ރާއްޖެ ކުޅިވަރު

ދަގަނޑޭގެ 400 ލަނޑުގެ ހާއްސަ ޝުކުރު މަންމައަށް

ގައުމީ ކެޕްޓަން އަލީ އަޝްފާގް ނުވަތަ ދަގަނޑޭ އަކީ ރާއްޖެ ނުދެކޭފަދަ ކުޅުންތެރިއެކެވެ. އޭނާގެ ތައާރަފަކަށް ދާކަށް ނެތީމެވެ. އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި އިއްޔެރޭ ވިކްޓަރީއާ ދެކޮޅަށް އޭނާ ވަނީ 400 ލަނޑު ހަމަކޮށްފަ އެވެ. މިއީ އާދައިގެ ކުޅުންތެރިއަކަށް ލާހިކަ ކަމެއްނޫނެވެ.

ސާކް ރީޖަނުގައި އެންމެ މޮޅު ފޯވަޑުން އުފެދުނީ އިންޑިޔާގަ އެވެ. ކުރީގެ ކެޕްޓަން ބައިޗުން ބުޓިޔާ އާއި މިހާރުގެ ކެޕްޓަން ސުނިލް ޗެތްރީ އަށް ވެސް 200 ގޯލު ވެސް ޖެހިފައިނުވެ އެވެ. އޭޝިޔާ އަށް ބަލާއިރު އޮސްޓްރޭލިޔާގެ ކުރީގެ ފޯވަޑް ޓިމް ކާހިލް އާއި މާކް ވިޑޫކާ އަށް ދަގަނޑޭގެ ގޯލުތަކާ ހަމައަށް ނުދެވުނެވެ.

ދަގަނޑޭގެ ފުރަތަމަ އަޅުގަނޑު ބެލީ ގަލޮޅު ދަނޑުގެ ސަރަހާއާވީކޮޅު ސިޑިބަރީގައި އިނދެގެންނެވެ. ވެލެންސިއާއަށް މާމޮޅު ފޯވަޑަކު ގެނެސްފިކަމަށާއި އޭނާގެ ނަމަކީ ދަގަނޑޭއޭ ކިޔަން ފެށުމުން އެދުވަހު ވަރަށް ކުރިން ދަނޑަށް ވެސް ދިޔައިމެވެ. އޭނާ ކުލަބު ކެރިއަރު ފެށީ ވެސް މޮޅު އިންޑޓަނޭޝަނަލް ލަނޑަކުންނެވެ. ފުރަތަމަ މެޗަކީ 2001ގެ ޕޮމިސްކަޕުގައި ވިކްޓަރީއާ ދެކޮޅަށް ވެލެންސިއާގެ ކުޅުނު މެޗެކެވެ. ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ދަގަނޑޭ ކުޅެން ނެރުނީ ވެލެންސިއާގެ އިސް ފޯވަޑް އަލީ އުމަރު ދިގު ސަސްޕެންޝަނެއްގައި ހުރުމުންނެވެ. އިތުބާރު ޑިފެންޑަރު މުހައްމަދު އިބްރާހީމް (ކައްޕި) ގައިން ނައްޓާފައި އޭނާގެ ރަސްމީ ފާތުފައިން ދަގަނޑޭ ވިކްޓަރީގެ ގޯލު ފޫއަޅުވާލީ ކީޕަރު އިމްރާން މުހައްމަދު ގޯލުގައި ހުއްޓަ އެވެ. އެއިރު އެއީ 16 އަހަރުގެ ޅަކުއްޖެކެވެ.

މިއަދު 32 އަހަރުގެ ފޯވަޑް 400 ލަނޑު ހަމަކުރިއިރު އެންމެ ގިނަ ގޯލު ޖަހައިދިނީ އޭނާގެ ފުރަތަމަ ކުލަބު ވެލެންސިއާ އަށެވެ. 104 ގޯލު ވެލެންސިއާ އަށް އަދި ދެ ފަހަރެއްގެ މަތީން ކުޅުނު ނިއުރޭޑިއަންޓަށް 96 ގޯލު ޖަހައިދިނެވެ. މި ދެ ކުލަބުގެ ސަޕޯޓަރުންގެ ހިތުގައި އަދިވެސް އޮތީ އޭނާ އަށް ލޯތްބާއި އިހްތިރާމެވެ. ވީބީ އަށް 93 ގޯލު، މެލޭޝިޔާގެ ޕީޑީއާރުއެމަށް 46 ގޯލު އަދި ބުރޫނާއިގެ ޑީޕީއެމްއެމަށް 2 ގޯލު ޖަހައިދީފައިވާއިރު ގައުމީ ޓީމަށް 53 ގޯލު ޖަހާދީފައިވެ އެވެ. 400 ލަނޑު ހަމަކުރީ މިހާރުގެ ކުލަބު މާޒިޔާ އަށް ޖަހައިދިން ހަ ވަނަ ގޯލާއެކުގަ އެވެ.

