ބޮލީވުޑް

ޝާހިދުގެ ދަރިފުޅުގެ ނަމަކީ މީޝާ

Sep 19, 2016
5

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރާއި އަންހެނުން މީރާ ރާޖްޕުތަށް އަންހެން ކުއްޖަކު ލިބިފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

އަލަތު ދަރިފުޅު ލިބުމުގެ އުފަލުގައި ޝާހިދު ވަނީ އަންހެން ދަރިފުޅަކު ލިބުމުން ވީ އުފާ ބަޔާންކުރަންވެސް ދަތިކަމަށް ބުނެފަ އެވެ.

ޝާހިދު އާއި މީރާ އަށް އަންހެން ކުއްޖަކު ލިބުމުން އެދެމީހުންނަށް ހެޔޮ އެދޭ ފަރާތްތަކުންނާއި ބޮލީވުޑްގެ އެކި ފަރާތްތަކުން މަރުހަބާގެ މެސެޖްތައް ފޮނުވާފައިވާއިރު، އެންމެ ގިނަބަޔަކު އިންތިޒާރުކުރަމުން ދިޔައީ ޝާހިދު އޭނާގެ ދަރިފުޅުގެ ފޮޓޯ އަކާއި އެކުއްޖާއަށް ކީ ނަން އާންމުކުރާނެ ދުވަހަކަށެވެ.

އަންހެން ކުއްޖަކު ލިބުނު ހަބަރު ޝާހިދު ޓްވިޓާގައި އޭނާގެ ފޭނުންނާ ހިއްސާކުރުމުން ޓްވިޓާގައި އެންމެ ގަދަޔަށް ދެކެވިގެން ދިޔަ ވާހަކައަކީ އެދަރިފުޅަށް އޭނާ އާއި އަންހެނުން މީރާ ކިޔާނެ ނަމަކާ ގުޅޭ ގޮތުންނެވެ. އެގޮތުން ތަފާތު އެކި ނަންނަން ޝާހިދުގެ ފޭނުން ވަނީ އޭނާ އަށް ހުށަހަޅާފަ އެވެ.

ދަރިފުޅު ލިބުނު ގާތް ގަނޑަކަށް މާހެއްހާ ދުވަސްވާން އުޅެނިކޮށް މިއަދު ޝާހިދު އާއި މީރާ މިވަނީ އެމީހުންގެ ދަރިފުޅަށް މީޝާގެ ނަމުން ނަންދީފަ އެވެ. މީޝާ އަށް ނަން ދީފައިވަނީ މީރާގެ ނަމުގެ ފުރަތަމަ އަކުރާއި ޝާހިދުގެ ނަމުގެ ފުރަތަމަ އަކުރުންނެވެ.

ޝާހިދު އާއި މީރާގެ ދަރިފުޅަށް އެމީހުންގެ ނަމުގެ އަކުރުތައް ބޭނުންކޮށްގެން ނަން ދިނުމުގެ ކުރިން މަޝްހޫރު އެކްޓަރު ރާނީ މުކަރްޖީ އާއި ފިރިމީހާ އަދިތްޔް ޗޯޕްޅާ ވަނީ މިދިޔަ އަހަރު އެމީހުންގެ އަލަތު ދަރިފުޅު އަދީރާ އަށް ވެސް ދެމީހުންގެ ނަމުގެ އަކުރުތައް ބޭނުންކޮށްގެން ނަންދީފަ އެވެ.

ޝާހިދު އާއި މީރާ ދިމާވެފައިވަނީ ރާދާ ސޯމޯ ސަތްސަންގް ނަމަކަށް ކިޔާ ދީނީ އަޅުކަން ކުރަ ގްރޫޕަކުން ކަމަށްވެފައި އެދެމީހުންނަކީ ވެސް ގަވާއިދުން އެގްރޫޕް ފޮލޯކުރާ މީހުންނަށް ވުމުން ދަރިފުޅަށް ނަންކިޔުމުގެ ކުރިން ބައްޕަ، ޕަންކަޖް ކަޕޫރާއެކު ވަނީ އަމްރިތްސަރަށް ގޮސް އެގްރޫޕުގެ އިސްފަރާތްތަކުގެ ލަފާ ހޯދާފަ އެވެ.

ދިއްލީ އަށް ނިސްބަތްވާ މީރާ އާއި ޝާހިދު ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހު އެވެ.