ވިޔަފާރި

ހޮންކޮންގް-ރާއްޖެ މިނިވަން ވިޔަފާރީގެ ވާހަކަތައް މިމަހު ފަށަނީ

  • ރާއްޖޭގެ އެކްސްޕޯޓް އިތުރު ކުރުމަށް ބާރަކަށް ވާނެ
  • ރާއްޖޭގެ މާލީ ދާއިރާއަށް އެހީތެރިކަން ހޯދޭނެ
  • ހުއިފިލަނޑާ އެކްސްޕޯޓަރުންނަށް ފުރުސަތުތަކެއް

ރާއްޖޭން ހޮންކޮންގާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އައުމަށް މި މަހުގެ ފަހުކޮޅު ވާހަކަތައް ފަށަން ސަރުކާރުން ތައްޔާރު ވާން ފަށައފި އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ދިވެހި ވިޔަފާރިވެރިން ނަށް ވިޔަފާރީގެ ބޮޑެތި މަންފާ ތަކެއް ލިބޭނެ ހޮންކޮންގް-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ވާހަކަތައް މި މަސް ނިމުމުގެ ކުރިން ފެށޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ހޮންކޮންއަކީ ސީފުޑްގެ މާކެޓް އެންމެ ރަނގަޅު ގައުމު ކަމަށްވާތީ، ރާއްޖެ އިން އެ ގައުމަށް ސީފުޑް އެތެރެކުރުމަށް މި އެއްބަސްވުން އެކުލަވާލުމުގެ މަޝްވަރާތަކުގައި އިސްކަން ދޭނެ ކަމަށެވެ. އަދި މީގެ އިތުރަށް ހޮންކޮންގާއި ރާއްޖޭގެ އިގްތިސާދަކީ ހިދުމަތުގެ ދާއިރާއަށް ބިނާވެފައިވާ އިގްތިސާދަކަށް ވާތީ މިފަދަ އެއްބަސްވުމަކުން ނެގިދާނެ ފައިދާތައް ވަރަށް ބޮޑުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރުވެސް ފަރުމަހާއި ސީކިއު އުކަމްބާ [ހުއިފިލަނޑާ] އަށް އެންމެ ރަނގަޅު އެއް މާކެޓު ހޮންކޮންގްއަކީ. ފަތުރުވެރިކަމަށް ބަލާއިރު، ހޮންކޮންގަކީ އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް މަންޒިލް. ހޮންކޮންގާއި ރާއްޖެއަކީވެސް ސާވިސް ބޭސްޑް އިކޮނޮމީއެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހޮންކޮންގާއެކު އެއްބަސްވުމަކަށް އައުމުން މުސްތަގުބަލުގައި އެކްސްޕޯޓް އިތުރު ކުރެވޭނެ އެވެ. އަދި މަސް އެކްސްޕޯޓާއި ދަނޑުވެރިންގެ ބާވަތްތައް އިތުރު ކުރުމަށް މި އެއްބަސްވުން ބާރަކަށް ވާނެ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާ ކުރުމަށް ހޮންކޮންގެ އެހީތެރިކަން މީގެ ތެރެއިން ހޯދުމަކީ އަމާޒެއް ކަމަށް ސައީދު ވިދާޅުވި އެވެ.

"މިސާލަކަށް ރާއްޖޭގައި ފައިނޭންޝަލް އިންޑަސްޓްރީއެއް ގާއިމްކުރުން. ރާއްޖޭގައި ވެލިއު އެޑިޝަންގެ މަސައްކަތް ކުރުން. ހޮންކޮންގަށް އެތެރެކުރާ ބާވަތްތައް އިތުރު ކުރުން. ސަރުކާރުން ވަރަށް ބޮޑަށް ގެންގުޅުއްވާ ސިޔާސަތެއް ދަނޑުވެރިކަމުގެ ބާވަތްތައް އިތުރު ކުރުން. އެހެންވެ މިއީ މުސްތަގުބަލުގައި ރާއްޖެއަށް ލިބޭނެ ބޮޑު ކާމިޔާބީއެއް،" ސައީދު ވިދާޅުވި އެވެ.

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ ފަހުގެ ވާހަކަތައް މިމަހު

މިނިސްޓަރު ސައީދު ވިދާޅުވީ ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އައުމަށް މިދިޔަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ވާހަކަތަކުގެ ފަހުގެ ބުރުވެސް މިމަހުގެ ފަހުކޮޅު އޮންނާނެ ކަމަށެވެ.

"މިމަހުގެ 26-30 އަށް ހޮންކޮންގައި ނެގޯޝިއޭޝަންސް އޮންނަނީ. މިފަހަރު ދެކަމެއް ވާނެ. އެއް ކަމަކީ ޗައިނާ- މޯލްޑިވްސް ފްރީޓްރޭޑް ނެގޯޝިއޭޝަންގެ ފަހުގެ ނެގޯޝިއޭޝަންސް. ފްރީޓްރޭޑުގެ އެއްބަސްވުމުން މިނިމޭއިރު އަނެއް އެއްބަސްވުމަކަށް ދިއުމަށް ވާހަކަތައް މި ފެށެނީ. ޗައިނާއާއެކު ކުރާ ފްރީޓްރޭޑް އެއްބަސްވުމުގެ މަސައްކަތް ނިމުމުން ދެން އޮންނާނީ ޑޮމިއުމެންޓް ކޮމްޕައިލްކުރުމާއި ލީގަލް ބޭފުޅުން ބެއްލެމުން. އަދި ދެ ސަރުކާރުން ޓެކްސްތައް. ބެލުން،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޗައިނާއާއެކު އެއްބަސްވުމަކަށް އައުމުން ރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ފަރާތްތަކާއި ވިޔަފާރިވެރިންނަށް ފައިދާކުރާނެ ކަމަށެވެ.

"ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ކުރިން ނުލިބޭ ފަސޭހަތަކެއް މިލިބެނީ. ވަރަށް ބޮޑު މާކެޓެއް މި ހުޅުވެނީ،" ސައީދު ވިދާޅުވި އެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އަންނަން މަސައްކަތް ފަށާފައިވާއިރު، 200 އެއްހާ ވިޔަފާރިވެރިންގެ ހިޔާލު މިކަމަށް އިކޮނޮމިކް މިނިސްޓްރީން ހޯދާފައިވެ އެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި އުފައްދާ މަހުގެ 400 ބާވަތެއްގެ ޑިއުޓީ ޗައިނާއިން ކަނޑާލާނެ ކަމަށް މިނިސްޓަރީން ބުނެފައިވެ އެވެ. އަދި މި އެއްބަސްވުމާއެކު ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކަށް ޗައިނާއިން ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށްވެސް ސަރުކާރުން ބުނެ އެވެ.