ހަބަރު

ނާޒިމްގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ދާތީ ފާސްކުރުމުގެ އަމުރާ މެދު ހައި ކޯޓަށް ގޮތެއް ނުނިންމޭނެ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެޕާޓްމެންޓް ފާސްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ ސައްހަކަމާ މެދު ގޮތެއް ނިންމޭނީ ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިހާރު ހުށަހެޅިފައިވާ މައްސަލައިގެ ޝަރީއަތުގައި ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.

ނާޒިމްގެ އެޕާޓްމެންޓްގައި ހަތިޔާރު ހުރި ކަމަށް ބުނެ އެތަން ފާސްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކުރަން ނާޒިމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މައްސަލައިގައި ނާޒިމްގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އެ އަމުރުގެ ސައްހަ ކަމާ މެދު ހައި ކޯޓުން މިހާރު ގޮތެއް ނިންމުމަކީ ކްރިމިނަލް ކޯޓުގައި އޮތް މައްސަލައަށް އަސަރުކޮށްފާނެ ކަމެއް ކަމަށެވެ.

އެހެންވެ އެ އަމުރުގެ ސައްހަ ކަމާ މެދު ހައި ކޯޓުން މިހާރު ގޮތެއް ކަނޑައަޅާނެ ތަނެއް ނެތް ކަމަށާއި ނަމަވެސް އެ ނުކުތާ ނާޒިމްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި އެ ނުކުތާ ނާޒިމްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި ނަމަ އެ ނުކުތާއާ މެދު އެ ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭނެ ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ހުކުމް ކުރުމާ އެކު ކޯޓުން ނިކުމެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނާޒިމްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ އެގޮތަށް ކޯޓުން ނިންމުމުން އެ ނުކުތާއާ ދަށު ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ނާޒިމްގެ އެޕާޓްމެންޓުން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް ބުނެ ނާޒިމްގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް ވަނީ ފަށައިފަ އެވެ. އެ ދައުވާއަށް ނާޒިމް އިންކާރު ކުރައްވާއިރު އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.