ވިޔަފާރި

އުރީދޫން އައިފޯން 7 ބާޒާރަށް ނެރެފި، ފޯނު ގަންނަން ކިއޫ ހަދައިފި

Sep 22, 2016
1
  • ފޯނާއެކު ހާއްސަ އޮފާތަކެއް ދޭނެ
  • އައިފޯނުގެ ފަހަށް ބޮޑު ތަރުހީބެއް
  • މުޅިންއާ ފީޗާތަކެއް ހިމެނޭ

އެޕަލްއިން އެންމެ ފަހުން ތައާރަފްކުރި އައިފޯން ކަމަށްވާ އައިފޯން 7 އަދި އައިފޯން 7 ޕްލަސް، އުރީދޫ މޯލްޑިވްސް އިން މިއަދު ބާޒާރަށް ނެރެފި އެވެ. އެ ފޯނު ބާޒާރަށް ނެރުމާ އެކު އެތައް ބަޔަކު ވަނީ އެ ފޯނު ގަންނަން އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ކައިރީ ކިޔޫ ހަދައިފަ އެވެ.

އުރީދޫގައި އެކްސްޕީރިއަންސް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ފޯނު ބާޒާރަށް ނެރެދިނީ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އުރީދޫ އިން އައިފޯނު ގަންނަ ފަރާތްތަކަށް ޕްރިޕެއިޑެއް ނަމަ 12 ޖީބީގެ ހިލޭ ޑޭޓާ އާއި 1200 މިނެޓްގެ ހިލޭ ޓޯކްޓައިމް ލިބޭނެ އެވެ. ޕޯސްޕެއިޑެއްނަމަ 32 ޖީބީގެ ހިލޭ ޑޭޓާ ލިބޭނެ އެވެ.

އެޕަލް ކުންފުނިން އެންމެ ފަހުން ބާޒާރަށް ނެރުނު ފޯނާ ބެހޭ ގޮތުން އުރީދޫގެ ސީނިޔަ ސްޕެޝަލިސްޓް ވާސް، އަހުމަދު ނޫމާން ވިދާޅުވީ މި ފޯނުގެ އެއް ތަފާތަކީ ފޯނުގައި އެހެން ފޯނުތަކާ ހިލާފަށް ހޯމް ބަޓަން ނެތުން ކަމަށެވެ.

"މި ފޯނުގައި ހޯމް ބަޓަން ނެތް. އެހެންވެ ހަމަ ޓަޗް ކޮށްލީމަ ލޮގިން ވެވޭ. ޕިންގް ޕްރިންޓާއެކު. ހެޑްފޯން ޖެކް ނެތް. ލައިޓްލިން ކަނެކްޓާ މެދުވެރިކޮށް ޗާޖާއި ހެޑް ފޯން ބޭނުންކުރެވޭ،" ނޫމާން ވިދާޅުވި އެވެ.

މީގެ އިތުރުން މި ފޯނުގެ ހާއްސަ ބައެއް ސިފަތަކަށް ބަލާއިރު، ސައުންޑް ކޮލިޓީ ރަނގަޅުވުމުގެ އިތުރުން 12 މެގަ ޕިކްސެލްގެ ދެ ކެމެރާ ވެސް ފޯނުގައި ހުރެ އެވެ.

އުރީދޫގެ ސީނިޔަ އޮފިސާ ޕްރޮޑަކްޓް އައިމިނަތު އަމާނީ ވިދާޅުވީ ފޯނުގެ އަގުތައް ހުރީ 899ރ. އިން ފެށިގެން ކަމަށާއި، މިގޮތުން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިންސްޓޯލްމަންޓުގެ އިތުރުން ކޮންމެ މަހަކު 3ޖީބީ ލިބޭނެ ކަމަށެވެ.

"މަހަކު 3ޖީބީ ލިބޭނަމަ އަހަރެއްގެ މައްޗަށް 36 ޖީބީ ލިބޭނެ. އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް 12 ޖީބީއާއި 1200 ފްރީމިނެޓް ލިބިގެންދޭ،" އަމާނީ ވިދާޅުވި އެވެ.

އުރީދޫއިން މީގެ ކުރިންވެސް އެންމެ ފަހުގެ ފޯނުތައް މިގޮތަށް ވިއްކާފައިވެ އެވެ.