ހަބަރު

މެމްބަރު ނާޒިމްގެ ޝަރީއަތްތައް އަންނަ އާދިއްތަ ދުވަހަށް ތާވަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކުރާ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާގެ ޝަރީއަތް އަންނަ އާދިއްތަ ދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި އެވެ.

ކުރިން މަޖިލީހުގެ ނައިބު ރައީސް ކަން ވެސް ކުރައްވާފައިވާ ނާޒިމް އެޓޮލްސް މިނިސްޓްރީގައި މަސައްކަތް ކުރެއްވިއިރު އޮޅުވާލައިގެން ސަރުކާރުގެ ހަތަރު ޕްރޮޖެކްޓެއް ކާމިޔާބު ކުރެއްވި ކަމަށް ބުނެ މަކަރާއި ހީލަތް ހެދުމުގެ ހަތަރު ދައުވާއެއް ދައުލަތުން ނާޒިމްގެ މައްޗަށް އުފުލި އެވެ. ނަމަވެސް އެ ހަތަރު މައްސަލައިގައި ވެސް ނާޒިމް ކުރީ ކުށެއް ނޫން ކަމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް ވަނީ ނިންމައިފަ އެވެ.

އެ މައްސަލަތައް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އޭގެ ތެރެއިން އާދިއްތަ ދުވަހު ބާއްވަނީ ތިން މައްސަލައެއްގެ ޝަރީއަތެވެ.

އެ މައްސަލަތަކުގެ ޝަރީއަތް މިދިޔަ ހަފުތާގައި ވެސް ސުޕްރީމް ކޯޓުގައި ބޭއްވި އެވެ. އެދުވަހުގެ އަޑުއެހުން ނިންމާލީ އެ ހުރިހާ މައްސަލަތަކަށް ޖަވާބުދާރީވާން ފަސް ދުވަހުގެ ފުރުސަތެއް ނާޒިމަށް ދިނުމަށް ފަހު އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުން ބަލާ އެ މައްސަލަތަކާ ހަވާލުވާނެ ވަކީލަކު ނުލިބޭ ކަމަށާއި އެހެންވެ ވަކީލަކު ހޯދުމަށާއި މައްސަލަތަކަށް ޖަވާބުދާރީވުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށް ނާޒިމްގެ ފަރާތުން އެދުވަހު އެދުނު ނަމަވެސް ފަނޑިޔާރުން ވިދާޅުވީ ވަކި މީހަކާ މެދު ވަކި އުސޫލަކުން އަމަލު ނުކުރެވޭނެ ކަމަށެވެ.

ސަރުކާރު ހިންގާ ޕީޕީއެމަށް ނާޒިމަކީ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ. ނަމަވެސް މިހާރަކަށް އައިސް ސަރުކާރާއި ޕާޓީގެ އެއްވެސް ހަރަކާތަކުން ނާޒިމް ނުފެނެ އެވެ.