ހަބަރު

އެލުމިނިއަމް ކަރަންޓު ކޭބަލް ރާއްޖޭގައި ބޭނުންކުރުން ރައްކާތެރިއެއް ނޫން

ކަރަންޓު ނިޒާމްތަކުގައި އެލުމިނިއަމް ކޭބަލް ބޭނުންކުރުން މަނާ ކަމަށާއި އެ ހުއްދަ ދޫކުރުމަށް އަދިވެސް ހަމަޖެހިފައި ނުވާ ކަމަށް މޯލްޑިވްސް ހަކަތައާ ބެހޭ އޮތޯރިޓީން ބުނެފި އެވެ.

ކަރަންޓުގެ ނިޒާމުތަކުގައި އެލުމިނިއަމް ކޭބަލް ބޭނުންކުރުމުގެ ހުއްދައަށް އެދި ބައެއް ފަރާތްތަކުން ހުށަހަޅަމުންދާތީ އެ އޮތޯރިޓީން މިއަދު އާްމުކުރި ލިޔުމެއްގައި ބުނީ، ދުނިޔޭގެ މާކެޓުގައި ލިބެން ހުރި ކަރަންޓު ކޭބަލާއި ނަރުގެ ބާވަތްތަކުގެ ތެރެއިން ރާއްޖޭގެ ކަރަންޓުގެ ނިޒާމުތަކުގައި ބޭނުންކުރަން އެންމެ ރަނގަޅު ބާވަތަކާ ގުޅޭގޮތުން މިހާތަނަށް ހެދި ސާވޭތަކުން ރާއްޖޭގައި ބޭނުންކުރުން އެންމެ ރަނގަޅީ ކޮޕާ ކޭބަލް ކަން ދެނެގަނެވިފައިވާ ކަމަށެވެ.
އަދި ރާއްޖޭގެ މާހައުލުގައި ލޮނުގެ އަސަރު މަތިވުމުގެ ސަބަބުން ކޮޕަ ކޭބަލްއާ އަޅާ ބަލާއިރު އެލުމިނިއަމް ކޭބަލް މާއަވަހަށް ހަލާކުވާތީ، އެލުމިނިއަމް ކޭބަލްގެ މެއިންޓަނަންސް މަސައްކަތްތައް އަވަސް އަވަހަށް ކުރަންޖެހޭ ކަމަށާ، މި ވަގުތު ރާއްޖޭގައި ހާލަތައް ބަލާއިރު އެލުމިނިއަމް ކޭބަލްގެ މެއިންޓަނަންސަށް ކުރަންޖެހޭ ކަންކަމަށް އެކަށީގެންވާ އިންތިޒާމުތަކެއް ހަމަޖެހިފައި ނުހުންނަކަމަށެވެ. އެހެންކަމުން ކަރަންޓުގެ ނިޒާމުތަކުގައި އެލުމިނިއަމް ކޭބަލް ބޭނުންކުރުމަކީ ނުރައްކާތެރި ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑު ކަމެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ރާއްޖޭގެ ކަރަންޓުގެ ނިޒާމުތަކުގައި އެލުމިނިއަމް ކޭބަލާއި ނަރު ބޭނުންކުރުމުގެ ހުއްދަ ނުދިނުމަށް 2010 ވަނަ ދުވަހު، އެނާޖީ އޮތޯރިޓީގެ ގަވަރނިންގ ބޯޑުން ވަނީ ނިންމާފަ އެވެ.

އެ އޮތޯރިޓީން ބުނީ މިހާޜުވެސް އަމަލުކުރަމުންދަނީ އެ ގަވާއިދަށް ކަމަށް ވުމުން، އެއްވެސް ފަރާތެއްގެ އެދުމަކަށް ކަރަންޓުގެ ނިޒާމުތަކުގައި އެލުމިނިއަމް ކޭބަލާއި ނަރު ބޭނުންކުރުމުގެ ހުއްދަ ނުދޭނެ ކަމަށެވެ.

"..ދިވެހިރާއްޖޭގައި ދެވޭ ކަރަންޓުގެ ހިދުމަތަކީ މުދަލާއި ފުރާނައިގެ ސަލާމަތާއި ރައްކާތެރިކަން އެންމެރަނގަޅަށް ޔަގީން ކުރެވިގެން ދެވޭ ހިދުމަތެއްކަމުގައި ހެދުމަށް މިކަމާގުޅޭ ހުރިހާފަރާތްތަކަށް އިލްތިމާސް ކުަން،" އެނާޖީ އޮތޯރިޓީގެ އިއުލާނުގައި ބުންޏެވެ.