- އައިޑޮލްގެ އެކްޓަރު އެންމެފަހުން ބޮޑު ސްކްރީނަށް
- ބޭނުންވަނީ ލަވަ ވެސް ކިޔަމުން އެކްޓްކުރަން
- އަލްބަމްގެ މަސައްކަތް ލަސްވެއްޖެ
"ކުރިން ދެން އެހާ ކަމެއް ނޯންނާނެ. އެހާ ލަހުން ނިދައި ހޭލާނީ ވެސް. ކުރާނެ ކަމެއް ވެސް އަނެއްހެން ނޯންނާނެ އޭރަކު. އެކަމަކު މިހާރު ލައިފް ވަރަށް ބިޒީވެއްޖެ. އެކަމަކު ސްޓޭބަލް ވެސްމެ،" މޯލްޑިވިއަން އައިޑޮލްއާ އެކު ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދައި އެތައް ބައެއްގެ ހިތްތައް ފަތަހަކުރި ޒުވާން ލަވަކިޔުންތެރިޔާ، އިބްރާހިމް އަމާންގެ މިހާރުގެ ދިރިއުޅުމުގެ ވާހަކަ އޭނާ ފެށީ މިހެންނެވެ.
"މިހާރު މި އުޅެން ޖެހެނީ އަބަދުވެސް ކޮންމެވެސް ޝޯއެއްގެ ކަމެއްގައި ނުވަތަ އިންޓަވިއުއެއް ދޭން ނޫން ނަމަ ގެސްޓެއްގެ ގޮތުގައި ތަނަކަށް ދާން ނޫނީ ކޮންމެވެސް ބޭފުޅަކާ ބައްދަލުކޮށް އިވެންޓެއްގެ ތެރޭގައި"
"އަސްލު މި ބަދަލު އައީމަ ވަރަށް ވަރަށް އުފާވޭ. އެންމެ އުފާވަނީ މީހުން އަމާން ބަލައިގަތީމަ. ކުރިން އަމާން މަގުމަތިން ހިނގާލާފައި ދާއިރު މީހަކު އަމާނަކަށް ސަމާލުކަމެއް ވެސް ނުދޭނެ. އެކަމަކު މިހާރު އަޅުގަނޑު ފިޔަވަޅު އަޅާލާ ގޮތަކުން ވެސް މީހުން ސަމާލުކަން ދޭނެ."
ވަރަށް ވެސް ރަނގަޅު ވާހަކައެކެވެ. އައިޑޮލްގެ ތަޖުރިބާ އަށް ފަހު އަމާންގެ މުޅި ދިރިއުޅުން ބަދަލުވެއްޖެ އެވެ. އޭނާ ނިދާ ގަޑިތަކާއި ހޭލާގަޑިތަކާއި މަގުމަތީގައި އުޅޭ ގޮތާއި ވާހަކަ ދައްކާ ގޮތަށް ވެސް ހެޔޮ ބަދަލުއަތުވެއްޖެ އެވެ. -- ކުރީގެ ހަލަބޮލި ދިރިއުޅުން ހަމަ ރަނގަޅަށް ވެސް "އަމާން" ވެއްޖެ އެވެ.
އަނެއްކޮޅުން އޭނާގެ މި އާ ދިރިއުޅުމުގައި މިހާރު ވަނީ ހުނަރުވެރިކަމުގެ އެހެން ކުރިއެއް ވެސް ފަޅައި ފޯދެން ގާތްވެފަ އެވެ. މޯލްޑިވިއަން އައިޑޮލްގެ ތެރެއިން ވެސް އެކްޓިންގެ ކުލަވަރާއި ހުނަރުވެރިކަން ދައްކަމުންދިޔަ މި ޒުވާނާ އަކީ ޑާކް ރެއިން އެންޓަޓެއިންމަންޓުން އަލަށް އުފައްދާ ރޮމޭންޓިކް ކޮމެޑީ "މިއީ ލޯތްބަކީ" ގެ މުހިންމު ތަރިއެކެވެ.
މަޝްހޫރު އަދި ދިވެހި ސިނަމާގެ ފަހުރާ ގުޅިފައިވާ ސްޓޫޑިއޯއަކާ އެކު އެންމެ މަޝްހޫރު އެކްޓަރުންނާ އެއް ހަމައެއްގައި މަސައްކަތްކޮށްލަން ފުރުސަތު ލިބުމުން އަމާން ހުރީ އަދި ވަކިން ބޮޑަށް އުފާވެފަ އެވެ.
ފިލްމުގައި އޭނާ ފެނިގެންދާނީ މަޝްހޫރު ބަތަލް މުހައްމަދު ޖުމައްޔިލް އާއި މަރިޔަމް އައްޒައާ އެކުގަ އެވެ.
