ހަބަރު

ނަޝީދުގެ މައްސަލައިގައި އެޗްއާރުސީއެމަށް ފުލުހުން ފާޑު ކިޔައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ހާޒިރު ކުރުމުގައި ފުލުހުން އަމަލުކުރި ގޮތާ ބެހޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން(އެޗްއާރުސީއެމް) އިން ނެރުނު ބަޔާނާ ގުޅިގެން އެ ކޮމިޝަނަށް ފުލުހުން މިރޭ ފާޑު ކިޔައިފި އެވެ.

ނަޝީދުގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އެމަނިކުފާނު ކޯޓަށް ހާޒިރު ކުރަން އުޅުމުން ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ނަޝީދު ކޯޓަށް ހާޒިރު ކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ރަހުމް ކުޑަ ގޮތަކަށް ކަމަށެވެ.

ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ އެޗްއާރުސީއެމުން އެގޮތަށް ބަޔާން ނެރެފައިވަނީ އެކަން ހިނގާފައިވާ ގޮތް ތަހުގީގު ކުރުމެއް ނެތި ކަމަށެވެ. އަދި ފުލުހުން ހިންގާ އޮޕަރޭޝަންތަކާ ގުޅިގެން އެޗްއާރުސީއެމުން ހުށަހަޅާ ބިނާކުރުވަނިވި ކަންކަން ފުލުހުން ބަލައިގަންނާނެ ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަސައްކަތްތައް ތަހުގީގު ކުރުމެއް ނެތި ކުށްވެރި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައި ދަންނަވަން." ހަމްދޫން ވިދާޅުވި އެވެ.

ހަމްދޫން ވިދާޅުވީ ނަޝީދު ކޯޓަށް ވެއްދުމުގައި ލިބުނު އަނިޔާތައް ބެލުމަށް ޑޮކްޓަރަށް ދެއްކުމުން އެމަނިކުފާނަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަވަނީ ފުރިހަމަ ސަލާމަތާއި ރައްކާތެރިކަމާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނަޝީދު ފުލުހުންގެ ބަންދުގައި ހުންނަވަނީ އެމަނިކުފާނަށް ލިބެންޖެހޭ ހައްގުތައް ފުރިހަމައަށް ލިބިދީ. އިންސާނީ ކަރަމާތަށް އުނިކަމެއް ނުލިބި ރައްކާތެރިކަމާ އެކުގައި ކަމުގެ ޔަގީންކަން ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުމެން އަރުވަން،" ހަމްދޫން ވިދާޅުވި އެވެ.

ހަމްދޫން ވިދާޅުވި ގޮތުގައި ނަޝީދުގެ އާއިލާ އާއި ވަކީލުންނާ ވެސް ބައްދަލު ކުރުމުގެ ފުރުސަތު ދަނީ ދެމުންނެވެ. އެގޮތުން ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ހަ ފަހަރެއްގެ މަތިން ދީފައިވާއިރު އާއިލާއާ ބައްދަލު ކުރުމުގެ ފުރުސަތު ތިން ފަހަރެއްގެ މަތިން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެޗްއާރުސީއެމަށް އެމަނިކުފާނާ ބައްދަލު ކުރުމުގެ ފުރުސަތު ދެ ފަހަރެއްގެ މަތިން ދީފައިވާއިރު އެމްޑީޕީގެ އިސްވެރިންނާ ބައްދަލު ކުރުމުގެ ފުރުސަތު ވެސް ދީފައިވާނެ ކަމަށް ހަމްދޫން ވިދާޅުވި އެވެ.

މީގެ އިތުރުން ނަޝީދު ހައްޔަރު ކުރުމާ ގުޅިގެން މިހާރު މާލޭގައި ކުރަމުންދާ މުޒާހަރާއާ ގުޅިގެން ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ހަމްދޫން ވިދާޅުވި އެވެ. އަދި އެކަމާ ގުޅިގެން ޕޮލިސް ކޮމިޝަނަރާއި އެމްޑީޕީގެ އިސްވެރިންނާ ބައްދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.