ހަބަރު

ރިޔާޒުގެ ގަޔަށް ކަޅު ތެޔޮ ޖެހި މީހުން ހޯދަން ފުލުހުން އިއުލާންކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ގަޔަށް ކަޅު ތެޔޮ ޖެހި މީހުން ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

ކުރިން ޕޮލިސް ކޮމިޝަނަރުކަން ވެސް ކުރެއްވި ރިޔާޒުގެ ގަޔަށް ކަޅު ތެޔޮ ޖެހީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން މަޖިލީހުގައި ވޯޓު ނެގި ދުވަހު ހެނދުނު މަޖިލީހަށް ދާން ރިޔާޒު އޭނާގެ ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ. ސައިކަލެއް ދިޔަ ދެ މީހަކު ރިޔާޒުގެ ގަޔަށް ކަޅު ތެޔޮ ޖެހުމަށް ފަހު ވަނީ ފިލައިފަ އެވެ.

އޭގެ ދެ މަހެއްހާ ދުވަސް ފަހުން ފުލުހުން މިއަދު އިއުލާންކުރީ އެ ދެ މީހުންނަކީ ކޮން ބައެއްކަން މިހާތަނަށް ހޯދިފައިނުވާތީ އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުނެއެވެ. އެހެންވެ އެ ދެ މީހުންނާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން ފުލުހުންނަށް އެންގުމަށް ވެސް ފުލުހުން އެދެއެވެ.