ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް އިންސާފުވެރި ޝަރީއަތެއް ލިބިދާނެ ކަމަށް ނުދެކޭ ކަމަށް ނާޒިމްގެ އާއިލާއިން ބުނެފި އެވެ.
ނާޒިމް ހައްޔަރުކޮށް، އޭނާގެ މައްޗަށް ދައުވާ އުފުލުމާ ގުޅޭގޮތުން ނާޒިމްގެ އާއިލާއިން ބައިނަލްއަގްވާމީ އެކި ފަރާތްތަކަށް ފޮނުވާފައިވާ ސިޓީއާ ގުޅިގެން އެ އާއިލާއިން ނެރެފައިވާ ބަޔާނެއްގައިވަނީ ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށާއި އެހެންވެ ނާޒިމަށް އިންސާފުވެރި ޝަރީއަތެއް ލިބިދާނެ ކަމުގެ އެއްވެސް އުއްމީދެއް މިހާރު ނެތް ކަމަށެވެ. އަދި ނާޒިމްގެ މައްޗަށް އެ ކުރަނީ އެއްވެސް ހަގީގަތެއް ނެތް ސިޔާސީ ދައުވާއެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވަނީ އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ވެސް އެކި އުސޫލުތަކާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ. އަދި ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓް ފާސް ކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ވެސް އެތަނުން ފެނުނު ކަމަށް ބުނާ ހަތިޔާރުތަކަކީ ފުލުހުން އެތަނުގައި ބެހެއްޓި އެއްޗެއްކަން ހާމަވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ރައީސް އަބްދުﷲ ޔާމީނ އިދިކޮޅު ހުރިހާ ސިޔާސީ ވާދަވެރިންގެ ދުވަސް ދުއްވާލުމަށް ސަރުކާރުން ދަނީ އެކި އުކުޅުތައް ބޭނުން ކުރަމުންނެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ކުއްލިއަކަށް ފަށައި، އެމަނިކުފާނު ހައްޔަރުކޮށްފައިވާ ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ރައީސް ޔާމީނަށް މިހާރު ފާޑު ވިދާޅުވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިޔަފާރި ހަލާކުކޮށްލަން ވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާން ނިންމާލަމުން ބައިނަލްއަގްވާމީ ފަރާތްތަކުގެ ކިބައިން އެދިފައިވަނީ ރައީސް ޔާމީން ގާނޫނާ ޚިލާފަށް ކުރައްވަމުން ގެންދަވާ ކަންކަން ހުއްޓުވައި، އެމަނިކުފާނަށް ޕްރެޝަރުކޮށް، ގާނޫނާ އެއްގޮތަށް ކަންކަން ކުރުމަށް ސަރުކާރަށް ބާރު އެޅުމަށެވެ.
ނާޒިމްގެ އެޕާޓްމެންޓުން ހަތިޔާރު ފެނުނު ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާކޮށް، އޭނާ ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. އެ މައްސަލައިގައި އޭނާގެ އަނބިކަނބަލުންގެ މައްޗަށް ވެސް ދައުވާކުރި އެވެ. ނަމަވެސް އިއްޔެ ވަނީ އަނބިކަނބަލުންގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފަ އެވެ.