މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ޔާޔާ ޓޯރޭ ޗެމްޕިއަންސް ލީގު ސްކޮޑުން ބޭރުކުރުމުން އެކަމާ ދެކޮޅު ހަދައި އޭނާގެ އެޖެންޓް މީޑިޔާގައި ކޯޗު ޕެޕް ގާޑިއޯލާ އަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކަށް މައާފަށް ނޭދޭނަމަ ޓޯރޭ ޓީމުން ބޭރުކޮށްލާނެ ކަމަށް ގާޑިއޯލާ އިއުލާނުކޮށްފި އެވެ.
ސްޕޭނުގެ ބާސެލޯނާގައި ޓޯރޭ ހުއްޓާ އެކުލަބުން އޭނާ ވިއްކާލި ކޯޗު ގާޑިއޯލާ ބުނީ އޭނާގެ ނިންމުންތަކާމެދު ކުޅުންތެރިންގެ އެޖެންޓުން ފާޑުކިޔާތަން ބަލަން އޭނާ ނުހުންނާނެ ކަމަށާއި އަދި އެކަން ބަލައިވެސް ނުގަންނާނެ ކަމަށެވެ.
"އަހަންނަށް ވަރަށް އުނދަގޫވި ޓޯރޭ ޗެމްޕިއަންސް ލީގު ސްކޮޑުން ބޭރުކޮށްލަން. އަހަރެން އޭނާ ދަންނަން. އަދި އޭނާއަކީ ރަނގަޅު ކުޅުންތެރިއެއްކަން ވެސް އެނގޭ. އެކަމަކު އޭގެ އެއް ދުވަސް ފަހުން އޭނާގެ މެނޭޖަރު (އެޖެންޓް) ވާހަކަ މިދެއްކީ. އެޖެންޓް ޑިމިޓްރީ ސެކުލް އަހަރެންގެ ކައިރިއަށް އައިސް މިކުލަބާއި، ކުޅުންތެރިންނާއި ސްޕޯޓަރުންގެ ކިބައިގެން މީޑިޔާގައި މައާފަށް ނޭނދޭނަމަ ޓޯރޭ އަށް ދެން ކުޅެން ފުރުސަތެއް ނުލިބޭނެ. އެއީ އޭނާގެ ކިބާގައި ގަޓެއްނެތް މައްސަލައެއް އުޅޭނަމަ އެވާހަކަ ދައްކަން އަހަންނާ ވާހަކަ ދައްކާކަށް. އޭނާ ވާހަކަ ދެއްކީ މީޑިޔާގައި،" ގާޑިއޯލާ ބުންޏެވެ.
އިނގިރޭސި ލީގުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ ޓޭބަލުގެ އެއްވަނާގައި އޮތް ޓީމުގެ ކޯޗު ބުނީ ޓޯރޭގެ އެޖެންޓް މައާފަށް އެދެފިނަމަ ކުޅުންތެރިޔާ އަށް ކުލަބުގައި ފުރުސަތު އޮންނާނެ ކަމަށާއި އެހެންނޫނީ ސިޓީގައި ޓޯރޭ އަށް ފުރުސަތު ނޯންނާނެ ކަމަށެވެ.
"އަހަންނަކަށް ގަބޫލެއް ނުކުރެވޭ ކުޅުންތެރިއަކު ނުކުޅޭ ކޮންމެ ފަހަރަކު އެޖެންޓުން އެކަމާ ދެކޮޅަށް މީޑިޔާގައި ވާހަކަ ދައްކަންޖެހޭ ސަބަބެއް. އަހަންނަށް އެނގޭ ސެލުކް ޔާޔާ ޓޯރޭ ދެކެ ލޯބިވާވަރު. އެހެންވީމާ އޭނާ ޔާޔާ ޓޯރޭ ދެކެ ލޯބިވާނަމަ އޭނާ ޖެހޭނީ އޭނާ ނޫސްތަކަށް ދެއްކި ވާހަކަތަކާމެދު މިކުލަބުގައި މައާފަށް އެދެން،" ގާޑިއޯލާ ބުންޏެވެ.
