ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތައް ސުލްހަވެރިކަމާ އެކު ހައްލުކުރާނެ ކަމަށް އުންމީދުކުރާ ކަމުގައި ސްރީ ލަންކާ އިން ބުނެފި އެވެ.
ލަންކާގެ ފޮރިން މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ ގާނޫނީ އިމުގެ ތެރެއިން މައްސަލަތައް ހައްލުކުރާނެ ކަމަށް އުންމީދުކުރާ ކަމަށާއި ރާއްޖޭގެ ހާލަތާ މެދު، އެކުވެރި ދައުލަތެއްގެ ހައިސިއްޔަތުން ލަންކާ ކަންބޮޑުވާ ކަމަށެެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާ އާއި ނަޝީދު ހައްޔަރުކުރުމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ބުނެފައެއް ނުވެ އެވެ.
ލަންކާ އިން މިހެން ބުނެފައި ވާއިރު އަވަށްޓެރި އިންޑިއާގެ އިތުުރުން އދ.އާއި ޔޫރަޕިއަން ޔުނިއަނުން ވެސް ވަނީ ރާއްޖޭގެ ހާލަތާ މެދު
ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް ޗައިނާ އިން ބުނެފައި ވަނީ ނަޝީދު ހައްޔަރު ކުރުމަކީ ރާއްޖޭގެ ދާހިލީ މައްސަލައެއް ކަމަށާއި ޗައިނާގެ ސިޔާސަތަކީ އެފަދަ ކަންކަމުގެ ތެރެއަށް ނުވަނުން ކަމަށެެވެ.
މިދިޔަ ހޯމަ ދުވަހު އދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް ޓޯއިބާގް-ފްރަންޒެން ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނަށް ފޯނުކުރައްވައި ނަޝީދުގެ މައްޗަށް ހިންގާ ޓެރަރިޒަމްގެ ކުށުގެ ދައުވާ އިންސާފުވެރިކަމާ އެކު ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ވިދާޅުވި ކަމަށް އދ. އިން ވަނީ ބުނެފަ އެވެ. އަދި "ގާނޫނީ ހަމަތަކުގެ މަތިން ހާމަކަން ބޮޑުކޮށް" ޝަރީއަތް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންނެވި ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން އިދިކޮޅު ފަރާތްތަކަށް ސިޔާސީ މިނިވަންކަން ދިނުމާ އެކު ގައުމުގައި ހަމަޖެހުން ގާއިމުވެފައި އޮތުމަށް އިސްކަން ދެއްވުމަށް ވެސް އެދިވަޑައިގެން ކަމަށް އދ. އިން ބުނެފައިވެ އެވެ.
ޑިސެމްބަރު 16، 2012 ވަނަ ދުވަހުގެ ރޭ އަބްދުﷲ ގާޒީ ހައްޔަރުކޮށް، ޕްރޮސިކިއުޓާ ޖެނެރަލް އާއި ހައި ކޯޓާއި ސުޕްރީމް ކޯޓުން އަމުރު ކުރުމުން ވެސް މިނިވަން ނުކޮށް 22 ދުވަސް ވަންދެން ގިރިފުށީގައި ބަހައްޓާފައި ހުރި މައްސަލާގައި ނަޝީދުގެ މައްޗަށް ފުރަތަމަ ކުރީ ކުށް ނުކުރާ މީހަކު ގާނޫނާ ހިލާފަށް ހައްޔަރުކުރުމުގެ ދައުވާ އެވެ. ނަމަވެސް މިހާރުގެ ޕްރޮސިކިއުޓާ ޖެނެރަލް އެ ދައުވާ އަނބުރާ ގެނެސް ޓެރަރިޒަމްގެ ދައުވާ ކުރީ އެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ނަޝީދުގެ އިތުރުން ދައުވާ އުފުލީ އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި، މިހާރުގެ ޑިފެންސް މިނިސްޓަރު އަދި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލާއި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އަދި ކާނަލް މުހައްމަދު ޒިޔާދަށެވެ. މި ބޭފުޅުންގެ މައްޗަށް ވެސް ކުރަނީ ޓެރަރިޒަމްގެ ދައުވާ އެވެ. ނަޝީދުގެ އިތުރުން ތޮލްހަތުގެ ޝަރީއަތް ވެސް މިއަދު ކުރިއަށް ގެންދިޔަ އެވެ.