނާގެ ލަޔޮނަލް މެސީ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ބާސެލޯނާގެ ކުރީގެ ކޯޗު އަދި ކެޕްޓަން މިހެން ބުނީ އޭނާ މިހާރު ކޯޗުކޮށްދޭ ސިޓީ ޕްރެމިއާ ލީގުގައި ބޯނެމައުތު އަތުން 4-0އިން މޮޅުވި މެޗަށް ފަހު އެވެ.

"އަހަންނަށް ހީވަނީ ކެވިން އަކީ ހާއްސަ ކުޅުންތެރިއެއްހެން. ވަރަށް މޮޅު ކުޅުންތެރިއެއް. އޭނާ ހުރިހާ ކަމެއްކުރޭ. ބޯޅައާއެކުގައި ވެސް، ބޯލަ ނެތިވެސް އަދި ވަރަށް ރަނގަޅަށް މަސައްކަތްކުރޭ. އޭނާ ކުރަން އުޅޭ ކަންތައްތައް ވަރަށް ބަރާބަރަށް އަދާކުރޭ،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ އޭނާ ކޯޗުކޮށްދިން ކުޅުންތެރިންގެ ތެރެއިން އާޖެންޓީނާގެ ކެޕްޓަން މެސީ އަކީ މުޅިން ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށާއި މެސީ ނަގާފައި އެންމެ މޮޅު ޑެބްރޫނޭ ކަމަށެވެ.

"ޑްބްރޫއަކީ އަހަރެން ކޯޗުކޮށްދިން އެންމެ މޮޅު އެއް ކުޅުންތެރިޔާ. އަހަރުމެން މެސީއާ ބެހޭ ގޮތުން ވަހަކަ ދައްކަންޏާ މޭޒުގައި އޭނާއެކަނި އިންނަންޖެހޭ ފަދަ މީހެއް. އެކަމަކު މޭޒުގެ އެއްފަރާތެއްގައި ޑްބްރޫނޭ އަށް އިނދެވިދާނެ،" ބާސެލޯނާގެ ސީނިއާ ޓީމުގައި މެސީ ވިދާލިއިރު ކޯޗަށް ހުރި ގާޑިއޯލާ ބުންޏެވެ.

"ޑެްބްރޫނޭ އަބަދުވެސް ހުންނަނީ ރަނގަޅު މަގާމުގައި. ބައެއް ފަހަރު ޕާސްކުރަންޖެހޭ. ބައެއް ފަހަރު ފުރަތަމަ ޓަޗް ޖަހަންޖެހޭ. ބައެއް ފަހަރު ބޯޅަ ކޮންޓްރޯލްކުރަންޖެހޭ. ބައެއް ފަހަރު ހުރިހާތަނަކަށް ދުވަންޖެހޭ. މިއިން ކޮންމެ ފަހަރަކު ވެސް އޭނާ ހުންނަނީ ރަނގަޅުތަނުގައި. މިހެންވެ އޭނާ އަހަރެންގެ ޓީމުގައި ހުރުމަކީ އަހަރެން ލިބުނު ވަރަށް ބޮޑު ނަސީބެއް،" ޖަރުމަނުގެ ބަޔާން މިއުނިކަށް ވެސް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

އޭނާ އަދި ބުނީ ޑްބްރޫނާ މެޗުގެ ކުރިން އިންނަނީ ވަރަށް މަޑުމަޑުން ކަމަށާއި އޭނާގެ އާއިލާއަށް ސަމާލުކަންދޭ ފަދައިން ޕްރެކްޓިހަށް ވެސް ސަމާލުކަން ދޭ ކަމަށެވެ. އަދި ކުރިން ޑްބްރޫނޭ އަކީ އޭނާ އެހާ ބޮޑަށް ދަންނަ ކުޅުންތެރިއެއްނޫން ކަމަށާއި ނަމަވެސް އޭނާ އަށް ކޯޗުކޮށްދޭން ފުރުސަތު ލިބުމުން ކުޅުންތެރިޔާގެ ހާއްސަކަން އެނގިއްޖެ ކަމަށެވެ.

ބޯނެމައުތު އަތުން ސިޓީ މޮޅުވި މެޗުގައި ފުރަތަމަ ގޯލު ޖެހީ ޑްްބްރޫނޭ އެވެ. އަދި އިކާއީ ގުންޑޮގަން އާއި ޅެނާޗިއޯ އަދި ރަހީމް ސްޓާލިން ލަނޑު ޖެހީ އޭނާގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކުގަ އެވެ. މިމޮޅާއެކު ސިޓީ އޮތީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާއެކު އެއްވަނާގަ އެވެ.