- އެމްއައިއެފް އޮތީ ނޮވެމްބަރު މަހު 21-22 އަށް
- މި އަހަރުގެ ފޯރަމް ބާއްވަނީ ނިއު ދިއްލީފައި
- ގިނަ ވިޔަފާރިތައް ބައިވެރިވާނެ ކަމަށް އުންމީދުކުރޭ
އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި މި އަހަރުގެ ނޮވެމްބަރު މަހު ބާއްވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް (އެމްއައިއެފް) 2016 ލޯންޗްކޮށް، ބައިވެރިވާން ވިޔަފާރިވެރިންނަށް ހުޅުވާލައިފި އެވެ.
ނިއު ދިއްލީގެ ތާޖުޕެލެސްގައި ބާއްވާ މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމް ބާއްވަނީ ފެޑަރޭޝަން އޮފް އިންޑިޔާ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒް (ފިކީ) އާ ގުޅިގެންނެވެ. މި ޖަމިއްޔާއަކީ ގާތްގަނޑަކަށް 25000 މެންބަރު ކުންފުނިތައް ހިމެނޭ އިންޑިޔާގެ އެންމެ ބޮޑު ވިޔަފާރީގެ ޖަމިއްޔާ އެވެ.
އިންވެސްޓްމަންޓް ފޯރަމް ލޯންޗް ކުރުމަށް "ހޮޓެލް ޖެން" ގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ 2014 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި އެކި ދާއިރާތަކުން 400 ފަރާތުން ބައިވެރިވެރިވި ކަމަށާއި، އަދި އެންމެ ފަހުން ޗައިނާގެ ވިޔަފާރީގެ މައިރަށް ބެއިޖިންގައި އޮތް އިންވެސްޓްމަންޓް ފޯރަމްގައި 600 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ.
"މި އަހަރު ދިއްލީގައި ބޭއްވުމަކީ ކުރިއެރުމެއް. އިންޑިޔާއަކީ ރާއްޖޭގެ ކުރިއެރުމުގައި މުހިންމު ރޯލެއް އަދާކުރާ ގައުމެއް. މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމް ބޭއްވިގެން މިދަނީ އިންޑިޔާ ސަރުކާރުގެ އެއްބާރުލުމާއެކު،" ސައީދު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީންވަނީ މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި އިޝްތިހާރު ކުރަން ބޭނުންވާ ފަރާތްތަކަށް ތިން ކެޓަގަރީއެއް ހުޅުވާލާފަ އެވެ. މިގޮތުން ޕްލެޓިނަމް، ގޯލްޑް އަދި ސިލްވާ ޕެކޭޖުތައް ހުޅުވާލާފަ އެވެ. މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމް ބާއްވަނީ ނޮވެމްބަރު މަހުގެ 21-22 ގަ އެވެ.
އިޝްތިހާރު ޕެކޭޖްތައް
- ޕްލެޓްނިމަމް: ފީ އަކީ 35،000 ޑޮލަރު
- ގޯލްޑް: ފީ އަކީ 25،000 ޑޮލަރު
- ސިލްވާ: ފީ އަކީ 15،000 ޑޮލަރު
މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް މިއީ ބާއްވާ ތިންވަނަ އަހަރެވެ. މިގޮތުން ފުރަތަމަ އިންވެސްޓްމަންޓް ފޯރަމް ބޭއްވީ ސިންގަޕޫރުގަ އެވެ. އަދި އެއަށްފަހު އިންޑިޔާގަ އެވެ. މި ފޯރަމްތަކުގެ ސަބަބުން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް މުޅި ދުނިޔެ އަށް ހުޅުވިގެން ގޮސްފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.