ހަބަރު

"ފަސޭހަ މަގު" އެޕް ހިލޭ ބޭނުންކުރެވޭ ގޮތަށް އުރީދޫއިން ހަމަޖައްސައިފި

އެކި ކަންކަމަށް ބަންދު ކުރާ މާލޭގެ މަގުތައް ފަސޭހައިން ބަލައިލެވޭނެ ގޮތް ހެދުމަށް ހައުސިން މިނިސްޓްރީން ތައާރަފްކުރި "ފަސޭހަ މަގު" އެޕްލިކޭޝަން ހިލޭ ބޭނުންކުރެވޭ ގޮތަށް އުރީދޫއިން ނިންމައިފި އެވެ.

ފަސޭހަ މަގު އެޕަކީ ބަންދުކުރާ މަގުތައް ދުވަހުން ދުވަހަށް ބަލައި ޗެކުކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ ސްމާޓް އެޕެކެވެ. އަދި އެ އެޕުން ހައުސިން މިނިސްޓްރީގެ އެހެން ބައެއް މަސައްކަތްތަކާ ބެހޭގޮތުން ވެސް މައުލޫމާތު ހޯދައި ކަންކަމާ ގުޅޭ ގޮތުން އެ މިނިސްޓްރީއަށް ޝަކުވާވެސް ހުށަހެޅޭނެ އެވެ.

މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އުރީދޫގެ ސީއީއޯ ވިކްރަމްސިންހަ ވިދާޅުވީ، އުރީދޫގެ ކަސްޓަމަރުންނަށް ފަސޭހަ މަގު ފަދަ މުހިއްމު އެޕްލިކޭޝަނެއް ހިލޭ ބޭނުންކުރެވޭނެ ފުރުސަތު ފަހިކޮށްދެވޭތީ އުފާކުރައްވާ ކަމަށެވެ. އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ އެހީ ފޯރުކޮށްދެވެން ހުރި ހުރިހާ ދާއިރާއަކުން ސަރުކާރަށް އެހީ ފޯރުކޮށްދިނުމަށް ކަމަށާއި ހާޢްސަކޮށް ޓެކްނޮލޮޖީގެ ރޮންގުން ވީ އެންމެ ބޮޑަކަށް ރައްޔިތުންނަށް ފަސޭހައާއި ލުއި ހޯދައިދިނުމަށް ކަމަށެވެ.

މިނިސްޓަރު ޑރ މުއިޒް ވަނީ އުރީދޫގެ އިސްނެގުމަށް ޝުކުރު އަދާކުރައްވާފަ އެވެ. އުރީދޫއިން އެޕް ހިލޭ ކުރުމަކީ ގިނަ ރައްޔިތުން އެއަށް އަހުލުވެރިވާނެ ކަމަކަށް ވުމުން، ކުރިއަށް އޮތްތަނުގައި އެ އެޕްލިކޭޝަންގެ ފައިދާ ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ ފަސޭހަ އެޕް ބޭނުންކުރާ މީހުންގެ އަދަދު މިހާޜުވެސް އިތުރުވަމުންދާ ކަމަށާއި، އެ އެޕް މެދުވެރިކޮށް ވަރަށް ގިނަ ފަރާތްތަކުން މިނިސްޓްރީގެ މަސައްކަތްތަކަށް ހިޔާލުވެސް ފޮނުވަމުންދާ ކަމަށެވެ. އެއީ މިނިސްޓްރީގެ މަސައްކަތްތަކަށް ލިބޭނެ ކުރިއެރުމެއް ކަމަށް ވެސް ވިދާޅުވި އެވެ.