ހަބަރު

ޕީޕީއެމްއަށް ފައިސާ ދޫކޮށްދޭން އިލެކްޝަންސްގައި އެދެފި

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްއަށް ލިބެންޖެހޭ ފައިސާތައް ދިނުމަށް އެ ޕާޓީން އިލެކްޝަން ކޮމިޝަނުގައި މިއަދު އެދިއްޖެ އެވެ.

އިލެކްޝަން ކޮމިޝަނަށް މިއަދު ޕީޕީއެމްއިން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ޕާޓީއަށް މި އަހަރު ލިބެންޖެހޭ ފައިސާ މިއަދާ ހަމައަށް ވެސް ލިބިފައިނުވާ ކަމަށެވެ.

ގާނޫނުގައި ބުނާ ގޮތުން އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީތަކަށް އިލެކްޝަން ކޮމިޝަނުން ފައިސާ ދޭން ޖެހޭނެ އެވެ.

"މި އަހަރުގެ ފައިސާ ނުލިބި މިހާ ގިނަ ދުވަސްވެފައި ވާތީވެ އެކަން ސާފުކޮށްދެއްވުން އެދެން،" ސިޓީގައިވެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ފައިސާ ބޭނުންވާތީ، އެ ފައިސާ ވީއެންމެ އަވަހަކަށް ޕާޓީގެ އެކައުންޓަށް ޖަމާކޮށްދިނުމަށް ސިޓީގައި ޕީޕީއެމްއިން ވަނީ އެދިފަ އެވެ.

އިލެކްޝަން ކޮމިޝަނުން މީގެކުރިން ބުނެފައިވަނީ، ޕާޓީތަކަށް ދޭން ޖެހޭ ފައިސާތައް ދިނުން ލަސްވެފައިވާތީ، ކަންބޮޑުވާ ކަމަށާއި ވަރަށް އަވަހަށް ފައިސާ ޕާޓީތަކަށް ދޭނެ ކަމަށެވެ. ފައިސާ ދިނުން ލަސްވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި ބައެއް އިސްލާހުތަކުގެ ސަބަބުންނެވެ.