ލައިފްސްޓައިލް

ނިޔަފަތި ކެއުން ނުހުއްޓުވޭނަމަ މި އޮތީ ހައްލު

Sep 23, 2016
4

ހަނދާން ހުންނަން ފެށީއްސުރެވެސް ނިޔަފަތި ކެވެ އެވެ. އުފާވީމަ އެވެ. ހާސްވެ ކަންބޮޑުވެ ބިރުގަތީމަ އެވެ. ފޫހިވީމަވެސް ނިޔަފަތި ކެވެނީ އެވެ. އުމުރުން މިހާރު 19 ވަރަކަށް އަހަރު ވަނީ އެވެ. މީހުންގެ ތެރޭގައި ހުރެ ނިޔަފަތި ކެވޭތީ އެކަމާ ލަދުވެސް ގަނެ އެވެ. ހުއްޓަންވެސް ބޭނުމެވެ. އެކަމަކު އަދިވެސް ނުހުއްޓެ އެވެ. އެކަމުގެ ސަބަބުން ނިޔަފަތިތައްވެސް ހުންނަނީ ވަރަށް ބޮޑަށް ހަޑިވެފަ އެވެ. ސާފު ކަމާއި ހުދު ކަމެއް ނުހުރެ އެވެ.

ނިޔަފަތި ކެއުން ހުއްޓުވާނެ ގޮތްތައް ދޭތެރެއަކުން ރައްޓެހިން ކިޔައިދެ އެވެ. ނަމަވެސް އެކަންތައްތައް ކުރުންވީ ބޮޑު ކަމެކެވެ. ނިޔަފަތި ކެއުމަކީ ނަފްސާނީ މައްސަލަތަކެއް ހުރުމުގެ ސަބަބުން ވާ ކަމެއް ކަމަށް ބައެއް މީހުން ގަބޫލުކުރި ނަމަވެސް އެކަމަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ނަފްސާނީ އިލްމުވެރިން ވިދާޅުވެ އެވެ.

ނިޔަފަތި ކެއުން ހުއްޓަން ބޭނުންނަމަ އެންމެ ފުރަތަމަވެސް ގަވާއިދުން ނިޔަފަތި ކެނޑުމެވެ. ދަތިން ނިޔަފަތި ކެނޑުމެވެ. އަބަދުވެސް ކުރުކޮށް ނިޔަފަތި ކަނޑާފައި ބަހައްޓާނަމަ އަނގައިން ކަނޑާނެ އެއްޗެއް ނޯންނާނެ އެވެ. އެހެން ކަމުން އަނގަޔަށް ނިޔަފަތި ލެވޭ މިންވަރު މަދުވެ ހުއްޓޭނެ އެވެ.

އަބަދުވެސް ނިޔަފަތި ކެއުން ހުއްޓަން އުޅޭކަން ހަނދާނުގައި ބަހައްޓަންވީ އެވެ. އޮފީހުގައި އިންނައިރުވެސް އެންމެ ފަސޭހައިން ފެންނަ ތަނެއްގައި ނޯޓެއް ހަރުކޮށްލާފައި ބަހައްޓާށެވެ. ގިނަ ފަހަރަށް ނިޔަފަތި ކެވެނީ ހަށިގަނޑުގައި ކެލްޝިއަމް މަދުވީމަ ކަމަށްވެ އެވެ. އެހެންވީމަ ކެއުމުގައި ވީހާވެސް ބޮޑަށް ކެލްޝިއަމް ހިމަނަން ވާނެ އެވެ. ކިރުގެ ބާވަތްތައް ގިނަ ކުރެވިދާނެ އެވެ.

ނިޔަފަތި ކެވެނީ ސްޓްރެސް ވެގެން ކަމަށްވާނަމަ އެކަމަށް މިހާރުން ފެށިގެން ފަރުވާކުރަން ފަށާށެވެ. ނޫނީ އެކަން ނަފްސާނީ މައްސަލަތަކެއްގެ ތެރެއަށް މީހާ ގަންބާލަފާނެ އެވެ.

އަދިވެސް އިތުރު ގޮތެއް އެބަ އޮތެވެ. ނިޔަފަތީގައި އެއްޗެއް އުނގުޅާށެވެ. ޓިޔުޓެކްސް އަކީ ވަރަށް ރަނގަޅު ހައްލަކަށްވާނެ އެވެ.