ފިނިޕޭޖް

4426ގެ ޕްރޮމޯޝަނަލް ލަވަ ހޮނިހިރު ދުވަހުގެ ރޭ ނެރެނީ

މިހާރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ބިރުވެރި ދިވެހި ފިލްމު "4426" ގެ ޕްރޮމޯޝަނަލް ލަވަ އަންނަ ހޮނިހިރު ދުވަހުގެ ރޭ ރިލީޒް ކުރަން ނިންމައފި އެވެ. މި ލަވަ ރިލީޒް ކުރާނީ އެރޭ ސޯޝަލް ސެންޓަރުގެ އައުޓް ޑޯ ސްޓޭޖްގައި އޮންނަ ހާއްސަ ޝޯއެއްގަ އެވެ. މި ޝޯ ބަލާލަން ބޭނުން ހުރިހާ ފަރާތްތަކަށް އާންމުކޮށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

މި ލަވަކިޔަން ހަމަޖެހިފައިވަނީ ޝަމްރާހު އިބްރާހީމް އެވެ. މި ލަވަ ކިޔަން ޝަމްރާހު ވަނީ ރޭ ރާއްޖެ އައިސްފަ އެވެ. މި ޝޯގައި މޯލްޑިވިއަން އައިޑޮލް އިން ވިދާލި ޝަލަބީ އިބްރާހީމް އާ، ޔާމިން ރަޝީދު އާއި، މީރާ މުހައްމަދު މާޖިދު، ރާފިޔަތު ރަމީޒާ، އަހްމަދު އިބްރާހިމް (އައްމަޑޭ) އަދި ލަމްހާ ލަތީފް ބޯނަސް ލަވަތަކެއް ކިޔާނެ އެވެ.

"މި ޝޯގައި ޝަމްރާހު ނޫން ދެން ތިބި ލަވަކިޔުންތެރިން ކިޔާނީ ނަހުލާގެ ކަވާ ސޯންގްތަކެއް. ޝަމްރާހު އެކަނި ޕްރޮމޯޝަނަލް ލަވަ ކިޔާނީ" ފިލްމުގެ ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ބުންޏެވެ.

ރެއިން ފެށިގެން 4426 ގެ އޮން ލައިން ބުކިން ވަނީ ހުއްޓާލާފަ އެވެ. އަދި މިއަދުން ފެށިގެން އޮލިމްޕަހުގައި ވަނީ ޓިކެޓް ވިއްކަން ފަށާފަ އެވެ.

މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ. މިހާރު ފިލްމުގެ ޓީޒާއެއް އަދި ޓްރެއިލާއެއްވަނީ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ. އަދި ފިލްމުގެ މަންޒަރުތައް ހިމެނޭ ކުދި ކުދި ވީޑިއޯ ކްލިޕްކޮޅުތަކެއްވެސް މިވަނީ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.

ލޯބީގެ ވާހަކަތަކެއްވެސް ފެނިގެންދާ މި ފިލްމަކީ އާދަޔާހިލާފަށް ލޭއޮހޮރުވުން ބޮޑު ފިލްމެއް ކަމަށް ބުނެވެ އެވެ. ފިލްމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ސެޓެއްގައި ފިލްމު ނަގާފައިވާއިރު މި ފިލްމުން ޔޫސުފް ޝަފީއު، ޝީލާ ނަޖީބު، އިބްރާހިމް ޖިހާދު (ޖިމީ)، އަހްމަދު ސައީދު އަދި މުހައްމަދު ފައިސަލް އަދި އަލީ ފާރޫގްވެސް މި ފިލްމުން ފެނިގެންދާނެ އެވެ. މީގެއިތުރުން ކުރިއަރަމުން އަންނަ މަރިޔަމް އައްޒަ، އަހްމަދު ޖުމައިހް އަދި މުހައްމަދު ޖުމައްޔިލް ނިމާލްގެ ހުނަރުތައްވެސް މި ފިލްމުން ފެނިގެންދާނެ އެވެ. އަދި ސަޕްރައިޒެއް ގޮތުގައިވެސް އިތުރު ތަރިއަކު ފެނިގެންދާނެ އެވެ.