ބޭރު ކުޅިވަރު

ފުރަތަމަ ލެގުން އެތުލެޓިކޯ ބަލިވިޔަސް ސިމިއޯނީ ފިކުރުބޮޑެއްނުވޭ

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ބަޔާ ލޭވަކޫސަން އަތުން 1-0 އިން ރަށުން ބޭރުގައި ބަލިވިޔަސް، ފިކުރުބޮޑުނުވާ ކަމަށާއި އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގުގައި އެތުލެޓިކޯ ކޮޅަށް ނަތީޖާ އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.

ލޭވަކޫސަންގެ ދަނޑުގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ޖެހީ ތުރުކީގެ މިޑްފީލްޑަރު ހަކާން ހަލަނޮގްލޫ އެވެ. މި މެޗުގެ 76 ވަނަ މިނިޓުގައި އެތުލެޓިކޯގެ ޕޯޗުގަލް މިޑްފީލްޑަރު ތިއާގޯ އަށް ރަތްކާޑު ދެއްކުމުން އެ ޓީމު މެޗު ނިންމާލީ ދިހަ ކުޅުންތެރިންނާއެކު އެވެ.

މިއީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުން ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި އެތުލެޓިކޯ ބަލިވި ދެވަނަ މެޗެވެ.

"ލޭވަކޫސަން އާންމުކޮށް ކުޅޭ ގޮތަށް މި މެޗުގައި އެ ކުޅުނީ. ވަރަށް ރަނގަޅަށް ލޭވަކޫސަން އިން ކުޅުނު،" މެޗަށް ފަހު ސިމިއޯނީ ބުންޏެވެ. "އަހަރެމެންނަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނީ. އެ ޓީމަށް ލިބުނު ފުރުސަތު އެ ޓީމުން ހިފީ. މިއަށްވުރެ ނަތީޖާ ގޯސްވުމުގެ ފުރުސަތު ވެސް އޮތް. އެކަމަކު ދެވަނަ ލެގުގައި އަހަރެމެންނަށް ނަތީޖާ އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް."

 މި މެޗުގައި އެތުލެޓިކޯގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ހޯސޭ ޖިމިނޭޒް އާއި މާރިއޯ ސުއަރޭޒް އަށް އަނިޔާވި ނަމަވެސް، ސިމިއޯނީ ބުނީ އެ ކުޅުންތެރިންނަށް ދެވަނަ ލެގުގައި ނުކުޅެވުނަސް އެއީ މައްސަލައެއް ނޫން ކަމަށެވެ.

"އެއީ މައްސަލައެއް ނޫން. އެކަމަކު އަހަރެން އުންމީދުކުރަނީ ޖިމިނޭސް އާއި ސުއަރޭޒް ދެވެނަ ލެގަށް ފިޓުވާނެ ކަމަށް،" ސިމިއޯނީ ބުންޏެވެ.