ބޮލީވުޑް

ޓޮމް ހިޑްލްސްޓަން އަށް ޕްރިޔަންކާ މާބޮޑަށް ކަމުދިޔައީތަ؟

Sep 20, 2016
1

އެމެރިކަން ޓީވީ ސީރީސް "ކުއަންޓިކޯ" އިން ހޮލީވުޑަށް ތައާރަފުވި ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ބަތަަލާ ޕްރިޔަންކާ ޗޯޕްޅާ އަންނަނީ ހޮލީވުޑްގައި އޭނާގެ ފައިތިލަ ސާބިތުކޮށް ކާމިޔާބީ އަކަށްފަހު ކާމިޔާބީއެއް ހާސިލުކުރަމުންނެވެ.

އާދިއްތަ ދުވަހުގެރޭ އެމެރިކާގެ ޓީވީގެ އުފެއްދުންތަކަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު އެވޯޑް "އެމީ އެވޯޑްސް" ހަފްލާ ބާއްވާފައިވާއިރު، މިއެވޯޑް ހަފްލާއިން އެންމެ ގިނަބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ލިމިޓެޑް ސީރީޒް ޑައިރެކްޓްކުރުމުން އެންމެ މޮޅު ޑައިިރެކްޓަރުގެ އެވޯޑް ހަވާލުކުރި ޕްރިޔަންކާ އާއި ހޮލީވުޑްގެ އެކްޓަރު ޓޮމް ހިޑްލްސްޓަން އަށެވެ.

ސްޓޭޖަށް މިދެތަރިން އެކުގައި އަރައި މައިކު ކައިރީގައި ހުއްޓުމުގެ ކުރިން ޓޮމްގެ އަތުގައި ހިފައިގެން ސްޓޭޖަށް އެރި ޕްރިޔަންކާ ވަނީ އެމީ އެވޯޑް ހަފްލާއަށް އޭނާ ލައިގެން ދިޔަ ސްކާލެޓް ޖޭސަން ވޫގެ ރަތްކުލައިގެ ގައުންގެ ދިގު ފަސްބައިގައި އެއްއަތުން ހިފައިގެން މުޅި މީހާ އެނބުރި މަޑުކޮށްލި މަންޒަރުވެގެން ދިޔައީ ގިނަބައެއް ޕްރިޔަންކާގެ ޖާދޫގައި ޖެހިގެން ދިޔަ ވަގުތު ކޮޅަކަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބަޔަކު ވަގުތުން ބަލަމުން ދިޔަ މިއެވޯޑް ހަލްފާއަށް ފަހު އެންމެ ގަދަޔަށް ދެކެވިގެން ގޮސްފައިވާ ވާހައަކީ ޕްރިޔަންކާ އާއި ޓޮމްގެ ވާހަކައަށްވީއިރު، އެމީ އެވޯޑް ހަފްލާގައި މިދެތަރިންގެ ފަރާތުން ފެނިގެންދިޔަ ކަންތައްތަކަށް ވުރެން ގިނަ އަދި މާ ޝައުގުވެރި ކަންތައްތަކެއް ވަނީ އެމީގެ ފަރުދާގެ ފުރަގަހުގައި ހިނގާފަ އެވެ.

އެމީ އެވޯޑް ހަފްލާއަށް ފަހު އޮތް އެމީ އާފްޓާ ޕާޓީ ހަފްލާ ވެގެން ގޮސްފައިވަނީ މިއެވޯޑް ހަފްލާގައި ބައިވެރި ހުރިހާ ތަރިންނަށް އެކަކު އަނެކަކާ ބައްދަލުކޮށް ފޮޓޯ ނަގައި އެކުގައި މަޖާ ވަގުތު ކޮޅެއް ހޭދަކުރަން ލިބުނު ފުރުސަތަކަށެވެ. އެހެން ތަރިންނާ ވާހަކަދައްކައި ސެލްފީ އާއި ފޮޓޯތަކަށް ހުއްޓެން ވަގުތު ދެމުން ޕްރިޔަންކާ އާއި ޓޮމް ފެނިގެން ގޮސްފައިވަނީ މުޅީން ވެސް ވަރަށް އެކުވެރިކޮށް އެކަކު އަނެކަކާ ހީސަމާސާކޮށް އެކުގައި ވާހަކަދައްކަން ތިބި މަންޒަރުތައް ކަމަށް ހޮލީވުޑްގެ ހަބަރުތައް ބުނެ އެވެ.

އެކުގައި ފޮޓޯތަކަށް މިދެތަރިން ހުއްޓި ތިބިއިރު ޓޮޮމްގެ އަތް ޕްރިޔަންކާގެ އުނގަޑުގައި ވަށާލާފައިވާއިރު، މިޕާޓީގެ ތެރެއިން މިދެތަރިން އެކަކު އަނެކަކާ ވަރަށް ފްލާޓްކުރާ ސްޓައިލަކަށް ވާހަކަދައްކައި، އެކަކު އަނެކަކުގެ ފޯނު ނަންބަރު ބަދަލުކުރަނިކޮށްވެސް ފެނިފައިވާ ކަމަށާއި އަދި ޕްރިޔަންކާ ޓޮމްގެ ބޯޓައި ވެސް ރަނގަޅު ކުރި މަންޒަރު ފެނުނު ކަމަށް ޕާޓީގައި ހުރި ފަރާތަކުން ބުނެފައިވާ ކަމަށްވެ އެވެ. އަދި ޕާޓީގައި ދެމީހުންވެސް އެކަކު އަނެކަކާ އެކު ތިބިތަން މުޅިން ވެސް ފެނިފައިވާއިރު، ދެމީހުން ޕާޓީ އަށް ފަހު ގެއަށް ގޮސްފައިވަނީ ވަކިވަކިންނެވެ. ނަމަވެސް ދެމީހުން ވެސް ޕާޓިން ދިއުމުގެ ކުރިން ވަނީ އެކަކު އަނެކަކާ ވާދާއީ ސަލާންކޮށް ކޮލަށް ދޮނެއްދީފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

"ޕާޓީއިން ދިއުމުގެ ކުރިން ޕްރިޔަންކާ ވަނީ ޓޮމް އާއި އަދި ބައްދަލުކުރާނެ ކަމަށް ބުނެފަ،" އެޕާޓީގައި ހުރި މީހަކު ބުނެފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.

އެވޯޑް ހަފްލާގައި އެންމެ ހިނގި ޖޯޑަށް ޕްރިޔަންކާ އާއި ޓޮމް ވެގެން ގޮސްފައިވާއިރު، އެވޯޑް ހަފްލާއަށް ތައްޔާރުވުމުގެ ކުރިން ބޭއްވި ރިހާސަލްތަކުގައިވެސް މިދެތަރިން އެކަކު އަނެކަކާ ހީ ސަމާސާކޮށް އެކުގައި އުޅެނިކޮށް ފެނިފައިވާ ކަމަށް ހޮލީވުޑްގެ ހަބަރުތައް ބުނެ އެވެ.

ގާތްގަނޑަކަށް ތިން މަސްދުވަހު ޕޮޕް ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ރުޅިވެފައިވާ ކަމުގެ އަޑުތައް އަރާފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ.

ކޮންމެ އަކަސް ޓޮމް އަށް ބޮލީވުޑްގެ ރީތީގެ ރާނީ ވަރަށް ކަމުދިޔަ ކަމުގެ ވާހަކަތައް ދެކެވެމުން އަންނައިރު މިކަމާ ގުޅިގެން އަދި ޕްރިޔަންކާ ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.