ރާއްޖެ ކުޅިވަރު

އެފްއޭއެމުން އިސްތިއުފާދިނީ ބުނެބުނެ އިސްލާހުނުވެ ކެތްނުކުރެވިގެން: ފަސް މެމްބަރުން

ގައުމީ ފުޓްބޯޅަ އިދާރާގެ ހިންގާކޮމިޓީން މިއަދު އިސްތިއުފާދިނީ އެތަނުގައި ގޯސްއެތައް ކަމެއް ކުރަންފެށުމުން އެކަމާ ކެތްނުކުވިގެން ކަމަށް އިސްތިއުފާދެއްވި ފަސް މެމްބަރުން މިއަދު ބުނެފި އެވެ.

ދާދި ދެންމެއަކު މި ފަސް މެމްބަރުން ބޭއްވި ޕްރެސްކޮންފަރެންސްގައި ނާއިބް ރައީސް އަލީ އުމަރު ވިދާޅުވީ އެފްއޭއެމުގައި ގޯސްއެތައް ކަމެއް ކުރަން ފެށުމުން އެކަންކަން ހައްލުކުރަން އުޅޭ މީހާ ވެސް ބާކީވާން ފެށީ ކަމަަށެވެ.

"ރައީސް (އަހުމަދު ތޯރިގް، ޓޮމް) އަށް އެތައް ފަަހަރަކު ދެންނެވިން ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރަމާ ހިނގާށޭ. އެކަމަކު އެވާހަކަ ދައްކާ މީހުންނަށް އެކްސްކޯއަށް ވެސް ނުކިޔަނީ. އަޅުގަނޑުގެ އީމެއިލްތައް ކަނޑާލާ އެފްއޭއެމަށް ނުވަދެވޭ ގޮތަށް ހަދާ އެފްއޭއެމާ ހަމައަށް ވެސް ނާދެވޭ ވަރުކުރީމަ ދެން ތިބެން ބޭނުންނުވީ،" ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ވިދާޅުވި އެވެ.

އެކްސްކޯ މެމްބަރު އަދި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން އައްސަދު އަބުދުލްގަނީ ބުނީ ގޯސްކޮށް އެތައް ކަމެއް ކުރަން ފެށުމުން އެކަންކަން އިސްލާހު ނުކުރާއިރު ހުންނަން ބޭނުންނުވީ ކަމަށެވެ.

"އަޅުގަނޑު ބޭނުމެއްނޫން ނަމެއްގައި ކަންކަން ބޮލުގައި އަޅައިގެން ހުންނާކަށް. ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ. އަޅުގަނޑުމެން މިތަނަށް އައީ ފުޓްބޯޅަ ކުރިއަރުވަން. އެކަމަކު އޭގެ ތެރެއަށް ގޯސްކޮށް އެތައް ކަމެއްލައިގެން، މުޅި އެތި ގޯސްވާން ފެށީމާ އަޅުގަނޑުމެން ވެސް ޖެހޭ ރައްޔިތުންނަށް ޖަވާބުދާރީވާނެ. ބޮލުން ފަތްދިޔައިމަ ތޮފި އަޅައިގެން އެކަން ފޮނުވިދާނެ. އެކަމަކު މިއީ އެހެން ހެދޭނެ ކަމެއްނޫން. އެއްވެސް ކަމަކާ މަޝްވަރާނުކުރޭ. މިއީ އިސްތިއުފާދިން ސަބަބަކީ،" އައްސަދު ބުންޏެވެ.

ގައުމީ ޓީމުގެ ފިޒީޝަން އަހުމަދު ޝަކީބު ބުނީ އޭނާ އަށް ވެސް އެއްވެސް ކަމެއް ހިއްސާ ނުކުރާ ކަމަށާއި އެފްއޭއެމުގެ ވާނުވާ އެނގެނީ ދެތިން މީހަކަށް ކަމަށެވެ.

އެކްސްކޯ މެމްބަރު އަހުމަދު އީސާ ބުނީ އޭނާ އިސްތިއުފާދިނީ އޭނާ ނިސްބަތްވާ ޓީސީން އެގޮތަށް ނިންމުމުން ކަމަށެވެ.