- ޕްރިމިއަމް ނަގަނީ ވިޔަފާރިއަށް ބަލާފަ
- އާއްމު އަގަށްވުރެ 10-15 ހެޔޮ
- ގެއްލުމަށް ފުރިހަމަ ބަދަލެއް ލިބިދޭ
އެލައިޑް އިންޝުއަރެންސުން ގެސްޓްހައުސްތަކަށް ހާއްސަ އިންޝުއަރެންސް ޕެކޭޖުތަކެއް ތައާރަފުކޮށްފި އެވެ.
ދަރުބާރުގޭގައި ކުރިއަށްދިޔަ "ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސް" ގައި އެލައިޑުން ތިން ޕެކޭޖެއް ތައާރަފުކޮށްފައިވެ އެވެ. މި ޕެކޭޖުތަކުގެ ތެރޭގައި ހިމެނެނީ "ގެސްޓްހައުސް ބަޖެޓް" އާއި "ގެސްޓްހައުސް ޕްލަސް" އަދި "ގެސްޓްހައުސް ޕްރިމިއަމް" އެވެ.
އެލައިޑް އިންޝުއަރެންސުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް ވިދާޅުވީ މި އިންޝުއަރެންސް ޕެކޭޖުތަކުން ބޮޑު ރައްކާތެރިކަމެއް ލިބިގެންދާނެ ކަމަށާއި އެގޮތުން ގުދުރަތީ ގޮތުން ލިބޭ ގެއްލުމުގެ ބަދަލު ވެސް ނަގައިދޭނެ ކަމަށެވެ.
"މި ހިދުމަތުގައި ވިޔަފާރި ހުއްޓުމަކަށް އަންނައިރު ހިނގާ ސްޓޭންޑިން ހަރަދުތައް މިސާލަކަށް އިމާރާތުގެ ކުލި ފަދަ ހަރަދުތަކަށްވެސް ބަދަލު ހޯދުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ،" އަމީލް ވިދާޅުވި އެވެ.
އެލައިޑުން ބުނީ މި ޕެކޭޖުތަކުން ގެސްޓްހައުސްތަކަށް ގުދުރަތީ ކާރިސާތަކާއި އެކްސިޑެންޓްތަކާއި ގަސްތުގައި ދެވޭ ގެއްލުން އަދި ވައްކަމުގެ ސަބަބުން ލިބޭ ގެއްލުމަށް ވެސް ބަދަލު ލިބިދެ އެވެ. އަދި މީގެ އިތުރުން ގެސްޓްހައުސްގައި ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުންވެސް މި ޕެކޭޖުން ބަދަލު ނަގައިދެ އެވެ.
އެލައިޑް އިންޝުއަރެންސުގެ މެނޭޖަރު މާކެޓިން ނިއުޝާދު ޝަރީފު ވިދާޅުވީ މި އިންޝުއަރެންސް ޕެކޭޖުތައް ފަރުމާކޮށްފައިވާނީ ގެސްޓްހައުސް ވިޔަފާރިތަކަށް ބެލުމަށްފަހު ކަމަށެވެ.
"ވިޔަފާރީގެ ސައިޒަށް ބަލާފައި ޕްރިމިއަމް ކަނޑައަޅާނީ. އެކަމަކު އާއްމުކޮށް ދޫކުރާ ރޭޓްތަކަށްވުރެ 10-15 ޕަސެންޓް ކުޑަވާނެ،" ނިއުޝާދު ވިދާޅުވި އެވެ.
ވޯޓާ ސްޕޯޓްސްގައި ލިބޭ ގެއްލުމުގެ ބަދަލު ލިބޭ
މި ޕެކޭޖުތަކުގައި ހަމައެކަނި ކަވަރު ކުރަނީ ގެސްޓްހައުސްގެ ވިޔަފާރި އެކަންޏެއްވެސް ނޫނެވެ. މިގޮތުން މި ޕެކޭޖުތަކުގެ ތެރޭގައި ހިމެނޭ "ގެސްޓްހައުސް ޕްރިމިއަމް" ނަގާ ފަރާތްތަކަށް މޫދު ކުޅިވަރުގައި ހަރަކާތްތެރިވަނިކޮށް ލިބޭ ގެއްލުމަށްވެސް ބަދަލު ނަގައިދެވެ އެވެ. އަދި ގުދުރަތީ ކާރިސާއެއްގައި ވިޔަފާރި ހުއްޓުމަކަށް އަންނަ ފަދަ ހާލަތްތަކުގައި ބަދަލު ނަގައިދެ އެވެ.
އެޑްއޯން ތަކެއް ވެސް ހިމެނޭ
އެލައިޑްގެ ގެސްޓްހައުސް ޕެކޭޖުތައް ފަރުމާކޮށްފައިވަނީ އިތުރު ބައިތައް އެޑްއޯންސްގެ ގޮތުގައި އެޑްކޮށްލެވޭ ގޮތަށެވެ. އެގޮތުން ޑިންގީ އާއި ދޯނި އަދި ލޯންޗުގެ އިތުރުން ކަނޑުމަގުން ގެންދަ ކާބޯތަކެތި ރައްކާތެރި ކޮށްދެ އެވެ. މީގެ އިތުރުން ގެސްޓްހައުސްގެ އިލެކްޓްރޯނިކް އިކްއިޕްމަންޓްތައްވެސް ކަވަރު ކޮށްދެ އެވެ. އަދި މި ޕެކޭޖުގެ ހާއްސަ އަނެއް ކަމަކީ ގެސްޓްހައުސްތަކުން ޑައިވްކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށް ޑައިވާސް އެސޯސިއޭޝަންގެ ޑައިވް އިންޝުއަރެންސް ލިބުމެވެ.