ބޭރު ކުޅިވަރު

އާސެނަލް އަަށް އޮތް ފުރުސަތު ހަނިވެއްޖެ، އެކަމަކު ދުލެއް ނުދޭނަން: ވެންގާ

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ މޮނާކޯ އަތުން އަމިއްލަ ދަނޑުގައި 3-1 އިން ބަލިވުމުން އާސެނަލް އަށް ކުއާޓާ ފައިނަލް އިން ޖާގަ ހޯދުމަށް އޮތް ފުުރުސަތު ހަނިވިޔަސް، އުންމީދު ދުލެއް ނުކުރާނެ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ވެންގާ ކުރިން ކޯޗުކޮށްދިން މޮނާކޯ އިން އާސެނަލްގެ މައްޗަށް ކުރި ހޯދީ ޑިމީޓާ ބާބަޓޯފް އާއި ޔަނިކް ފެރޭރާ ކަރަސްކޯ އަދި ޖެފެރީ ކޮންޑޮގްބިއާ ޖެހި ލަނޑުތަކުންނެވެ. މެޗުގެ އިތުރު ވަގުތުގައި އާސެނަލް އަށް ސުން ކަނޑުވާލަދިނީ އެލްކްސް އޮކްލޭޑް ޗެމްބަލެއިން އެވެ.

"މިހާރު އަަހަރެމެންނަށް އޮތް ފުރުސަތު މި އޮތީ ހަނިވެފައި،" ވެންގާ ބުންޏެވެ. "ތިން ވަނަ ލަނޑުގެ ސަބަބުން އަހަރެމެންނަށް އިތުރު އުނދަގުލެއް ކުރިމަތިވާނެ. އެކަމަކު އަހަރެމެން ދުލެއް ނުދޭނަން. ނަތީޖާ އަނބުރާލަން މަސައްކަތްކުރާނަން."

ވެންގާ ބުނީ މެޗުގައި ލަނޑު ޖަހަން އާސެނަލް އަށް ލިބުނު ފުރުސަތުތައް ބޭކާރުކޮށްލިއިރު، ޑިފެންސް ލައިން އިން ބޮޑެތި ގޯސްތަކެއް ހެދި ކަމަށެވެ.

"މި މެޗުގައި އާސެނަލް ކޮޅަށް ލަނޑުތައް ވަނީ ޑިފެންސްގައި ހެދި މިސްޓޭކްތަކުން. މި ގޮތަށް ލަނޑުތައް ދީގެން ސަލާމަތެއް ނުވާނެ،" ވެންގާ ބުންޏެވެ.

މޮޮނާކޯގެ ކޯޗު ލިއޮނާޑޯ ޖާރްޑިމް ބުނީ ފުރަތަމަ ލެގުން މޮޅުވިޔަަސް މޮނާކޯ އަށް އަދި ކުއާޓާގެ ޖާގައެއް ކަށަވަރުކުރެވެން ނެތް ކަމަށެވެ.

"މި މެޗުން އަހަރެމެން މޮޅުވާނެ ކަމަށް އުންމީދުކުރާނީ މަދު ބައެއް. މިއީ ވަރަށް ރަނގަޅު ނަތީޖާއެއް އެކަމަކު ދެވަނަ ލެގު އޮތްކަން ހަނދާންކުރަންޖެހޭ. އާސެަނަލް އަކީ ނުރައްކާތެރި ޓީމެއް،" ޖާރްޑިމް ބުންޏެވެ. -- ބީބީސީ