ބާސެލޯނާގެ ކެޕްޓަންކަންކޮށް ފަހުން އެކުލަބުގެ ކޯޗެއްގެ ގޮތުގައި ވެސް ކާމިޔާބު ހޯދި ގާޑިއޯލާ ބުނީ އޭނާ ކުޅުނު ދުވަސްވަރު ވެސް (އެއިރު ބާސެލޯނާގެ ކޯޗު ޔޯހަން ކްރައިފް) އަށް އެޖެންޓުން ފާޑުކިޔަންޖެހޭ ކަމަށް އޭނާ ނުދެކޭ ކަމަށެވެ.
ނަމަވެސް މިހާރުގެ ކުޅުންތެރިންގެ އެޖެންޓުން ތިބެނީ މާމަތީގައި ކަމަށާއި އެމީހުން ހިތުން ހުރިހާވެސް ބަޔަކީ އެމީހުން ކަމަށެވެ.
"ހުރިހާ ބަޔަކީ އެމީހުން ކަމަށްވަންޏާ އެޖެންޓުން ކުޅުންތެރިންނަށް ކޯޗުކޮށްދޭނީ. ކުޅުންތެރިޔާ ނުކުޅޭނަމަ ފުރަތަމަ ކޯޗާ ވާހަކަ ދައްކަންޖެހޭނީ،" ގާޑިއޯލާ ބުންޏެވެ.
ޓޯރޭގެ އެޖެންޓް މީގެ ކުރިން ވެސް ސިޓީގެ ޓެކްނިކަލް ޑައިރެކްޓަރުންނަށް ވެސް ފާޑުކިޔާފަ އެވެ. އެއީ ގާޑިއޯލާ ކޯޗަކަށް އައުމުގެ ކުރީގަ އެވެ. އޭނާ އެފަހަރު މައްސަަލަ ޖެއްސީ ސިޓީގެ މިހާރުގެ ޓެކްނިކަލް ޑައިރެކްޓަރުން ބާސެލޯނާގައި ތިބެ ޓޯރޭ ވިއްކާލި މައްސަލާގަ އެވެ.
ގާޑިއޯލާއާ ބެހޭ ގޮތުން އޭނާ ބުނީ ޗެމްޕިއަންސް ލީގު ސްކޮޑުން ޓޯރޭ ބޭރުކުރުމުން އެފްރިކާގައި ގާޑިއޯލާ އަށް ވަރަށް ބޮޑަށް ތާއީދު ގެއްލޭނެ ކަމަށެވެ. އަދި އޭނާ ގާޑިއޯލާގެ ނިންމުން ގަބޫލު ކުރާނެ ހަމައެކަނި ގޮތަކީ އުމުރުން 33 އަހަރުގެ އައިވަރީ ކޯސްޓްގެ ކެޕްޓަން ނުލައި މި ސީޒަނުގައި ޗެމްޕިއަންސް ލީގު ސިޓީ ހޯދައިދިނަމަ އެކަނި ކަމަށެވެ.
"މިއީ ގާޑިއޯލާގެ ނިންމުމެއް. އަހަރުމެން އޭނާގެ ނިންމުމަށް އިހްތިރާމްކުރަން. ޕެޕް ގާޑިއޯލާ މި ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފިނަމަ އަހަރެން އިނގިރޭސިވިލާތަށް ގޮސް ޓީވީގައި ބުނާނަން އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗޭ. އެކަމަކު އެކަން ނުވެއްޖެނަމަ އަހަރެން ގަބޫލުކުރާނީ ގާޑިއޯލާގެ އަތުގައިކަމަށް ބޯޅަ އޮންނާނީ ޔާޔާ ޓޯރޭ ފަދަ މޮޅު ކުޅުންތެރިން ލަދުގަންނަވާލެވުމަކީ ތިމަންނަ އަށް ހެދި ގޯހެކޭ ބުނަން،" އެޖެންޓް ބުންޏެވެ.