ބޮލީވުޑް

ކަރަން ޖޯހަރުގެ އާފިލްމުގައި ކެޓްރީނާ އާއި ފަވަދް

Sep 25, 2016

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްގެ އެންމެފަހުން ރިލީޒްވި ދެފިލްމު، "ފިތޫރް" އާއި "ބާރް ބާރް ދޭކޯ" ފްލޮޕްވެފައިވީ ނަމަވެސް އޭނާ އަކީ ބޮލީވުޑްގެ އެންމެ ބޮޑު ޑިމާންޑެއް އޮތް ބަތަލާ އެވެ.

ޖެހިގެން ދެފިލްމެއް ފްލޮޕްވީ ނަމަވެސް އޭނާގެ ކެރިއަރަށް އެކަމުން މާބޮޑު އަސަރުތަކެއް ކުރިހެން ހިއެއްނުވެ އެވެ. ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ދެން އުފައްދާ ފިލްމުގެ ބަތަލާ އަށް ކެޓްރީނާ ހަމަޖެއްސި ކަމުގެ ވާހަކަތައް ދެކެވެމުން އަންނަނީ ކަރަން ޕްރޮޑިއުސްކުރި "ބާރް ބާރް ދޭކޯ" އަށްފަހު ކެޓްރީނާ ކަރަންގެ ޑްރީމް ޓުއާގައި ބައިވެރިވި ހިސާބުންނެވެ.

ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ މިފިލްމުގައި ކެޓްރީނާ އާއެކު ބަތަލެއްގެ ރޯލުން ފެނިގެންދާނީ ޕާކިސްތާނުގެ އެކްޓަރު ފަވަދް ޚާން ކަމަށްވެ އެވެ.

މިފިލްމުގެ ލީޑްތަރިންނަކީ ކެޓްރީނާ އާއި ފަވަދް ކަން ދަރްމާ ޕްރޮޑަކްޝަނުން އަދި ޔަގީންނުކޮށްދިން ނަމަވެސް މިފަހުން ނޫހަކަށް ދިން އިންޓަވިއުއެއްގައި ކެޓްރީނާ ވަނީ ދެން އޭނާ ކުޅޭ ފިލްމުގެ ޝޫޓިން ފަށާނީ ފާއިތުވި ދެއަހަރުން ފެށިގެން އޭނާ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާ އެކު ކުޅެމުން އަންނަ "ޖައްގާ ޖާސޫސް" ގެ ޝޫޓިން ނިމުމުން ކަމަށް ވަނީ ބުނެފަ އެވެ.

މުޅިން އަލަށް ޑައިރެކްޓަރުގެ ގޮނޑީގައި އިށީންނަ އަދިތްޔަ ދަރް ޑައިރެކްޓްކުރާ މިފިލްމަކީ ޕަންޖާބުގެ ކައިވެނީގެ ތީމްއަކަށް އުތުރު އިންޑިއާގައި ހިނގާ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. އަދި މިފިިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ދިއްލީގައި ކަމަށްވެ އެވެ.

ކެޓްރީނާ އާއެކު މިފިލްމުން ފަވަދް ފެނިގެންދާނަމަ މިއީ ކަރަންގެ "ކަޕޫރް އެންޑް ސަންސް" އާއި "އެއި ދިލްހޭ މުޝްކިލް" އަށްފަހު އޭނާ ފެނިގެންދާނެ ތިންވަނަ ފިލްމެވެ.