ހަބަރު

ބްރިޖް މަސައްކަތް ބަލާ ޕްލެޓްފޯމް ހަދަން ނިއުޕޯޓަށް

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތްތައް ނިމެންދެން އެތަނުގެ މަސައްކަތް ކުރިއަށްދާގޮތް ބަލާލައި އެ ސަރަހައްދުގައި ވަގުތު ހޭދަކޮށްލާނެ ޕްލެޓްފޯމެއް ހެދުމަށް ނިއުޕޯޓަށް މިއަދު ހަވާލުކޮށްފި އެވެ. އެ މަޝްރޫއަކީ އަމިއްލަ ހަރަދުގައި އެކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ހައުސިން މިނިސްޓްރީން ކުރި އިއުލާނަށް ޕްރޮޕޯސަލް ހުށަހަޅައިގެން ނިއުޕޯޓަށް ލިބުނު މަޝްރޫއެކެވެ.

ގާތްގަނޑަކަށް އަށް މިލިއަން ރުފިޔާގެ އެ މަޝްރޫއު ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ފަރާތުން ޑރ. މުހައްމަދު މުއިޒް އެވެ. ނިއުޕޯޓް ހިންގާ ކުންފުނި، އެސްޓްރާޑާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޒާހިދު ރަމީޒެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ވިދާޅުވީ، ބްރިޖްގެ މަސައްކަތަކީ އުމްރާނީ ތަރައްގީގެ ދާއިރާއިން ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާތީ އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލާލުމުގެ ފުރުސަތަކީ ރައްޔިތުންނަށް ލިބެންޖެހޭ ހައްގެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. "ބްރިޖް ވިއުވިން ސައިޓް" ނަމުގައި ރާޅުގަނޑާވީ ދިމާލުން ބޮޑުތަކުރުފާނު މަގުން ނެއްޓި އޮންނަ ހުސް ސަރަހައްދުގައި ޕްލެޓްފޯމެއް ހަދަން ސަރުކާރުން ނިންމީ ރައްޔިތުންނަށް ބްރިޖްގެ މަސައްކަތް ނިމެންދެން އެތަން ބަލާލެވޭނެ ފުރުސަތު ހޯދައިދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޒާހިދު ވިދާޅުވީ، ހައުސިން މިނިސްޓްރީން ބޭނުންވާ ގޮތަށް ތިން އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ އެ މަޝްރޫއު ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ބްރިޖް ބަލާ ޕްލެޓްފޯމް އަޅަނީ 300 މީހުންނަށް އެއްފަހަރާ އެތަން ބޭނުން ކުރެވޭ ގޮތަށެވެ. އެގޮތުން އެތަނުގައި ފުޑް ކޯޓްތަކާއި ކުޑަކުދިން ކުޅުމަށް ޕްލޭ އޭރިއާ އަކާއި، 100 ވެހިކަލްގެ ޖާގައިގެ ޕާކިން ޒޯނެއްގެ އިތުރުން ބްރިޖްގެ މަސައްކަތް ބަލާލަން ދެ ދުރުމިވެސް ހަރުކުރުމަށް ވަނީ ނިންމާފަ އެވެ.

ޒާހިދު ވިދާޅުވީ ޕްލެޓްފޯމްގެ މަސައްކަތަށް އަށް މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް ބަލާއިރު، އެ ފައިސާ ތިން އަހަރު ދުވަހުގެ ތެރޭ ހޯދޭނެ ގޮތަށް ޕްލޭންތަކެއް ހަދާފައިވާ ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި އިވެންޓްސްތައް ބާޢްވައިދިނުމާއި އެނޫންވެސް ގޮތްގޮތުން ތަނަށް ފައިސާ ލިބޭނެ ގޮތްތައް ވިސްނާފައިވާ ކަމަށް ވިދާޅުވި އެވެ.