ހަބަރު

ޓޫރިސްޓުންނާ އެކު ގުޅީ ފަރަށް ލޯންޗެއް އަރައިފި

ޓޫރިސްޓުންތަކެއް ގޮވައިގެން އަނަންތާރާ ރިސޯޓަށް ދަތުރުކުރި ލޯންޗެއް މާލެ އަތޮޅު ގުޅި ކައިރީ ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުން އެ ލޯންޗް ފުންކުރުމަށް މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ކ. ގުޅީ ފަރަށް ލޯންޗެއް އަރައިގެން އުޅޭ ކަމުގެ ރިޕޯޓެއް މިރޭ 07:50 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބިފައިވާ ކަމަށެވެ. ފަރަށް އަރާފައިވަނީ "ރެދަން" ނަމަކަށް ކިޔާ ލޯންޗެކެވެ. ލޯންޗް ފަރަށް އަރާފައިވަނީ ބާރަ މީހުންނާއެކު ދަތުރު ކުރަމުން ދަނިކޮށެވެ.

އެދިސާއާއި ގުޅިގެން އަނަންތާރާ ރިސޯޓުން ފޮނުވި ލޯންޗެއްގެ އެހީގައި އެ ލޯންޗުގައި ތިބި ޓޫރިސްޓުން ވަނީ ރިސޯޓަށް ގެންގޮސްފަ އެވެ. މިލޯންޗް ފުންކުރުމަށް އަނަންތާރާ ރިސޯޓުން ތިން ދޯނި އެސަރަހަށްދަށް ފޮނުވާފައިވާއިރު ލޯންޗް ފުންކުރުމަށް އެމްއެންޑީއެފުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.