ބޮލީވުޑް

"ޕަދްމާވަތީ" ގެ މަސައްކަތް ހުއްޓާލަން މަޖުބޫރުވަނީ؟

Sep 21, 2016

ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަދި ޝާހިދު ކަޕޫރު މުހިންމު ރޯލުން ފެނިގެންދާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތީ" ގެ ޝޫޓިން ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުން އަންނައިރު، މިފިލްމުގެ ޝޫޓިން ލަސްވުމަށް މެދުވެރިވެދާނެ އެކިއެކި ކަންތައްތައް އަންނަނީ ކުރިމަތިވަމުންނެވެ.

އެންމެފުރަތަމަ މިފިލްމުގައި ދިޕިކާގެ ފިރިމީހާގެ ރޯލު ކުޅެން ޝާހިދު ހަމަޖެއްސުން އޭނާ ވަނީ ރަންވީރެކޭ އެއްގޮތަށް އޭނާގެ ރޯލުވެސް ބޮޑުކޮށް، ބޮޑު އަގަކަށް ޑިމާންޑްކޮށްފަ އެވެ. ޝާހިދުގެ އެދުމުގެ މަތިން އޭނާގެ ރޯލު ބޮޑުކުރުމުން އެކަމާ ރަންވީރު ހިތްހަމަނުޖިފައިވާއިރު، އޭނާ ވަނީ ބަންސާލީ ކުރެން ޝާހިދުގެ ރޯލު ކުޑަކުރުމަށް އެދިފަ އެވެ. އެކަމާ ގުޅިގެން ބަންސާލީ އާއި ރަންވީރާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުލޭކަމަށް ބުނާއިރު، މިފިލްމަށް އިތުރު ފަރާތެއްގެ ފިއްތުންތަކެއް ވެސް އަންނަނީ ކުރިމަތިވަމުންނެވެ.

"ޕަދްމާވަތީ" އަކީ ރާނީ ޕަދްމިނީ (ޗިތޯރްގެ ކިންގް ރަތަންސޭން ގެ އަނބިކަނބަލުން) ގެ ހަޔާތުގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެވެ. މިފިލްމުގައި ދިޕިކާ ރާނީ ޕަދްމިނީގެ ރޯލުކުޅޭއިރު، އޭނާގެ ފިރިމީހާގެ ރޯލު ކުޅެނީ ޝާހިދެވެ. އަދި ރާނީ ޕަދްމިނީއާ ހެދި މޮޔަވެފައި ހުންނަ އަލާއުއްދީން ކިލްޖީގެ ރޯލުން ފެނިގެންދާނީ ރަންވީރެވެ.

މިފިލްމުގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން އަށް މެހެބޫބް ސްޓޫޑިއޯގައި އަގުބޮޑު ސެޓެއް ތައްޔާރުކުރަމުން އަންނައިރު، މިސެޓުގައި ނެގުމަށް ހަމަޖެހިފައިވަނީ ފިލްމުގެ ލަވަތައް ކަމަށްވެ އެވެ. ފިލްމުގެ އެހެން ހުރިހާ މަންޒަރުތަކެއް އަސްލު ވާހަކައާ ވީހާވެސް ބޮޑަށް އެއްގޮތްކުރަން ބޭނުންވާތީ ބަންސާލީ ވަނީ ފިލްމުގެ މަންޒަރުތައް ގުޖްރާތާއި ރާޖަސްތާންގައި ނަގަން ނިންމާފަ އެވެ.

ނަމަވެސް ރާޖަސްތާނަށް ނިސްބަތްވާ ޕަޓޭލް ނަވްނިރްމަ ޕާޓީއިން ވަނީ މިފިލްމުގައި ރާނީ ޕަދްމިނީގެ ހަޔާތާ ގުޅޭގޮތުން ދޮގު މައުލޫމާތު ހިމެނޭނަމަ ފިލްމު އެއްވެސް ތަނެއްގައި ރިލީޒްވިޔަ ނުދޭނެ ކަމަށް ބުނެފަ އެވެ.

