ބޮލީވުޑް

ސަލްމާން، ކަބީރް ޚާންގެ އިތުރު ފިލްމެއް ކުޅެނީ

Sep 22, 2016

ޑައިރެކްޓަރު ކަބީރް ޚާން އުފެއްދި "އޭކްތަ ޓައިގާ" އާއި "ބަޖްރަންގީ ބައިޖާން" ގެ ލީޑްރޯލުން ސުޕަސްޓާ ސަލްމާން ޚާން ފެނިގެން ގޮސްފައިވާއިރު، އެދެފިލްމަށް ވެސް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފަ އެވެ.

މިދެފިލްމުގެ ކާމިޔާބީ އާއެކު ކަބީރްގެ ލަކީ މެސްކޮޓަށް ސަލްމާން ވަނީ ވެފަ އެވެ. މިހާރު ވެސް ސަލްމާން ކަބީރް ޑައިރެކްޓްކުރާ "ޓިއުބްލައިޓް" ގެ މަންޒަރުތައް ނަގަމުން އަންނައިރު، ކަބީރް ޑައިރެކްޓްކުރާ އިތުރު ފިލްމެއްގެ ލީޑްރޯލުން ސަލްމާން ފެނިގެންދާނެ ކަމުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.

ސަލްމާންގެ ދައްތަ އަލްވީރާ އާއި ޅިޔަނު އަތުލް އަގްނިހޯތްރީ ޕްރޮޑިއުސްކުރާ މިފިލްމުގެ ޑައިރެކްޓަރަކަށް އެންމެފުރަތަމަ ހަމަޖައްސާފައިވަނީ ރާޖްކުމާރް ސަންތޯޝީ އެވެ. ނަމަވެސް ޕްރޮޑިއުސަރުންނާއި އޭނާއާ ދެމެދު ހިޔާލު ތަފާތުވުން ތަކެއް އުފެދި ރާޖްކުމާރު މިފިލްމު ދޫކޮށްލުމުން، ފިލްމުގެ ޑައިރެކްޓަރަކަށް ކަބީރް ހަމަޖެއްސުމަށް އަލްވީރާ އާއި އަތުލް ކުރެން އެދިފައިވަނީ ސަލްމާނެވެ.

"ޓިއުބްލައިޓް" ގެ ޝޫޓިން ނިމުމުން ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ މިފިލްމަކީ 1983 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕުގައި އިންޑިއާ އަށް ކާމިޔާބުވި ގޮތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. މިފިލްމުގައި ސަލްމާން ކްރިކެޓް ކުޅުންތެރިއެއްގެ ރޯލުން ފެނިގެންދާއިރު، އޭނާ އާއެކު މިފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދާނެ ތަރިއަކު ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށްވެ އެވެ.

މިއަހަރުގެ ފަހުކޮޅު މިފިލްމުގެ ޝޫޓިން ފަށާނެ ކަމަށްވާއިރު، ޔާޝް ރާޖްސްއިން އުފައްދާ "އޭކް ތަ ޓައިގާ" ގެ ދެވަނަ ބައި، "ޓައިގާ ޒިންދާ ހޭ" އަކީ ވެސް ބަތަލާ ކެޓްރީނާ ކައިފް އާއެކު ސަލްމާން ކުޅެން ކުރިއަށް އޮތް ފިލްމެކެވެ.

ކަބީރް ޑައިރެކްޓްކުރާ މިފިލްމުގައި ސަލްމާން ކްރިކެޓްކުޅުން ތެރިއެއްގެ ރޯލު ކުޅޭނަމަ މިއީ އޭނާ ކްރިކެޓްކުޅުން ތެރިއެއްގެ ރޯލުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.