ބޮލީވުޑް

ކަރީނާ އަށް މިހާރު އެންމެ މީރީ ފާގަ

Sep 21, 2016
1

ފުރަތަމަ ދަރިފުޅަށް ބަލިވެއިން ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ޑިސެމްބަރުގައި ވިހެއުމަށް ހަމަޖެހިފައިވާއިރު އޭނާ މިހާރު ފެންނަނީ ކުރިއަށްވުރެން ހަރަކާތްތެރިކޮށް އުޅޭތަނެވެ.

ހަމަހުގެ ބަނޑާއެކު ކަރީނާ ކޮންމެދުވަހަކުހެންމެ އެކި އިވެންޓްތަކުގައި ބައިވެރިވެ ވިހަން ބްރޭކް ނެގުމުގެ ކުރިން އަންނަނީ އޭނާ އެންޑޯޒްކުރާ އެކި ޕްރޮޑަކްޓްތަކުގެ އިޝްތިހާރުތަކާ އެއްޗިހި ކުޅެމުންނެވެ. މިފަހުން އޮތް ލެކްމޭ ފެޝަން ވީކްގައި ވެސް ކަރީނާ ހިނގާލާފައިވާއިރު، އޭނާ ވަނީ މިފަހުން އޮންލައިން ޗެޓް ޝޯއެއްގައި ބަނޑުވުމުން އޭނާގެ ޑައިޓާ ބެހޭގޮތުން ވާހަކަދައްކާފަ އެވެ.

ކަރީނާގެ ޑައިޓިޝަން ރުޖުތާ ދިވާކަރް އާއެކު ކުރިއަށް ގެންދިޔަ މިޗެޓް ޝޯގައި ވަނީ ބަނޑުބޮޑުވުމުން އޭނާ އެންމެ ބޮޑަށް ކާހިތްވާ ކާއެއްޗާއި ސިއްހަތަށް ބޮޑަށް ފައިދާހުރި ކާނާ ކެއުމަށް އިސްކަން ދިނުމާ ގުޅޭގޮތުން ވެސް ވާހަކަދައްކާފަ އެވެ.

ބަނޑޮބޮޑުވުމާއެކު އެކި ކަހަލަ ކާނާ ކާހިތްވާ ކަމަށާއި އާއިލާގެ މީހުންނާއި ގާތްއެކުވެރިނަށް އޭނާ މާގިނައިން ކާ ވާހަކަވެސް ދައްކާކަމަށް ބުނަމުން ކަރީނާ ވަނީ މިފަހަކަށް އައިސް އޭނާ އެންމެ ކާހިތްވަނީ ފާގަ ކަމަށް ބުނެފަ އެވެ. ފާގަ އަކީ އޭގައި ދޭ ހިތި ރަހައިގެ ސަބަބުން ގިނަ ބަޔަކު ކާން ބޭނުންނުވާ އެއްޗަކަށްވީއިރު، ކަރީނާ ވަނީ އޭނާ އަށް ފާގަ ކަމުދާތީ ހުދު އޭނާވެސް ވަރަށް ހައިރާންވާ ކަމަށާއި ނަމަވެސް އޭގައި ހިތި ރަހައިގެ ސަބަބުން ފާގަ މިހާރު ވަރަށް މީރު ކަމަށެވެ.

ކަރިނާ އިތުރަށް ވަނީ އޭނާގެ އާއިލާގެ އެންމެން އޭނާ ކުރެން ފާގަ ކާއިރު އޭގައި ދޭ ހިތި ރަހަގަނޑު ކަނޑާލަން ކުޑަ ހަކުރުކޮޅެއް އަޅައިގެން ކާންވެސް ބުނާކަމަށާއި ނަމަވެސް އޭނާ އަށް ފާގަ ކަމުދަނީ އޭގައި ހިތިރަހަ ދޭތީ އާއި ފާގަ އަކީ އަޔަންގެ ބާވަތް ވަރަށް ގިނައިން އެކުލެވޭ ތަރުކާރީ އަކަށްވުމުން އެއީ ދަރިފުޅުގެ ހެދި ބޮޑުވުމަށް ވެސް ވަރަށް ރަަނގަޅު ތަރުކާރީއެއް ކަމަށް ބުނެފަ އެވެ.

އިތުރަށް ކަރީނާ ވަނީ ބަނޑުބޮޑޭ ކިޔާފައި މާގިނައިން ކޮންމެހެން ކާން ނުޖެހޭ ކަމަށާއި ބަނޑުބޮޑުވުމުގެ ކުރިންވެސް ކައި އުޅުނު ގޮތަށް ކެއުމުގެ އާދަތައް ބަހައްޓައި ހަށިގަނޑަށް ވީހާވެސް ފައިދާވާނެހެން ތަރުކާރީ އާއި މޭވާ ކެއުމަށް ސަމާލުކަން ދޭނަމަ ހަށިގަނޑުގެ ބަރުދަން ބޮޑުތަން އިތުރުވެ މީހާގެ ސިފަ ނުގެއްލޭނެ ކަމަށް ބުނެފަ އެވެ.

މީގެއިތުރުން ކަރީނާ ވަނީ ހަށިގަނޑަށް ފައިދާހުރި ކާނާ ކާން ސަމާލުކަން ދިން ނަމަވެސް އޭނާވެސް އެކި ކަހަލަ ފޮނިއެއްޗިހި ވެސް ކައި ކަމަށާއި ބަނޑުބޮޑުވިފަހުން އެންމެ ކަމުދަނީ އިންޑިއާގެ އެކި ކަހަލަ ފޮނިއެއްޗިހި ކަމަށް ބުނެފަ އެވެ. އަދި އިންޑިއަން ސްވީޓްސް އޭނާ ކެޔަސް ކަނީ ގޭގައި ތައްޔާރުކުރާ އެއްޗިހި ކަމަށްވެސް ވަނީ ބުނެފަ އެވެ.

ޖޫން މަހު ނިކުތް "އުޅްތާ ޕަންޖާބް" އިން އެންމެފަހުން ފެނިގެން ގޮސްފައިވާ ކަރީނާ ދެން އެންމެ އަވަހަށް ކުޅޭ ފިލްމު "ވީރެ ދި ވެޑިން" ގެ ޝޫޓިން ފަށާނީ ވިހެއުމަށްފަހު އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.