ހަބަރު

އިދިކޮޅު ވަފުދުގެ ބޭފުޅުން ލަންކާގެ ބޮޑުވަޒީރާ ބައްދަލުކޮށްފި

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ރާއްޖެއިން ސްރީލަންކާއަށް ދިޔަ ވަފުދުގެ ބޭފުޅުން އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ މިއަދު ބައްދަލުކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިސްކޮށް ހުންނަވައިގެން އެ ޕާޓީ އާއި އެމްޑީޕީގެ ބޭފުޅުން ވެސް ހިމެނޭ ގޮތަށް އިދިކޮޅު ކޯލިޝަންގެ ވަފުދެއް ލަންކާއަށް ދިޔައީ ރޭގެ ވަގުތެއްގަ އެވެ.

އެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ ލަންކާގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައި، ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭގޮތުން މަޝްވަރާ ކުރި ކަމަށް ވިދާޅުވެފަ އެވެ.

އެ ވަފުދުގައި އެމްޑީޕީގެ ފަރާތުން ހިމެނިވަޑައިގަންނަވަނީ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި މާލޭގެ މޭޔަރު މުހައްމަދު ޝިހާބެވެ. އެ ވަފުދުގެ ބޭފުޅުން މިއަދުގެ ވަގުތެއްގައި މާލެ ވަޑައިގަންނަވާނެ ކަމަށްވެ އެވެ.