"ޖުމައްޔިލް އާއި އައްޒައާ އެކުގައި މަސައްކަތްކޮށްލަން ލިބުމަކީ އަސްލު ވަރަށް ބޮޑު ފަހުރެއް. ޕާސަނަލީ އަލަށް އެމީހުންނާ ދިމާވެ މިގޮތަށް މަސައްކަތްކޮށްލަން ފުރުސަތު މި ލިބުނީ. އެ އެންމެން ވެސް ވަރަށް މަޖާ ވަރަށް ފްރެންޑްލީ،" އަމާން ބުންޏެވެ.
"މިއީ މުޅި ފިލްމީ ދާއިރާ އިން ވެސް މަސައްކަތްކޮށްލަން އެންމެ ބޭނުންވި މީހުން. އެއީ ޑާކް ރެއިންގެ އެންމެ ފަހުގެ ދެ ފިލްމު ބަލާފައި ވެސް އެމީހުންގެ ގޮތް ދަސްވެ، ފިލްމީ ދާއިރާ އަށް އެމީހުން ގެނެސްފައިވާ އިންގިލާބު ވެސް ފާހަގަކޮށްލެވޭ. އަޅުގަނޑަށް ވަރަށް ކަމުދޭ އެމީހުންގެ މަސައްކަތް. އެ ސްޓޫޑިއޯގެ ޕްރޮޑިއުސަރު މޮގާގެ މަސައްކަތް ވަރަށް ބޮޑަށް އެޕްރެޝިއޭޓްކުރަން."
އަބަދުވެސް އޭނާ އަކީ އެކްޓަރެއް!
އެކަން އޭނާ ވަނީ މޯލްޑިވިއަން އައިޑޮލްގައި ވެސް ނިކަން ރަނގަޅަށް ސާބިތުކޮށްދީފަ އެވެ. އެކްޓްކުރެވިދާނެކަން އޭނާ ސާބިތުކޮށްދީފައި ވަނިކޮށް "މިއީ ލޯތްބަކީ" އިން ފުރުސަތު ދޭން ސީދާ އަމާންގެ ގާތަށް ދިޔައީ ޑާކް ރެއިންގެ ޕްރޮޑިއުސަރާއި ޑައިރެކްޓަރެވެ.
އަމާން ބުނީ އެމީހުން ހިފައިގެން އައި ރޯލުވީ ސީދާ އޭނާ އަށް ހާއްސަކޮށްފައި އޮތް ކަހަލަ ރޯލަކަށް ކަމަށާއި ފިލްމަކުން ފެންނާނެ އިރަކަށް ފޭނުން ވެސް އިންތިޒާރުކުރާތީ ލިބުނު ފުރުސަތުގެ ބޭނުން ހުރިހާ ގޮތަކަށް ހިފަން ނިންމީ ކަމަށެވެ.
"ސްކްރިޕްޓް ކުޑަކޮށް ކިޔާލަދޭއިރަށް އަޅުގަނޑު ވަރަށް އިންޓްރެސްޓްވެއްޖެ. ދެން އަނެއްކާ ފިލްމުގައި އަޅުގަނޑު ކުޅެން ޖެހޭ ރޯލު ކިޔައިދިނީމަ ބުނެލެވުނީ ތިއީ މަށެއް ނޫން ހެއްޔޭ. ޕާސަނާލިޓީ އަށް ބަލާ ނަމަ އެއްކޮށް އަޅުގަނޑުގެ ކެރެކްޓާ ސީދާ ނުފެނިދާނެ އެކަމަކު އޭގައި މަޖާ ސަކަ މިޒާޖެއް ދައްކާ ނަމަ އެއީ ހަމަ ސީދާ އަމާން،" ސްކޫލް ދައުރުގައި ވެސް ޑްރާމާކުޅެ ފޯރި ނެގި އަމާން ބުންޏެވެ.
"ހޮލީވުޑާއި ބޮލީވުޑަށް ބެލިޔަސް، ލަވަކިޔުންތެރިން ވަރަށް ގިނައިން ފިލްމު ކުޅޭނެ. އެގޮތަށް އަމާން ވެސް ބޭނުންވަނީ ލަވަކިޔަމުން ފިލްމުކުޅެން. ކޮންމެހެން މާ ގިނަ ސީރީޒްތަކަކަށް މާ ގިނަ ފިލްމުތަކެއް ކުޅޭކަށެއް ނޫން."
އެކަމަކު ޑާކް ރެއިންގެ ފިލްމުގައި އޭނާ ކުޅެނީ އާދައިގެ ރޯލެއް ނޫނެވެ. އޭގެ އިތުރުން ފިލްމުގައި އަމާންގެ ލަވަތަކެއް ވެސް ހިމެނެ އެވެ.
