ބޭރު ކުޅިވަރު

ހަމަނުޖެހުންތަކާ ގުޅިގެން ގްރީސްގެ ސަރުކާރުން ފުޓްބޯޅަ ލީގުތައް މެދުކަނޑާލައިފި

ހަމަނުޖެހުންތަކާ ގުޅިގެން ގްރީސްގެ ސަރުކާރުން އެ ގައުމުގެ ޕްރޮފެޝަނަލް ފުޓްބޯޅަ ލީގުތައް ސަސްޕެންޑްކޮށްފި އެވެ.

ގްރީސްގެ ސަރުކާރުން އެ ގައުމުގެ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަން އަދި ތިން ވަނަ ޑިވިޝަންގެ ކުޅުން މެދުކަނޑާލީ ގްރީސްގެ ސުޕަ ލީގު (ފުރަތަމަ ޑިވިޝަން)ގައި އާދިއްތަ ދުވަހު އޮލިމްޕިއާކޮސް އާއި ޕަނަތަނައިކޯސް ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުންތަކާޢި، އަންގާރަ ދުވަހު ބޭއްވި ސުޕަ ލީގުގެ ކްލަބުތަކުގެ އިސް އޮފިޝަލުންގެ ބައްދަލުވުމުގައި އޮލިމްޕިއާކޮސް އާއި ޕަނަތަނައިކޯސްގެ އޮފިޝަލުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެންނެވެ.

ހަމަނުޖެހުންތަކާ ގުޅިގެން މި ސީޒަންގައި މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ގްރީސްގެ ފުޓްބޯޅަ ލީގުތަކުގެ ކުޅުން ވަނީ މެދުކަނޑާލައިފަ އެވެ.

ގްރީސްގެ ސަރުކާރުން ވަނީ މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

"ސަރުކާރުން ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ފުޓްބޯޅަ ލީގުތައް ކުރިއާށް ގެންދަން. އެކަމަކު ސަރުކާރުން ބޭނުންވޭ ހުރިހާ ކްލަބުތަކެއް ވެސް މި ކަމަށް އެއްބާރުލުންދީ، މި މައްސަލަ ހައްލުކުރަން މަސައްކަތްކުރަން،" ސުޕަ ލީގުގެ ރައީސްގެ ޖިއޯޖޮސް ބޮރޮވިލޮސް ވިދާޅުވި އެވެ.

ގްރީސްގެ ފުޓްބޯޅަ ލީގުތައް މި ސީޒަންގައި ފުރަތަމަ ފަހަރަށް މެދުކަނޑާލީ ތިން ވަނަ ޑިވިޝަންގެ މެޗެއްގައި ހިނގި ހަމަނުޖެހުމެއްގައި ސަޕޯޓަރެއް މަރުވުމުންނެވެ. އަދި ދެވަނަ ފަހަރަށް ލީގުތައް މެދުކަނޑާލީ ރެފްރީސް ކޮމެޓީގެ އެސިސްޓަންޓް ޑައިރެކްޓަރަށް ހަމަލާ ދީގެންނެވެ.