ރާއްޖެ ކުޅިވަރު

ހަތަރު ދުވަސް ފަހުން ޓޮމްގެ ބަސް: ދިމާވެގެން އުޅެނީ ކުޑަކުޑަ ކަމެއް!

އެފްއޭއެމުން ފަސް މެމްބަރަކު އިސްތިއުފާދީ އޭނާގެ މަގާމު ގެއްލުވާލިތާ ހަތަރު ދުވަސް ފަހުން ރައީސް އަހުމަދު ތޯރިގް (ޓޮމް) ފުރަތަމަ ފަހަރަށް އެފްއޭއެމުގެ މައްސަަލައާ ގުޅޭގޮތުން ބަހެއް ބުނެފި އެވެ.

އޭނާގެ ރަސްމީ ފޭސްބުކްގައި ޖަހާފައިވަނީ "އެފްއޭއެމުގައި ދިމާވެގެން އުޅެނީ ވަރަށް ކުޑަކުޑަކަމެއް،" ކަމަށާއި އެއީ "އެފްއޭއެމުގެ އަސާސީ ގަވާއިދުގައިވާ ނަމެއްގެ މައްސަލަ،" ކަމަށެވެ. އަދި އެއީ "އެފްއޭއެމުގައި އިންތިހާބުކުރާ އެންމެ އިސް ފަރާތަށް ރައީސް ކިޔާކަމެވެ،".އިތުރު އެއްޗެއް ޓޮމް ވިދާޅުވަފައެއް ނުވެ އެވެ.

ނިއުރޭޑިއަންޓާއި ކުރީގެ ގައުމީ ފޯވަޑް މިފަދައިން ބުނެފައިވާއިރު އޭނާއަށް އަމާޒުކޮށް އިސްތިއުފާދެއްވި ފަސް މެމްބަރުން ކޮށްފައިވާ އެއްވެސް ތުހުމަތަކަށް ޖަވަބުދީފައިނުވެ އެވެ.

ޓޮމް، އެފްއޭއެމް ހިންގަވަމުން ގެންދެވި ގޮތާމެދު ހިތްހަމަ ނުޖެހިގެން އިސްތިއުފާދީ އޭނާ މަގާމު ގެއްލުވި ފަސް މެމްބަރުންނަކީ ނާއިބް ރައީސް އަދި ކުރީގެ ގައުމި ފޯވަޑް އަލީ އުމަރާއި އެކްސްކޯ މެމްބަރުން ކަމަށްވާ ގައުމީ ޓީމުގެ ފިޒީޝަން އަހުމަދު ޝަކީބާއި، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން އައްސަދު އަބުދުލްގަނީ އާއި ކުރީގެ މަޝްހޫރު ވޮލީކުޅުންތެރިޔާ އައިޝަތު ނާޒިމާ އާއި ޓީސީގެ އަހުމަދު އީސާ އެވެ.

މި ފަސް މެމްބަރުން ވަނީ އެފްއޭއެމުގައި ގަވާއިދާ ހިލާފަށް ގިނަ ކަންތައްތަކެއް ހިނގާތީވެ އެކަން ޓޮމްގެ ސަމާލުކަމަށް ގެނައި ނަމަވެސް އަޅާނުލާ ކަމަށް ބުނެފަ އެވެ. އަދި ޖެނެރަލް ސެކްރެޓަރީ މަގާމުން ވަކިކުރީ ވެސް ގަވައިދާ ހިލާފަށް ކަމަށް ބުނެފަ އެވެ. ފީފާއިން މިހާރު ވަނީ ޖެނެރަލް ސެކްރެޓަރީ މަގާމުން ވަކިކުރި ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ ޔައުމިއްޔާ ފޮނުވައިދިނުމަށް ޓޮމް އަށް އަންގާފަ އެވެ. އަދި އެއީ ގޯސްކޮށް ކޮށްފައިވާ ކަމެއްކަަމަށްވާނަމަ ޖެނެރަލް ސެކްރެޓަރީގެ މަގާމު އިއާދަކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. އެކްސްކޯ މެމްބަރުން ބުނަނީ އެކަން ކުރީ ބައްދަލުވުމެއް ވެސް ނުބާއްވާ ކަމަށެވެ.