ބޮލީވުޑް

އިންޒާރާއެކު ޕާކިސްތާނު އެކްޓަރުން އިންޑިއާ ދޫކޮށް ގޮސްފި

Sep 26, 2016
1

މިމަހުގެ 18 ވަނަ ދުވަހު ކަޝްމީރުގައި ޕާކިސްތާނުން ދިން ހަމަލާގައި އިންޑިއާގެ ސިފައިންގެ 12 މީހަކު މަރުވުމާއި ގުޅިގެން ޕާކިސްތާނާއި އިންޑިއާގެ ސިޔާސީ މަޝްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

މިމައްސަލައިގައި ބޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތްކުރަމުން އަންނަ ޕާކިސްތާނުގެ އެކްޓަރުން 48 ގަަޑިއިރުގެ ތެރޭގައި އެގައުމުން ފުރުމަށް ސިޔާސީ ޕާޓީ މަހަރަޝްތުރާ ނަވްނިރްމަން ސޭނާ (އެމްއެންއެސް) އިން ހުކުރު ދުވަހު އިންޒާރުދީފައިވާއިރު މުމްބައިގައި ތިބި ޕާކިސްތާނުގެ ހުރިހާ އެކްޓަރުން އެގައުމުން ފުރާފައިވާ ކަމަށް އެޕާޓީއިން މިވަނީ ބުނެފަ އެވެ.

އެމްއެންއެސްއިން ދީފައިވާ 48 ގަޑިއިރުގެ ތެރޭގައި ޕާކިސްތާނުގެ ހުރިހާ އެކްޓަރުން އެގައުމުން ބޭރުވެފައިވާ ކަމަށް ބުނަމުން އެޕާޓީގެ ލީޑަރު އަމޭ ކޮޯޕްކަރް ވަނީ އަދިވެސް އެޕާޓީއިން ތިބީ އެމީހުންގެ ނިންމުމާމެދު ސާބިތުކޮށް ކަމަށާއި އަވަށްޓެރި ޕާކިސްތާނުގެ އެއްވެސް އެކްޓަރަކަށް ބޮލީވުޑްގައ މަސައްކަތްކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

"އިންޑިއާއިން ބޭރުނުވެ ޕާކިސްތާނުގެ އެއްވެސް ތަރިއަކު ފިލާހުރިތޯވެސް މިދަނީ ބަލަމުން. އިންޑިއާއިން ނުނިކުމެއްޖެނަމަ ގަދަކަމުން ވެސް ނެރޭނަން" އަމޭ ބުނެފައިވެ އެވެ.

ޕާކިސްތާނުގެ އެކްޓަރުންނަށް އިންޒާރުދީ އެމީހުން އުޅޭ އެއްވެސް ފިލްމެއް އިންޑިއާގައި ރިލީޒްވާނީ، އެފިލްމަކުން އެމީހުންގެ މަންޒަރުތައް އުނިކުރުމުން ކަމަށާއި އެނޫން ގޮތަކަށް އެފިލްމެއް އިންޑިއާގައި ރިލީޒްވިޔަ ނުދޭނެ ކަމަށް ވެސް އެޕާޓީއިން ވަނީ ބުނެފައިވާއިރު، ޕާކިސްތާނުގެ އެކްޓަރުން ހިމަނައިގެން އިންޑިއާގެ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުނަށް ވެސް ދެން ފިލްމު އުފެއްދިޔަ ނުދޭނަ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އެމްއެންއެސްއިން ޕާކިސްތާނުގެ އެކްޓަރުން އިންޑިއާއިން ބޭރުކުރަން އަތުކުރި އޮޅާލައިގެން ތިބިއިރު، ވެރިކަންކުރާ ޕާޓީ ބީޖޭޕީން ވެސް އިއްޔެ ވަނީ ޕާކިސްތާނު އެކްޓަރުންނަށް ބޮލީވުޑުން ފުރުސަތު ދިނުމާ ދެކޮޅުކަން ހާމަކޮށްފަ އެވެ.

އަންނަ މަހުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ކަރަން ޖޯހަރުގެ "އެއި ދިލްހޭ މުޝްކިލް" ގައި މުހިންމު ރޯލަކުން ފަވަދް ޚާން ފެނިގެންދާއިރު، ޝާހްރުކް ޚާން ލީޑްރޯލުން ފެނިގެންދާ "ރައީސް" ގެ ބަތަލާގެ ރޯލުން ޕާކިސްތާނުގެ މަޝްހޫރު ބަތަލާ މާހިރާ ޚާން ފެނިގެންދާނެ އެވެ.

މީގެއިތުރުން ވެސް ޕާކިސްތާނުގެ ޓީވީ ޗެނަލްތައް ވެސް އިންޑީއާގައި ދެއްކުން މަނާކޮށްފައިވާއިރު، ޒީއިން ވަނީ ޕާކިސްތާނުގެ ޓީވީ ޝޯތައް ދައްކާ "ޒީ ޒިންދަގީ" ޗެނަލްގެ ހިދުމަތް މެދުކަނޑާލާފަ އެވެ.

"އެއި ދިލްހޭ މުޝްކިލް" އާއި "ރައީސް" އިންޑިއާގައި ރިލީޒްކުރުމުގެ ހުއްދަ ދޭނީ ފަވަދް އާއި މަހީރާގެ ރޯލު ފިލްމުން ފޮހެލުމުން ކަމަށް އެމްއެންއެސް އާއި ބީޖޭޕީއިން ބުނެފައިވާއިރު، އެދެތަރިންގެ ރޯލު ފިލްމުން އުނިނުކޮށް ރިލީޒްކޮށްފިނަމަ ހަމަނެޖެހުން ހިންގާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އިންޑިއާގެ ކުށެއް ނެތް ރައްޔިތުންނާއި ސިފައިން މަރާ ގައުމެއްގެ ތަރިން ގެނެސް އެމީހުން ފިލްމުތަކުގައި ބައިވެރިކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ބީޖޭޕީއިން ބުނެފައިވާއިރު، ޕާކިސްތާނުގެ ތަރިންނަށް އިންޑިއާއިން އިންޒާރުދީ އެމީހުން އިންޑިއާއިން ބޭރުކުރަން އަޑުއުފުލަމުން ދާތީ ބޮލީވުޑްގެ ތަރިންނާއި ޑައިރެކްޓަރުންގެ އިތުރުން ޕްރޮޑިއުސަރުން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޕާކިސްތާނުގެ ތަރިން އިންޑިއާއިން ބޭރުކުރުމާ ދެކޮޅަށް ވާހަކަދެއްކި ތަރިން ވަނީ ދެގައުމުގެ ދޭތެރޭގައި ޖެހިފައިވަ ސިޔާސީ މައްސަލައިގެ އަދަބު ޕާކިސްތާނުގެ ތަރިންނަށް ލިބެން ޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށާއި ޕާކިސްތާނު އެކްޓަރުން އިންޑިޔާގައި މަސައްކަތްކުރުމުގެ ހުއްދަ ނުދޭން ނިންމުމަކީ އިންޑިއާ ސަރުކާރަށް އެޅިދާނެ ފިޔަވަޅެެއް ކަމަށް ބުނެފަ އެވެ.