ހަބަރު

ނަޝީދު ޝަރީއަތް ނިމެންދެން ބަންދު ކުރަން ނެރުނު އަމުރު އިސްތިއުނާފްކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ދައުވާކުރާ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ނަޝީދުގެ ފަރާތުން ހައި ކޯޓުން އިސްތިއުނާފްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން މިދިޔަ ހޯމަ ދުވަހު ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެގޮތަށް ކޯޓުން އަމުރު ނެރުނީ އެމަނިކުފާނު ފިލާފާނެ ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އެގޮތަށް އެދުމުންނެވެ.

ނަޝީދު ބަންދުގައި ބަހައްޓަން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރިކަން ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ކުރެއްވި ޓްވީޓެއްގައި ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެ މައްސަލަ ހައި ކޯޓުން ބަލައިގަތްކަމެއް ސާފެއް ނުވެއެވެ.

ނަޝީދުގެ ބަންދު އަމުރު އެމަނިކުފާނުގެ ފަރާތުން އިސްތިއުނާފް ކުރިއިރު އެމަނިކުފާނުގެ ޝަރީއަތުގެ ދެވަނަ އަޑުއެހުން މިރޭ 8:00 ގައި ބާއްވަން ވަނީ ނިންމައިފަ އެވެ.