"400 ގޯލު ޖެހުމަކީ ހިޔާލަށް ވެސް އައިކަމެއްނޫން. މިއީ ވަރަށް ބޮޑު ޝަރަފެއް. އިތުރު ކާމިޔާބީ ހޯދަން އަހަރެން 100 ޕަސެންޓް ދޭނަން،" ދަގަނޑޭ އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވެ އެވެ.

މިކާމިޔާބީގައި ދަގަނޑޭގެ އެންމެ ހާއްސަ ޝުކުރެއް އޮތީ އޭނާގެ ލޯބިވާ މަންމައަށެވެ. އޭނާ ލިޔެފައިވަނީ ކުރިމަގަށްޓަކައި މަންމަ ކޮށްދީފައިވާ މަސައްކަތް ބަލައިގަންނަ ކަމަށާއި މަންމަ އަށް ހާއްސަ ޝުކުރެއް އެބައޮތް ކަމަށެވެ.

"މަންމަ ކޮށްދީފައިވާ މަސައްކަތް ބަލައިގަނެ، ވަރަށް ހާއްސަ ޝުކުރެއް. އެއީ އަހަރެންގެ ހަޔާތުގައި ކޮންމެ ވަގުތަކު ވެސް އަހަންނާއެކުހުރި ފަރާތް،" ގައުމީ ކެޕްޓަން ލިޔެފައިވެ އެވެ.

އޭނާގެ މި ބަސްތައް އިތުރަށް ފުރިހަމަކޮށްދިނީ ދަގަނޑޭގެ އެންމެ ފުރަތަމަ މެނޭޖަރު އަބުދުﷲ ޝިބާއު އެވެ. އޭނާ ބުނީ ދަގަނޑޭ އަކީ ވަރަށް ހާލުގައި ބޮޑުވި ކުއްޖެއް ކަމަށާއި އޭގެ ސަބަބުން ކަމެއް ހާސިލްކުރަން ގަދައަޅައި މަސައްކަތްކުރުމުގެ ރޫހު ދަގަނޑޭގެ ކިބައިން ފެނުނު ކަމަށެވެ.

"އޭނާއަކީ ވެސް އަދި އެކުޑަކުޑަ އާއިލާ އަކީ ވެސް ވަރަށް ހާލުގައި އުޅުނު ބައެއް. ދަގަނޑޭ އަކީ ވަރަށް ހާލުގައި އޭނާގެ މަންމަ ބަލާބޮޑުކުރި ކުއްޖެއް. އަނެއްކާ އެދެބެން (ދަގަނޑޭ އާއި އޭނާގެ ބޭބެ އަހުމަދު އަޝްފާން)ގެ ވެސް އަދި މުޅި އާއިލާގައި ވެސް ވަރަށް ބޮޑު ގުޅުމެއްއޮވޭ. އެންމެ ފުރަތަމަ ވެސް ފެނުނު އޭނާ ކަމެއް ހާސިލްކުރަން ގަދައަޅައި މަސައްކަތްކުރިތަން. ހިތްވަރާއެކު އެއިރުންސުރެ އެކުރި މަސައްކަތް މިހާރު ތިފެންނަނީ. އަހަރެން އޭނާ އަށް ވެސް އަދި އެއިލާ އަށް ވެސް މަރުހަބާކިޔަން. އެމީހުންނަށް މިހާރު އެލިބެނީ ހައްގު ކާމިޔާބީއެއް،" ވެލެންސިއާގެ މެނޭޖަރު ޝިބާއު ބުންޏެވެ.

ދަގަނޑޭ ކުޅޭ މެޗުތަައް އޭނާގެ މަންމަ އާމިނަތު ނާހިދާ ފުރަތަމަ ބަލަމުންދިޔައީ ގަލޮޅު ދަނޑުކައިރީގައި ހަދަމުންދިޔަ ހަބުރި ގެއެއްގެ މައްޗަށް އަރައެވެ. އެއީ މެޗުބަލަން މަންމަ ގަލޮޅު ދަނޑަށް ވަންނަން ކުދިން ގަބޫލުނުވުމުންނެވެ. އެކަމަކު ދަގަނޑޭ އާއި ބޭބެ އަޝްފާންގެ އެންމެ ބޮޑު ހިތްވަރަކީ ވެސް އެންމެ ބޮޑު ސަޕޯޓަރަކީ ވެސް މަންމަ ނާހިދާ އެވެ.