އެޕާޓީގެ ރައީސް ހާދިކް ޕަޓޭލް އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ވަނީ ރާޖަސްތާންގެ ރާޖްޕުތް ސޭނާގެ މެމްބަރުން އޭނާއާ ބައްދަލުކޮށް "ޕަދްމާވަތީ" އުފެއްދުމަށް ރާނީ ޕަދްމިނީގެ ހަޔާތާ ގުޅޭގޮތުން ތާރީހީ މައުލޫމާތުތައް ޑައިރެކްޓަރު ބަންސާލީ އަށް ނެނގޭ ކަމަށާއި އެހެންކަމުން މިފިލްމުގައި ރާނީ ޕަދްމިނީގެ ގަދަރު ގެއްލޭ ފަދަ މެސެޖްތަކެއް އާންމުންނަށް ލިބިގެން ހިނގައިދާނެ ކަމަށްޓަކައި ވަނީ އެފިލްމުގެ ޕްރޮޑަކްޝަން މަސައްކަތް ހުއްޓާލަން އެދިފައި ކަމަށް ބުނެފަ އެވެ.

"ރާނީ ޕަދްމިނީގެ ގަދަރަށް އެއްވެސް އުނިކަމެއް މިފިލްމުން ނާންނާނެ ކަމުގެ ޔަގީންކަން ބަންސާލީ އަށް ނުދެވޭނަމަ މިފިލްމު ރާޖަސްތާނުގައި ޝޫޓްއެއް ނުކުރެވޭނެ. އަދި ފިލްމު އިންޑިއާގެ އެއްވެސް ހިސާބެއްގައި ރިލީޒްކުރިޔަ ނުދޭން މުޒާހަރާކުރާނަން". ޕަޓޭލް ބުނެފައިވެ އެވެ.

އެއްވެސް ފިލްމު އުފައްދާ ޑައިރެކްޓަރަކަށް މީހުން އެންޓަޓެއިން ކުރުމަށް ތާރީހީ ކަންތައްތައް ހަލާކުކޮށްލަން ފުރުސަރު ނުދޭނެ ކަމަށް ބުނެމުން ޕަޓޭލް ވަނީ މިފިލްމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް ރާޖްޕުތްގެ ލީޑަރުންނާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްގެން ނޫނީ ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް ބަންސާލީ އަށް އަންގާފައިވާނެ ކަމަށް ބުނެފައިވާނެ ކަމަށެވެ.

އެންމެފަހުން ބަންސާލީ އުފެއްދި ތާރީހީ ލޯބީގެ ފިލްމު "ބާޖީރާއޯ މަސްތާނީ" ގައި ވެސް ތާރީހީ ގޮތުން ނުބައި މައުލޫމާތުތަކެއް ދެއްކި ކަމަށް ބުނެ ވަނީ އެފިލްމާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ. އަދި ފިލްމުގެ ލަވައެއްގައި ޕްރިޔަންކާ ޗޯޕްޅާ އާއި ދިޕިކާ އަޅައިގެން ތިބި ހެދުމެއްގެ ސަބަބުން މަރާތީ ސަގާފަތަށް ގެއްލުން ލިބުނު ކަމަށް ބުނެ ވަނީ ބަންސާލީއާ ދެކޮޅަށް ކޯޓަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ.

ފިލްމުގެ ލީޑްތަރިންގެ ދެމެދުގައި އުޅޭ ހިޔާލުތަފާތުވުން ތަކުން ސަލާމްތްވެ އެމީހުން އެއްގަލަކަށް ނޭރުވިގެން އުޅޭއިރު ފިލްމަށް އެހެނިހެން ފަރާތްތަކުން ކުރިމަތިވަމުން އަންނަ ޕްރެޝަރުގެ ސަބަބުން ކަނޑައެޅިފައި އޮތް ތާރީހުގައި ފިލްމުގެ ޝޫޓިން ފެށޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ގާތްގަނޑަކަށް 200 ކްރޯޑުން އުފެއްދީ މިފިލްމުގެ ލަވަތަށް ނެގުމަށް މެހެބޫބް ސްޓޫޑިއޯގައި ވެސް އަގުބޮޑު ސެޓެއް ތައްޔާރުކޮށްފައިވާއިރު ފިލްމު އުފެއްދުން ލަސްވާނަ ފިލްމަށް ބޮޑު ގެއްލުމަކާ ކުރިމަތިވާނެ އެވެ.