އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ބައްސާމް އަދީލް ޖަލީލް ވަކިކޮށްފި އެވެ.
ގައުމީ ފުޓްބޯޅަ އިދާރާގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ސޮއި ކުރައްވައި މަގާމުން ވަކިކުރި ކަމަށް ބައްސާމަށް ސިޓީ ފޮނުވާފައިވަނީ މިއަދު އެވެ. ސިޓީގައި ވަކި ސަބަބެއް ބުނެފައިނުވެ އެވެ.
މިކަމާ ގުޅިގެން ބައްސާމްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ. އޭނާ މިވަގުތު ހުންނެވީ ރާއްޖޭން ބޭރުގަ އެވެ.
މިއަހަރު ކުރީކޮޅު ބޭއްވި އިންތިހާބަށް ފަހު އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީއަކަށް ބައްސާމް ހަމަޖެއްސެވީ ވެސް ޓޮމް އެވެ. އޭގެ ކުރިން އޭނާ ފުރަތަމަ ހުންނެވީ ފީފާއިން އައްޔަންކުރި އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންގެ މަގާމުގަ އެވެ. އެ ކޮމިޓީގެ ޗެއާމަންކަން އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ކުރެއްވިއިރު ބައްސާމަކީ ޖެނެރަލް ސެކްރެޓަރީ އެވެ.
ކުލަބު ވެލެންސިއާ އަށް ފުޓްބޯޅަ ކުޅެ ފަހުން އެކުލަބުގެ ވައިސް ޗެއާމަންކަން ކުރެއްވި ބައްސާމަކީ ކުރިން ވެސް އެފްއޭއެމުގައި މަސައްކަތްކޮށްފައިވާ ބޭފުޅެކެވެ.
އޭނާ މަގާމުން ވަކިކުރީ އެފްއޭއެމުގެ މިހާރުގެ މެނޭޖްމަންޓުގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް އުޅޭކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ.