ހަބަރު

ޓާޓާގެ އެއްބައި ފްލެޓްތަކަށް އެޗްޑީސީ އިން ފައިސާ ދައްކައިފި

އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އަޅާފައިވާ ފްލެޓްތަކާއި ގާކޮށީގައި އަޅަމުންދާ ފްލެޓްތައް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށަށް ގެނެސް، އޭގެ ތެރެއިން އެއް ފްލެޓް އިމާރާތަށް ދައްކަންޖެހޭ ފައިސާ، އެ އިމާރާތް އެޅި އެސްޖީ 18 ޑިވެލޮޕާސްއަށް އެޗްޑީސީން ދައްކައިފި އެވެ.

އެޗްޑީސީގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވީ، ޓާޓާ ހައުސިންއާއި އެޕެކްސް ރިއަލިޓީ އިން އުފައްދާފައިވާ އެސްޖީ 18 ޑިވޮލޮޕާސް އިން ގާކޮށި އަދި އަރަބިއްޔާ ކުރިން ހުރި ބިމުގައި އަޅާފައިވާ ހައުސިން ޔުނިޓްތައް އެ ކުންފުނީގެ ދަށަށް ރަސްމީކޮށް ގެނެސްފައިވާ ކަމަށެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ އެވެ.

ދެ ފްލެޓް އިމާރާތެއް އެޗްޑީސީގެ ދަށަށް ގެނެސްފައިވާއިރު އެއިން އެއް އިމާރާތަށް އެތަން ހެދި އެސްޖީ 18 ޑިވޮލޮޕާސް ކުންފުންޏަށް ފައިސާ ދައްކާފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. ނަމަވެސް ދެއްކި އަދަދު ހާމައެއް ނުކުރެ އެވެ. އެއީ 100 މިލިއަން ރުފިޔާ އެވެ.

".. އެސްޖީ 18 ޑިވޮލޮޕާސް އިން ގާކޮށި އަދި އަރަބިއްޔާ ކުރިން ހުރި ބިމުގައި އަޅާފައިވާ ހައުސިން ޔުނިޓްތައް އެޗްޑީސީގެ ދަށަށް ގެންނަން އިއްޔެ ވަނީ ސޮއިކޮށްފަ. އޭގެ ތެރެއިން އެއް އިމާރާތަށް އެޗްޑީސީން މިހާރު ވަނީ ފައިސާވެސް ދައްކާފަ. އިތުރު ތަފްސީލު ފަހުން ހާމަކުރާނެ ކަމަށް ދަންނަވަން،" އެޗްޑީސީން ބުންޏެވެ.

އެކުންފުނިން ބުނީ، ފައިސާ މިހާރު ނުދެއްކި ހުރި އިމާރާތަށް ވީ ފައިސާ، އެކުންފުނީގެ ފަރާތުން އެ ފްލެޓްތަކުގެ އެސެސްމަންޓް ހަދާ އިންޖިނޭރުންގެ މަސައްކަތްތައް ނިމުމުން ދައްކާނެ ކަމަށެވެ.

އަރަބިއްޔާ އާއި ގާކޮށި ބިމުގައި ސަރުކާރުން އިމާރަތްކޮށްފައިވާ ފްލެޓްތަކަށް މިހާރު ފައިސާ ދެއްކުމަށް ހަމަޖެހިފައިވާ އުސޫލު ލުއިކޮށްދިނުމަށް ހައުސިން އެޗްޑިސީ މެދުވެރިކޮށް ފައިސާ ދެއްކޭގޮތް ހެދުމަށް ސަރުކާރުން ނިންމީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެގޮތުން ކޮންޓްރެކްޓަރަށް ދައްކަންޖެހޭ 278.1 މިލިއަން ރުފިޔާ އެޗްޑީސީއަށް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.