ހަބަރު

"ސްނައިޕަރު" މައްސަލައިގެ މިއަދުގެ އަޑުއެހުން ސިއްރުކޮށްފި

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާވައިގެން ރާއްޖެ ގެނައި ކަމަށް ތުހުމަތު ކުރާ، ސްރީލަންކާގެ ލަހިރޫ މަދުޝަންކާގެ ޝަރީއަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ސިއްރުކޮށްފި އެވެ.

އެ މައްސަލައިގެ ޝަރީއަތް ތާވަލްކޮށްފައި ވަނީ މިއަދު މެންދުރު 1:00 އަށެވެ. އެހެން ނަމަވެސް ނޫސްވެރިންނަށް ކޯޓުން އަންގާފައި ވަނީ އެ މައްސަލައިގެ ޝަރީއަތް ސިއްރުކޮށްފައިވާ ކަމަށެވެ. މިއަދު އޮތީ ދައުލަތުން ހުށަހެޅި ތިން ސިއްރު ހެކިންގެ ހެކިބަސް ނެގުމެވެ. މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ވެސް، ދެ މީހެއްގެ ހެކިބަސް ވަނީ ނަގައިފަ އެވެ.

މި މައްސަލާގައި އަދީބާއި މަދުޝަންކާގެ އިތުރުން ދައުވާ ކޮށްފައިވަނީ މ. ލިލީޕާކް ފަޒީލު ހަމީދާއި ގ. އޮއިވާލި، އިސްހާގު ހުސެއިންގެ މައްޗަށެވެ.

މަދުޝަންކާ ރާއްޖެ ފޮނުވުމުގައި ދިވެހިންގެ މެދުވެރިއަކަށްވީ ލަންކާ މީހާ އެ ގައުމުގެ ނޫސްތަކުގައި ބުނެފައި ވަނީ، ފަސް ދިވެއްސަކު އޭނާ ކައިރީ އެދުނީ ޕްރައިވެޓް ބޮޑީ ގާޑެއްގެ ވަޒީފާއަށް މީހަކު ހޯދައިދިނުމަށް ކަމަށެވެ. އަދި އެ ވަޒީފާއަށް މީހުން ހޯދުމަށް އޭނާ ކުރި މަސައްކަތުގައި އެކަމާ މެދު ވާހަކަ ދެއްކި ލަންކާ މީހުންގެ ތެރެއިން ވަޒީފާއަށް ރާއްޖެ ދާން އެއްބަސްވީ މަދުޝަންކަ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ދިވެހިން ބޭނުންވީ، އަސްކަރިއްޔާގައި މަސައްކަތް ކޮށްފައި ހުރި މީހެއް ނަމަވެސް، މަދުޝަންކަ ވަޒީފާއެއް ބޭނުންވެފައި ހުރިލެއް ބޮޑު ކަމުން، އޭނާ އަކީ އަސްކަރިއްޔާގައި އުޅުނު މީހެއް ކަމަށް ދޮގު ހަދައިގެން މަދުޝަންކަ ރާއްޖެ އައީ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އޭނާއަށް ވަޒީފާ ދޭނެ ކަމަށް ބުނި ދިވެހި މީހުން މަދުޝަންކަ އާ ބައްދަލުވެސް ނުކުރި ކަމަށާއި ރައީސް އަވަހާރަކޮށްލުމަށް ރޭވުމެއް އޮތް ކަމަށް މަދުޝަންކަ އަށް ނޭނގޭ ކަމަށް ވެސް ލަންކާ އެޖެންޓް ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް ދައުލަތުން ބުނެފައި ވަނީ މަދުޝަންކާ ރާއްޖެ އައީ ރައީސް އަވަހާރަކޮށްލަން އެއްބަސްވެ އެކަމުގައި ކަމަށެވެ.