ހަބަރު

ކުޑަ ކުދިންނަށް ކައިވެނިކުރެވޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން

  • ހުއްދައަށް ސުޕްރީމް ކޯޓުގައި އެދޭނީ ފެމެލީ ކޯޓުން
  • ޖެންޑާގެ ރިޕޯޓެއް ބޭނުންވޭ
  • ގާޒީންނަށް ވަލީ ދެވޭނީ ވެސް ސުޕްރީމް ކޯޓުގެ ހުއްދައާއެކު

އަށާރަ އަހަރު ނުފުރޭ ކުޑަ ކުދިން ކައިވެނިކޮށްދިނުމަށް ސުޕްރީމް ކޯޓުގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް އާއިލާއާ ބެހޭ ގަވައިދު އިސްލާހުކޮށްފި އެވެ.

މީގެކުރިން 18 އަހަރު ނުފުރޭ ކުޑަ ކުދިން ކައިވެނިކޮށްދެވެނީ މާލޭގައި ހުންނަ ފެމެލީ ކޯޓަށް ފެނިއްޖެނަމަ އެ ކޯޓަށް އެކަންޏެވެ. އެކަމަށް ޖެންޑާ މިނިސްޓްރީގެ ބަހެއް ވެސް ހޯދާކަށް ނުޖެހެ އެވެ.

އެހެންނަމަވެސް މިއަދު ގަވައިދަށް ގެނައި އިސްލާހުގައިވާ ގޮތުން ކުޑަ ކުއްޖެއްގެ ކައިވެނި މީގެ ފަހުން ކޮށްދެވޭނީ އެކަމަށް ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެންނެވެ. ކުޑަ ކުއްޖަކު ކައިވެނިކުރުމަށް ބޭނުންވާނަމަ އެކަމުގެ ހުއްދަ ހޯދަން ފެމެލީ ކޯޓުން ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭނީ ޖެންޑާ މިނިސްޓްރީން ތައްޔާރުކުރާ އެސެސްމަންޓް ރިޕޯޓަކާއެކު ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

މީގެއިތުރުން ގާޒީގެ ވަލީއަށް ކައިވެނިކޮށް ދިނުމާ ބެހޭ ބައިވެސް ވަނީ އިސްލާހުކޮށްފަ އެވެ. މީގެކުރިން ގަވައިދު އޮންނަ ގޮތުން، ފެމިލީ ކޯޓުން އަދި ރަށު ކޯޓުތަކުން ގާޒީ ވަލީ ދީގެން ކައިވެނިކޮށް ދެވޭނީ މާލޭގައި ހުންނަ ފެމިލީ ކޯޓުގެ އިސްގާޒީ ނުވަތަ އެ ކޯޓުގައި އެވަގުތަކު ހުރި އެންމެ އިސް ބޭފުޅެއްގެ ހުއްދަ ލިބިގެންނެވެ.

އެހެންނަމަވެސް ފެމިލީ ކޯޓަށް އަދި ރަށު ކޯޓުތަކަށް ހުށަހެޅޭ ކައިވެނިތަކުގެ ތެރެއިން ގާޒީ ވަލީ ދީގެން ކައިވެނިކޮށްދޭން ޖެހޭ ކަމަށް އެ ކޯޓަކަށް ފެންނަ ހާލަތުގައި އެކަން ކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން އުއްތަމަ ފަނޑިޔާރު ހުއްދަ ދިނުމުން ކަމަށް ގަވައިދުގައި މިއަދު ވަނީ ކަނޑައަޅާފަ އެވެ.