ހަބަރު

ސަރުކާރުން ތިން ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި

Feb 26, 2015

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުން ތިން ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ރައީސް އޮފީހުން ބުނީ މަޖިލީހަށް ފޮނުވީ ސިޔާސީ ޕާޓީގެ ގާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ބިލާއި، ޢާއިލާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ކަމަށެވެ.

ސިޔާސީ ޕާޓީގެ ގާނޫނަށް އިޞްލާހު ގެނައުމުގެ ބިލަކީ، އެ ޤާނޫނުގައިވާ ބައެއް މަފްހޫމްތައް ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އާ ޚިލާފުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާތީ، ކޯޓްގެ އެ ގަޒިިއްޔާގައި ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރައްވާފައިވާ އުޞޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާހުތައް ގެނައުމަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ބިލު ސަރުކާރުން ހުށަހެޅުއްވީ، ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާތީއާއި، ރާއްޖޭގެ ޤާނޫނުއަސާސީގެ މައިގަނޑު މަޞްދަރަކީ އިސްލާމްދީން ކަމަށްވާތީ ރާއްޖޭގައި އިސްލާމީ މަތީ ތަޢުލީމުދޭނެ ޚާއްޞަ ޔުނިވާސިޓީއެއް ޤާއިމުވެފައި ހުރުމަކީ އިސްލާމީ ދުނިޔޭގައި ރާއްޖޭގެ ތަޞައްވުރު އިތުރަށް ރަނގަޅުވެ ރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ވަރުގަދަވެ، ރައްޔިތުންނާއި ރައްޔިތުންގެ މުސްތަޤްބަލާ ގުޅުންހުރި މިފަދަ ތަޢުލީމީ މުއައްސަސާއެއްގެ މަޤުޞަދުތަކާއި މަސްއޫލިއްޔަތުތަކާއި ބާރުތައް އެކަށައަޅައި އެކަންކަމާގުޅޭ އުސޫލުތައް ޤާނޫނެއްގައި ބަޔާންވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައި ފެނިވަޑައިގަންނަވާތީއެވެ.

މީގެ އިތުރުން، ޢާއިލާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ސަރުކާރުން ހުށަހެޅީ ސަރުކާރުގެ މެނިފެސްޓޯގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ 'ކައިވެނި ރޫޅުމުން ޢާއިލާ ނިކަމެތި ވެދިޔުމުގެ ފުރުޞަތު ކުޑަކުރުން' ވަޢުދުގެ ދަށުން ކައިވެނި ރޫޅުމާ ގުޅިގެން ދިމާވާ ޙާލަތްތަކުގައި އަންހެން މީހާއަށާއި ކުދީންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭނެ ވަގުތީ ވަސީލަތްތައް ހަމަޖައްސައިދެވޭނެ އިޖުތިމާޢީ އަދި ޤާނޫނީ އުސޫލު ތަޢާރަފުކުރުމާއި 'ކައިވެނި ރޫޅިއްޖެނަމަ އެކުގައި ހޯދާފައިވާ މުދަލުން ހައްޤު ހިއްސާ ހޯދައިދޭނަން' ވަޢުދުގެ ދަށުން ދެމަފިރީން އެކުގައި މުދާ ހޯދާފައިވަނިކޮށް ކައިވެނި ރޫޅިއްޖެނަމަ އެމުދަލުގައި ދެފަރާތުން ބައިވެރިވި މިންވަރުގެ މައްޗަށް ބިނާކޮށް ދެމީހުން ހިއްސާވާ ވަރު ކަނޑައެޅުމުގެ ބާރާއި އުސޫލުތައް ޤާއިމުކުރުމެވެ.