ވިޔަފާރި

ދިރާގުން ގެސްޓްހައުސްތަކަށް ހާއްސަ އިންޓަނެޓު ޕެކޭޖްތަކެއް!

Sep 24, 2016

ދިރާގުން ގެސްޓްހައުސްތަކަށް ހާއްސަ އިންޓަނެޓް ޕެކޭޖުތަކެއް މިއަދު ތައާރަފުކޮށްފި އެވެ.

ދަރުބާރުގޭގައި ކުރިއަށްދިޔަ "ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސް 2016" ގައި ނެރުނު ޕެކޭޖުތައް ފަރުމާކޮށްފައިވަނީ ސީދާ ގެސްޓްހައުސް ވިޔަފާރިއަށެވެ. މިގޮތުން ހަަތަރު ޕެކޭޖެއް ތައާރަފުކޮށްފައިވެ އެވެ.

މި ޕެކޭޖުތައް ފަރުމާކޮށްފައިވަނީ ގެސްޓްހައުސްތަކުން މާކެޓިން އާއި އޮންލައިން ބުކިން އަދި މިނޫންވެސް ހިންގާ ހަރަކާތްތަކުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ ގޮތަށެވެ. މި ޕެކޭޖުތައް ފަރުމާކޮށްފައިވަނީ ސެޓެލައިޓް ވަޔަލެސް މެނޭޖުމަންޓް ސިސްޓަމްއަކާއެކުގަ އެވެ. މިގޮތުން މި ޕެކޭޖުތައް ނަގާ ފަރާތްތަކަށް ޓޫރިސްޓުން ބޭނުން ކުރުމަށް ހާއްސަ އިންޓަނެޓުގެ ހިދުމަތް ވެސް ދެވޭނެ އެވެ.

ދިރާގުގެ މެނޭޖަރު މާކެޓިން އެންޑް ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މި ޕެކޭޖުތައް ފަރުމާކޮށްފައިވަނީ ގެސްޓްހައުސް ވިޔަފާރިއަށް ހާއްސަކޮށްގެން ކަމަށެވެ.

"މުޅި ރާއްޖެއަށް ގެސްޓްހައުސް ވަނީ ފެތުރިފައި. ފިކްސްޓް އިންޓަނެޓުގެ ހިދުމަތް ނެތް ރަށްރަށުގެ ގެސްޓްހައުސްތަކަށް ވެސް މި ޕެކޭޖުތައް ނެގުމުން ފިކްސް އިންޓަނެޓުގެ ހިދުމަތް ދިރާގުން ފޯރުކޮށްދޭނެ،" މިރުޝާން ވިދާޅުވި އެވެ.

ދިރާގުން ބުނީ ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ނެރުނު ޕެކޭޖުތަކުގެ އަގުތައް ސީދާ ގެސްޓްހައުސްތަކާ އެ ކުންފުނިން ހިއްސާކުރަމުންދާނެ ކަމަށެވެ.