ހަބަރު

ޕީޕީއެމް-އެމްޑީއޭ ޕީޖީ އޮތީ ބަދަހިކޮށް، އިތުރު ފަސް މެންބަރަކު ގުޅޭނެ: ނިހާން

ޕީޕީއެމް-އެމްޑީއޭގެ ޕީޖީ ގްރޫޕް އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި މަޖިލީހުގެ އިތުރު ފަސް މެންބަރަކު ސަރުކާރާ ގުޅި، މަޖިލީހުގައި ތިބި ސަރުކާރު މެންބަރުންގެ އަދަދު 55 އަށް އަރާނެ ކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ. 

ދެ ޕާޓީގެ ޕީޖީ ގްރޫޕް ގުޅިގެން ދަރުބާރު ގޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ނިހާން ވިދާޅުވީ ސަރުކާރުން ގާނޫނު އަސާސީއާ ހިލާފަށް ކަންތައްތަކެއް ކުރާ ކަމަށް ބުނެ ޖޭޕީ-އެމްޑީޕީ އިން ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކާ ޕީޕީއެމް-އެމްޑީއޭ ޕީޖީ އިން ދެކޮޅު ކަމަށެވެ. އަދި ސަރުކާރަށް ތާއީދު ކުރުމުގެ ގޮތުން މަޖިލީހުގައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ދެ ޕާޓީން ޕީޖީ ވެސް އޮތީ ތައްޔާރަށް ކަމަށް ނިހާން ވިދާޅުވި އެވެ.

"މަޖިލީހުގައި އޮތް އަޅުގަނޑުމެންގެ މެޖޯރިޓީއާ އެކު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް އެހީތެރިވުމަށް ކުރަން ޖެހޭ ކަންކަން އަޅުގަނޑުމެން މަޖިލީހުގެ ތެރެއިން ގުޅިގެން ކުރިއަށް ގެންދާނެ. އަޅުގަނޑުމެން މި އޮތީ ބަދަހިކަމާ އެކު ގުޅިގެން މަސައްކަތް ކުރުމުގެ ރޫހުގައި،" ނިހާން ވިދާޅުވި އެވެ.

މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ޖޭޕީއަށް ދާން އުޅޭ އަޑުތަކާ ގުޅޭ ގޮތުން ނިހާން ވިދާޅުވީ ނަޝީދުއާ މިއަދު ވެސް ވާހަކަ ދެއްކެވި ކަމަށާއި ނަޝީދު ހުންނެވި ޕީޕީއެމް އާއި ސަރުކާރާ އެކުގައި ކަމަށެވެ. އަދި ނަޝީދު މިއަދު ވެސް މަސައްކަތްޕުޅު ކުރެއްވީ، އެސްއީޒެޑް ބޯޑްގެ ގަވާއިދު އެކުލަވާލުމުގައި ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ އެމްޕީ އިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި ސަރުކާރަށް އެހީތެރި ވުމަށް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. ނަމަވެސް ޖޭޕީ-އެމްޑީޕީ ގައި ތިއްބެވި އެމްޕީ އިން ތަކެއް ޕީޕީއެމްއާ ގުޅުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ސަރުކާރުގެ މެޖޯރިޓީގެ އަދަދު އިރާދަ ކުރެއްވިއްޔާ 55 ފަހަށް މި ފެށޭ ދައުރުގެ ތެރޭގައި އަރާނެ. އެކަމަކު އިދިކޮޅު ބޭފުޅުންނަށް މެޖޯރިޓީ ހޯދުމަކީ އެއީ އަދި ވާން ނެތް ކަމެއް،" ނިހާން ވިދާޅުވި އެވެ.

ޕީޕީއެމްގެ 46 މެމްބަރުންނާއި އެމްޑީއޭގެ ފަސް މެމްބަރުންނާ އެކު، މަޖިލީހުގައި ސަރުކާރު ކޯލިޝަންގެ އަދަދު 51 އަކަށް މިހާރު ވެސް އަރަ އެވެ. އެމްޑީޕީގެ 22 މެމްބަރުންނާއި ޖޭޕީގެ ގެ 10 އެކު މަޖިލީހުގައި އިދިކޮޅު ކޯލިޝަނަށް ލިބެނީ، 32 އެކެވެ.

އެ ބައްދަލުވުމަށް ފަހު ޕީޕީއެމް-އެމްޑީއޭ ޕީޖީ ގްރޫޕްގެ މެންބަރުން ވަނީ އެ މީހުންގެ ބަދަހިކަން ދައްކާލުމުގެ ގޮތުން މާލޭގެ ބައެއް މަގުތަކުގައި ހިނގާލައިފަ އެވެ.