- މިދިޔަ އަހަރަށްވުރެ އިތުރުވުމުގެ އުންމީދު
- ފޯރަމް އޮތީ ނޮވެމްބަރު 21-22 ދިއްލީގައި
- ރަޖިސްޓްރީކުރަން ވަނީ ހުޅުވާލާފައި
އިންޑިޔާގައި އޮންނަ އިންވެސްޓްމަންޓް ފޯރަމްގައި ގިނަ އަދަދެއްގެ އިންވެސްޓަރުން ބައިވެރިވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އިންޑިޔާގެ ނިއު ދިއްލީގައި މި އަހަރުގެ ނޮވެމްބަރު 21-22 ގައި އޮންނަ އިންވެސްޓްމަންޓް ފޯރަމާ ބެހޭ ގޮތުން މިނިސްޓަރު ސައީދު "އަވަސް" އަށް ވިދާޅުވީ އެންމެ ފަހުން ޗައިނާގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި އެކި ދާއިރާތަކުން 600 ފަރާތެއް ބައިވެރިވެފައިވާ ކަމަށާއި، މި އަހަރު މި އަދަދު އިތުރުވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.
" މި އަހަރުގެ ފޯރަމް މި ބާއްވަނީ އިންޑިޔާ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒް [ފިކީ] އާ ގުޅިގެން. މި ޖަމިއްޔާގައި 250000 މެންބަރުން ހިމެންބަރުން ހިމެނޭ. އެހެންވެ ގިނަ އަދަދެއްގެ އިންވެސްޓަރުން މި ފޯރަމްގައި ބައިވެރިވާނެ ކަމަށް އުންމީދު ކުރެވޭ،" ސައީދު ވިދާޅުވި އެވެ.
ނިއު ދިއްލީގެ ތާޖުޕެލެސްގައި ބާއްވާ މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލާފަ އެވެ. މީގެ އިތުުރުން މި އަހަރުގެ ފޯރަމް ސްޕޮންސާ ކުރުމަށް ތިން ޕެކޭޖެއް ވަނީ ތައާރަފުކޮށްފަ އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި ވެސް ހާއްސަ ޑައިލޮގެއް އޮންނާނެ ކަމަށާއި، މި ޑައިލޮގްގައި ދުނިޔޭގެ މަޝްހޫރު ފަރާތްތަކުން ބައިވެރިވާނެ ކަމަށެވެ.
"މި ޑައިލޮގްގައި ރާއްޖެއާ ބެހޭ ގޮތުން މަޝްހޫރު ފަރާތްތަކުން ވާހަކަ ދައްކާނެ. އެހެންވެ ރާއްޖޭގެ އިގްތިސާދުގެ މައުލޫމާތުތައް ލިބޭނެ،" ސައީދު ވިދާޅުވި އެވެ.
އިންޑިޔާގައި އޮންނަ އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވުމަށް އިކޮނޮމިކް މިނިސްޓްރީވަނީ ވިޔަފާރިވެރިންނަށް ހުޅުވާލާފަ އެވެ. މި ފޯރަމްގައި އިޝްތިހާރު ކުރުމަށް ތިން ޕެކޭޖެއްވެސް ނެރެފައިވެ އެވެ.