"ފިލްމުގައި ކުޅެނީ ވަރަށް ބޮޑު ރޯލެއް. އޭގައި ދައްކުވައިދޭނީ ފަސް އެކުވެރިންގެ ވާހަކަ. އޭގެ ތެރެއިން އެކަކު އަޅުގަނޑަކީ،" އަމާން ބުންޏެވެ.
"ފިލްމަށް ލަވަކިޔާ އެކަކަކީ ވެސް އަޅުގަނޑު. އަޅުގަނޑަށް ވަނީ ފިލްމުގެ ދެ ލަވައެއް ރިކޯޑްކުރުމުގެ ފުރުސަތު ލިބިފައި. އޭގެ ތެރެއިން އެއް ލަވައަކީ ސީދާ ފިލްމުގެ ސްޓޯރީލައިނަށް އަޅުގަނޑު ހަދާ އަމިއްލަ ލަވައެއް. އަނެއް ލަވަ އަކީ ޓްރިއޯ ބޭންޑްގެ ކަވާ ލަވައެއް."
ބިޒީވެ އަލްބަމްގެ މަސައްކަތް ލަސްވެއްޖެ
ޑާކް ރެއިންގެ ފިލްމުން ފުރުސަތު ލިބުމުގެ ކުރިން އަމާން ވިސްނައިގެން ހުރީ އޭނާގެ އަމިއްލަ ރާގުގެ ލަވަ ހިމެނޭ އަލްބަމެއް އަންނަ ނޮވެމްބަރު މަހު އެހުންތެރިންނާ ހަމަ އަށް ގެނެސްދިނުމަށެވެ. ނަމަވެސް ފިލްމުގެ މަސައްކަތާއި އިތުރު ޝޯތަކާ އެކު އޭނާގެ ދުވަސްތައް އިތުރަށް ބިޒީވުމުން މިހާރު ވަނީ އަލްބަމްގެ މަސައްކަތް ފަސްކުރަން މަޖުބޫރުވެފަ އެވެ.
"މޯލްޑިވިއަން އައިޑޮލް އަށް ފަހު ލިބޭ ފީޑްބެކްސް މިހާރު ވަރަށް ރަނގަޅު. އަމިއްލަ އަލްބަމަކަށް ވެސް މަސައްކަތްކުރަމުން މި ދަނީ. ކުރިން އަޅުގަނޑު ބުނެފައިވާނީ ނޮވެމްބަރު މަހު އަލްބަމް ނެރެންށޭ މަސައްކަތްކުރަނީ. އެކަމަކު މިހާރު ފިލްމުގެ ޝޫޓިންތަކާއި އެހެން ޝޯތަކާ ހެދި އަލްބަމްގެ މަސައްކަތް ވަރަށް ބޮޑަށް ފަސްވަމުން ދަނީ ވަގުތު ނުލިބޭތީ،" ހަ ލަވައިގެ އަލްބަމަށް ވެފައިވާ ގޮތް ކިޔައިދެމުން އަމާން ބުންޏެވެ.
ފިލްމު ކުޅެން ޖެހިގެން އަލްބަމްގެ މަސައްކަތް ލަސްވިޔަސް އަމާން ބުނަނީ އައިޑޮލް އަށް ފަހު އޭނާގެ ލަވަކިޔުމަށް ލިބޭ ތަރުހީބު މިހާރު ބޮޑުވެފައިވާ ކަމަށެވެ.
"އައިޑޮލް އަށް ފަހު މި ކުޅޭ ޝޯތަކުން ލިބޭ ފީޑްބެކްސް ވަރަށް ސަޅި. އެންމެފަހުން އީދުގައި ޝޯ ކުޅުނީ ލ. އަތޮޅުގައި. އެފަހަރު ވެސް މީހުން ބުނި، އައިޑޮލް އަށް ވުރެން މިހާރު މާ ބޮޑަށް އިމްޕްރޫވެއްޖެއޭ. ވަރަށް އުފާވޭ އެކަހަލަ ފީޑްބެކްސް ލިބުނީމަ. ވަރަށް ގިނަ މީހުން ބުނޭ ވޮއިސް ރޭންޖު ހައި ވެއްޖެއޭ ޕިޗީއެއް ނުވެއޭ، ހިފެހެއްޓުން ވަރަށް ރަނގަޅުވެއްޖެއޭ،" އަމާން ބުންޏެވެ.
- ފޮޓޯގްރެފީ އަދި ރީޓަޗިން: އަހުމަދު ސައްފާހް / އަހުމަދު ޝުރާއު
- މޭކަޕް އަދި ސްޓައިލިން: ޒައީ
- ވޯޑްރޯބް: ޗެޕްސް ރިޒާވްޑް