ކުޅިވަރު

އެފްއޭއެމްގެ ފަސް މެންބަރުން އިސްތިއުފާ ދީ އަލުން އިންތިހާބަކަށް

އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ފަސް މެންބަރަކު މިއަދު އިސްތިއުފާ ދިނުމާ އެކު، އެފްއޭއެމްގެ މިހާރުގެ ހިންގާ ކޮމިޓީ އުވި އަލުން އިންތިހާބެއް ބާއްވަން މަޖުބޫރު ވެއްޖެ އެވެ.

އެފްއޭއެމްގެ އެކްސްކޯ އިން މިއަދު އިސްތިއުފާ ދިނީ، ނައިބު ރައީސް އަލީ އުމަރާއި ނޯމަލައިޒޭޝަން ކޮމިޓީގެ ނައިބު އަހުމަދު ޝަކީބާއި މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ މެނޭޖަރު އަހުމަދު އީސަ އަދި ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން ކެޕްޓަން އަސްއަދު އަބްދުލް ގަނީ އެވެ.

މި ފަސް މެމްބަރުން އިސްތިއުފާ ދެއްވުމުން އެކްސްކޯގެ ކޯރަމް ވަނީ ގެއްލިފަ އެވެ. އެކްސްކޯގައި މިހާރު ތިއްބެވީ ހަތަރު މެމްބަރުންނެވެ. އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެކްސްކޯގެ 50 ޕަސެންޓް މެންބަރުން އިސްތިއުފާ ދީފި ނަމަ އަލުން އިންތިހާބު ބާއްވަން ޖެހޭނެ އެވެ.

މިކަމާ ގުޅިގެން އެފްއޭއެމުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް)ގެ ބަހެއް ވަނީ ލިބޭގޮތްނުވެފައެވެ. އޭނާގެ ފޯނުއޮތީ ނިވާލައިފަ އެވެ.

މިފަސް މެމްބަރުން އިސްތިއުފާ މިދިނީ އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ބައްސާމް އަދީލް ޖަލީލް ވަކިކުރިތާ 24ގަޑިއިރު ނުވަނީހެވެ.

ޓޮމް، ބައްސާމް މަގާމުން ވަކިކުރީ އިތުބާރު ނެތްކަމަށްބުނެ އެވެ. މިއަހަރު ކުރީކޮޅު ބޭއްވި އިންތިހާބަށް ފަހު އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީއަކަށް ބައްސާމް ހަމަޖެއްސެވީ ވެސް ޓޮމް އެވެ. އޭގެ ކުރިން އޭނާ ފުރަތަމަ ހުންނެވީ ފީފާއިން އައްޔަންކުރި އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންގެ މަގާމުގަ އެވެ. އެ ކޮމިޓީގެ ޗެއާމަންކަން އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ކުރެއްވިއިރު ބައްސާމަކީ ޖެނެރަލް ސެކްރެޓަރީ އެވެ.