ސޯޝަލް މީޑިއާ ރޭ އަނދައި އަޅިއަށް ހަދައިލި ޚަބަރަކީ ހޮލީވުޑްގެ "ޝާހީ ދެމަފިރިން" ކަމުގައިވާ އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ ވަރީގެ މައްސަލަ ކޯޓަށް ވެއްދި ވާހަކަ އެވެ.
އެކަމަކު މުޅި ދުނިޔެ އަށް ސިހުން ލިބިގެން ދިޔަ މި ހިތާމަވެރި ޚަބަރުގެ ފައިދާ ވެސް މި ވަނީ ވަރަށް ރަނގަޅަށް ނަގައިފަ އެވެ. ބްރެޑް ޕިޓް ލީޑްރޯލު ކުޅެފައިވާ އާ ފިލްމު "އެލައިޑް" ގެ އާ ޓްރެއިލާއެއް ޕެރަމައުންޓް ޕިކްޗާސް އިން މި ވަނީ ވަގުތާއި ދަނޑިވަޅު ބަލައި ރޭ އާންމުކޮށްލައިފަ އެވެ.
ފިލްމުގެ ޕްރޮމޯޝަނަކަށް މިއަށް ވުރެން ވަކި މޮޅު ދަނޑިވަޅެއް އަންނާނެހެނެއް ހީއެއް ނުވެ އެވެ. އެއް ބަޔަކަށް އައި މި ހިތާމަ އާއި އަނެއް ބަޔަކަށް އައި މި ފޯރިގަނޑެއްގެ ތެރެއަށް ދޫކޮށްލާފައިވާ "އެލައިޑް" ގެ އާ ޓްރެއިލާ މިއޮތީ އެވެ.
ބްރެޑް ޕިޓްގެ ހަޔާތުގެ މިއަދުގެ ވާހަކައާ މި ފިލްމުގެ ވާހަކަ ވެސް ވަރަށް އެއްގޮތެވެ.
މި ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ރޮބަޓް ޒެމޭކިސްގެ ރޮމޭންޓިކް/ސްޕައި ތްރިލާ އެކެވެ. ފިލްމުގައި ބްރެޑް ޕިޓް ކުޅެނީ މެކްސް ވެޓަންގެ ނަން ދީފައިވާ ޖާސޫސެއްގެ ރޯލެވެ. ފިލްމުގައި އޭނާގެ ބަތަލާއަކީ މާރިއޯން ކޯޓިލާޑެވެ.
ޖާސޫސީ ސިއްރު މިޝަންއެއްގެ ތެރެއިން ބައްދަލުވެ، ހިތް ބަންޑުންވެ، ކައިވެނިކޮށް ކުދިން ލިބޭ ހިސާބުން ދެ މީހުންގެ ދިރިއުޅުމަށް އަނެއްކާވެސް ހަނގުރާމައެއްގެ ވިލާގަނޑެއް ކުރިމަތިވަނީ އެވެ.
ޕިޓާއި ޖޯލީގެ ވަރީގެ ޚަބަރާ ދިމާކޮށް މި ފިލްމެއްގެ އާ ޓްރެއިލާއެއް އާންމުކޮށްފައިވާއިރު އިނގިރޭސި ޓެބްލޮއިޑް ނޫސްތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުން އެ ދެމީހުންގެ ކައިވެނި ވަރިއާ ހަމަ އަށް ދިއުމުގެ އެއް އަސްލަކީ މި ފިލްމުގައި ޕިޓާއެކު ލީޑް ރޯލު ކުޅެފައިވާ ބަތަލާ ކޯޓިލާޑެވެ.
"އެލައިޑް" ސިނަމާތަކަށް އަންނާނީ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.